ދެ މީހުން ޖާމިނު ކުރުމަށް ފަހު، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލާފައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނައީމާ އަދި ކޮއްކޮ އަފީފާ މޫސާ ޖާމިނުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހެގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ.
ދައުލަތުގެ ވަކީލް ހައިކޯޓުގައި ވިދާޅުވެފައި ވަނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލާފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި އަންމަޓީއަކީ ޖިނާއީ ބޮޑު ކުށެއްގައި ދައުވާ އުފުލާފައިވާ މީހެއް ކަމަށާއި އޭނާ އަކީ ކުރިންވެސް ފިލައިގެން އުޅުނު މީހެއް ކަމަށް ވާތީ ދެން ވެސް ފިލުމުގެ އިހުތިމާލް އެބަ އޮތް ކަމަށެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މި މައްސަލަ ނިންމެވިއިރު ގާނޫނީ ހަމަތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށާއި، އެ އަމުރު ގާޒީ ނެރެދެއްވާފައި ވަނީ އަންމަޓީ ދެއްކެވި ވާހަކަތަކަށް އެކަނި ރިއާޔަތްކޮށްގެ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު އިއްވި ހުކުމުގައި ފަނޑީޔާރު މުހައްމަދު ނިޔާޒު ވިދާޅުވެފައި ވަނީ އަންމަޓީ ފިލައިގެން ދިއުން މަނާކޮށްފައި އޮތް ނަމަވެސް އޭނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމެންޓެއް ހިފެހެއްޓުމުގެ އަމުރެއް ނެތުމުން އަދިވެސް އޭނާ ފިލައިގެން ދިޔުމުގެ އިހުތިމާލް އެބަ އޮތް ކަމަށެވެ. އަދި އޭނާ އަކީ ރެޑް ނޯޓިސް ނެރުމުން ވެސް ރާއްޖެ އައިސްފައި ނުވާ މީހެއް ކަމަށް ފާހަގަކުރެއްވި އެވެ.
އެކަމަކު ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް މީހަކު ފިލައިފާނެ އިތުރު ދޮރުތަކެއް ހުރި ކަމަށް ދައުލަތަށް ފާހަގަކުރެވޭނަމަ، އެފަދަ ދޮރުތައް ކަމާ ގުޅުންހުރި އިދާރާތަކަށް އަންގައިގެން ބަންދުކުރުމަށް ފަނޑިޔާރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މިއީ އާންމުންގެ ބަޔަކު އަތުން މަކަރާ ހީލަތުން ފައިސާ ހޯދި މައްސަލައަކަށްވާއިރު، އެމީހުންގެ އަތުން އެ ފައިސާ ހޯދާފައި ވަނީ އަނިޔާކޮށްގެންނެއް ނޫނެވެ. ފަނޑިޔާރު ވިދާޅުވެފައި ވަނީ، ނަމަވެސް ހިޔާނާތުގެ ސަބަބުން އެ މީހުންނަށް ބޮޑު ގެއްލުމެއް ލިބި ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ބާވަތުން ކަފާލާތުގެ ދަށުން އަންމަޓީ ދޫނުކޮށްލެވޭނެ ކަމަށެވެ.
ފަނޑިޔާރު ނިޔާޒުގެ ރައުޔަށް ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއީދުކުރައްވާފަ އެވެ.
ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާގެ ރައުޔުގައި ވިދާޅުވެފައި ވަނީ އަންމަޓީގެ މައްޗަށް އޮތް ތުހުމަތަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ނަމަވެސް، އޭގެ ސަބަބުން އޭނާ ކަފާލާތުގެ ދަށުން ދޫނުކުރުވޭނެ ސަބަބެއް ނޫން ކަމަށެވެ. ކަފާލާތުގައި ދޫނުކުރެވޭނެ ކުށްތައް ގާނޫނުގައި ބަޔާންކޮށްފައިވާއިރު މި މައްސަލައިގައި ތުހުމަތުކޮށްފައިވާ ކުށަކީ ކަފާލާތުގެ ދަށުން ދޫކޮށްނުލެވޭނެ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
ފަނޑިޔާރު ޝުއައިބު އިތުރަށް ވިދާޅުވެފައި ވަނީ ދައުލަތުގެ ފަރާތުން އަންމަޓީ އަކީ ކުރިން ތަހުގީގަށް ފިލައިގެން އުޅުނު މީހެއް ކަމަށް ބުނި ނަމަވެސް ރާއްޖެ އައި ފަހުން ޝަރީއަތަށް ހާޒިރުވުމުގައި އެއްވެސް މައްސަލައެއް ޖެހުނުކަން އެނގެން ނެތް ކަމަށެވެ.
ފަނޑިޔާރު ވަކި ކޮޅަކަށް ބުރަވެފައިވާކަން ދޭހަވާގޮތަށް ވަކާލާތު ނުކުރެވޭނެ
ދައުލަތުގެ ފަރާތުން މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިދެމުން، ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަމަލުކޮށްފައި ވަނީ އަންމަޓީ އާ އެއްކޮޅަށް ކަމަށާއި ގާނޫނީ އެއްވެސް ނުކުތާއަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ފަނޑިޔާރު ޝުއައިބު ވިދާޅުވެފައި ވަނީ ފަނޑިޔާރުގެ ނިންމުމަކާ ގުޅިގެން ވަކި ހަސްމަކު ހިތްހަމަނުޖެހުމަކީ ތަބީއީ ކަމެއް ކަމަށެވެ. ނަމަވެސް އެ ފަނޑިޔާރަކީ ވަކި ކޮޅަކަށް ބުރަވެ މައްސަލަ ނިންމަވާ ފަނޑިޔާރެއްކަން ދޭހަވާ ބީދައިން ވާހަކަދެއްކުމަކީ ފަނޑިޔާރާއި ފަނޑިޔާރުގޭގެ އިތުރުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ އިދާރާއަކުން އެފަދަ ވާހަކަތައް ދެއްކުމަކީ ދައުލަށް އޮންނަ އިތުބާރު ވެސް ގެއްލިދާނެ ކަމެއް ކަމަށެވެ.
ފަނޑީޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައި ވަނީ ޕްރޮސެކިއުޝަންގެ ފަރާތުން ވަކި ފަނޑިޔާރަކާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކޮށްފައިހުރި ކޮމެންޓްތަކެއްގެ ލިޔުންތަކެއް ލިބިފައިވާ ކަމަށެވެ. އެ ކޮމެންޓްތަކަކީ ވަކި ވަކި ފަނޑިޔާރުންގެ ޒާތަށް ނިސްބަތްވާ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އެފަދަ އަމަލުތައް ހިންގުމަކީ ހުޅުވިގެންވާ ދީމިގްރާތީ މުޖްތަމައަކުން ގަބޫލު ކުރާ އުސޫލަކަށް ވާނެ ކަމަކަށްވެސް ބަލައި ނުގަނެވޭ ކަމަށެވެ.
އަންމަޓީގެ މައްޗަށް ދައުލަތުން އުފުލާފައިވާ 42 ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. އޭނާ ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.