ހައިކޯޓް

އަންމަޓީ ބަންދު ނުކުރަން ހައިކޯޓުން ނިންމައިފި

ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ތިންވަނަ ފަހަރަށް ޝަރުތުތަކަކާއެކު އަންމަޓީ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ވަނީ އެ މައްސަލައިގައި ހުކުމްކޮށްފަ އެވެ. މައްސަލަ ބެއްލިވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ދަށު ކޯޓުން އަންމަޓީ ދޫކޮށްލަން ނެރުނު އަމުރު ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ.

އަންމަޓީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން ދައްކާ ހުއްޖަތަކީ ހަމައެކަނި އޭނާ ފިލައިގެން ދިއުން ކަމަށްވާއިރު އޭނާގެ އަތުގައި މިވަގުތު އެކްޓިވް ޕާސްޕޯޓެއް ނެތެވެ. އާ ޕާސްޕޯޓެއް ނުވަތަ ޓްރެވެލް ޑޮކިއުމެންޓެއް ހައްދަން ހުށަހަޅައިފިނަމަ ކަމާ ގުޅުންހުރި އިދާރާތަކުން ކޯޓަށް އެކަން އަންގަން އަމުރު ނެރެފައިވާކަން ދައުލަތުން ކުރިން ބުނެފައިވެ އެވެ.

ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔުގައި ވިދާޅުވެފައިވަނީ ދަށު ކޯޓުން ކޮށްފައިވާ ޝަރުތުތަކަށް އޭނާ އަމަލުކުރޭތޯ ބަލާއިރު، އޭނާ ކޯޓަށް ހާޒިރުވެ ޝަރީއަތަށް އެއްބާރުލުން ދޭކަމާއި ކަރެކްޝަނަލް ސާވިސްއަށް ވެސް އޭނާ ގަވާއިދުން ހާޒިރުވާކަން އެނގޭ ކަމަށެވެ. އަދި އޭނާ ފިލާފާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް އެ އިހުތިމާލު ކުޑަކުރުމަށް ކްރިމިނަލް ކޯޓުން ޝަރުތުތަކެއް ކޮށްފައިވާ ކަމަށާއި، މާޒީގައި ހިނގާފައިވާ ކަންތައްތަކަކަށް ރިއާޔަތްކޮށް ދައުލަތުން އެގޮތަށް އެދުނު ނަމަވެސް އޭނާގެ މިހާރުގެ ހާލަތަށް ބަލާއިރު އޮތީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ކަމަށެވެ.

"އަހުމަދު މޫސާ މުހައްމަދުގެ މައްޗަށް ކުރެވިފައިވާ ޝަރުތުތަކަކީ އޭނާގެ ފަރާތުން ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލައި އުފެދޭ އިހުތިމާލު ނެތިކޮށްލެވޭ ފަދަ އެކަށީގެންވާ ހަރުކަށި ފިޔަވަޅުތަކެއް ކަމުގައި ބުރަވެވޭ،" ފަނޑިޔާރު ޝުއައިބުގެ ރައުޔުގައި ވިދާޅުވި އެވެ.

އަންމަޓީ ޝަރުތުތަކަކާއެކު ދޫކޮށްލާފައިވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ. ހައިކޯޓުން އެގޮތަށް ނިންމީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

ނަމަވެސް ހައިކޯޓުން ވަގުތު ގުނީ ގޯސް ކަމަށް ކަމަށް ބުނެ ދައުލަތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ ކޯޓުން ވަނީ މައުލޫއީ މައްސަލަ ބެލުމަށް ހައިކޯޓަށް އަމުރުކޮށްފަ އެވެ.

ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބަޔަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އަންމަޓީގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާ އުފުލާފަ އެވެ.