ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި މިއަދު ފަށަން ތާވަލުކޮށްފި އެވެ.
އަންމަޓީ ބަންދުން ދޫކޮށްލާފައި ވަނީ ދެ ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ ޝަރީއަތް ނިމެންދެން މާލެއިން ބޭރަށް ނުދިއުމާއި އަދި ރާއްޖޭއިން ބޭރަށް ފުރައިގެން ނުދިއުމަށެވެ. މި ނިންމުން ރިވިއު ކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާ ކަމަށްވެސް އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެފައި ވެއެވެ.
ޕީޖީ އޮފީހުން ވަނީ އަންމަޓީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ މެދު އެ އޮފީހުން ހިތްހަމަނުޖެހޭތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. މިއަދު މެންދުރު ފަހު 2:00 ގައި މި މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލު ކޮށްފަ އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު އަންމަޓީގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އަންމަޓީ ބަންދުގައި ބަހައްޓާށެވެ. ސަބަބުގެ ގޮތުގައި ފާހަގަކުރީ މާޒީގައި ވެސް ޝަރީއަތަށް ހާޒިރުވެފައި ނުވާތީ އާއި ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމާއި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމުންނެވެ. މީގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި އެވެ.
އެހެންނަމަވެސް އަންމަޓީގެ ފަރާތުން ބުނީ އޭނާ ހެއްކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި އަދި ޝަރީއަތަށް ވެސް ނުފިލާނެ ކަމަށެވެ. އޭނާ ލަންކާގައި ހުރިއިރު ވެސް ޝަރީއަތަށް ފިލާފައި ނުވާނެ ކަމަށާއި އޭރުވެސް އައީ ތަހުގީގަށް އެއްބާރުލުން ދެމުން ދިޔަ ކަމަށެވެ. އަދި އޭނާގެ ބަލި ހާލަތު ހުރި ގޮތުން، ބަންދުގެ އަމުރަށް ލުއި ދިނުމަށް ވަނީ އެދިފަ އެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ހަސަން ސައީދު ނިންމެވީ އަންމަޓީގެ ބަންދަށް ލުއި ދޭށެވެ. މި މައްސަލައަކީ އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ނޫން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި ދެން ޝަރީއަތް ކުރިއަށް ގެންދާނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް އެއް މަޖިލީހަކަށް ހާޒިރު ކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.