އަހުމަދު މޫސާ މުހައްމަދު

އަންމަޓީ ދޫކޮށްލި މައްސަލައިގެ ހުކުމް އާދީއްތާގައި

ކްރިމިނަލް ކޯޓުން ސީލައިފްގެ މެނޭޖިން ޑީރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ދޫކޮށްލަން އަމުރު ނެރުނު މައްސަލައިގައި ހުކުމް އިއްވުން އާދީއްތަ ދުވަހު ހައިކޯޓުގައި ތާވަލްކޮށްފި އެވެ.

އަންމަޓީ ދޫކޮށްލުމަށް އަމުރު ނެރުނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދެވެ. އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އެ މައްސަލަ ފްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމައިލާފަ އެވެ. މި މައްސަލައިގައި ހުކުމް އިއްވާ މަޖިލީސް ތާވަލްކޮށްފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:15 ގައެވެ.

އެންމެ ފަހުން މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. ޝަރީއަތުގައި އަންމަޓީގެ ފަރާތުން ވާހަކަދައްކަވަމުން ދިފާއީ ވަކީލް އަދި ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވެފައި ވަނީ ސީލައިފާއި އެޗްޑީސީއާއި ދެމެދު ހަދާފައިވާ އެއްބަސްވުން އެޗްޑީސީން އުވާލުމާ ގުޅިގެން ހައުސިން ޔުނިޓްތައް އެޅިފައި ނުވާ ކަމަށެވެ. އެ މައްސަލައިގައި ފައިސާ ނަގާފައިވާ އާންމުންގެ މީހުން ސީލައިފް އޮފީސް ތަޅާލައި އޭނާ އާއި އެކުންފުނީގެ ގާނޫނީ ވަކީލް ހަސަން ފަލާހަށް ފަރުދީ ގޮތުން ބިރުދައްކާފައިވާ ކަމަށެވެ. އަންމަޓީ ލަންކާ އަށް ދިޔައީ ފައިސާ ނަގާފައިވާ ފަރާތްތަކުގެ ނުރައްކާ އޮތުމުން ކަމަށްވެސް ވިދާޅުވި އެވެ.

މުހުތާޒް ވިދާޅުވީ އަންމަޓީގެ ތަހުގީގު ފެށިއިރުވެސް އޭނާ ހުރީ ލަންކާގައި ކަމަށެވެ. އެހެންކަމުން އޭނާ ތަހުގީގަށް ފިލާފައި ނުވާ ކަމަށާއި ދެންވެސް ނުފިލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ލަންކާގައި ހުރިއިރު ތަހުގީގަށް ބަރާބަރަށް އެއްބާރުލުން ދީފައިވާ ކަން ވެސް ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އަންމަޓީ ރާއްޖެ އައިސްފައި ވަނީ ތަހުގީގަށް އެއްބާރުލުން ދޭން ބޭނުންވާތީ އޭނާ އަމިއްލައަށް ކަމަށް ވެސް ވިދާޅުވި އެވެ.

މިކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް އިބްރާހިމް ނާސިހް ވިދާޅުވެފައި ވަނީ އަންމަޓީ ރާއްޖެ އައިސްފައި ވަނީ އޭނާގެ ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވެފައި ވާތީ މަޖުބޫރުވެގެން ކަމަށެވެ. އޭނާ ލަންކާއިން ޑީޕޯޓްކޮށްލީ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ފިލައިފާނެކަމުގެ އިހުތިމާލް އޮތް ކަމަށާއި މާޒީގައި ހިނގާފައިވާ ހާދިސާތަކުން އެކަން ހާމަވާން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

އެދުވަހު ދެފަރާތުން ވާހަކަދައްކަން ފަހު ފުރުސަތު ވަނީ ދީފަ އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ދައުވާތައް އަންމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.