ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ހައިކޯޓުން މި މައްސަލަ އިޖުރާއީ ގޮތުން ނުބެލޭނެ ކަމަށް ނިންމީ، އެ މައްސަލަ އިސްތިއުނާފް ކުރަން ޖެހޭ ވަގުތު ފާއިތުވި ފަހުން ދައުލަތުން އިސްތިއުނާފް ކޮށްފައިވާ ކަމަށް ކަނޑައަޅައިފަ އެވެ. ކޯޓު އަމުރެއް އިސްތިއުނާފްކުރަން ދައުލަތަށް ލިބެނީ 48 ގަޑިއިރެވެ.
ހުކުމުގައި ބުނީ، ދުވަސް ގުނާއިރު އެކަމެއް ހިނގާ ދުވަހާއި ނިމޭ ދުވަސް ގުނަން ނުޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ވަގުތު ގުނާނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ވަގުތު ގުނަން ޖެހޭނީ އެކަމެއް ހިނގާ ވަގުތުން ފެށެގެން ނިމޭ ވަގުތަށް ކަމަށް ފާހަގަކޮށްފައިވެ އެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލީ މިދިޔަ މަހުގެ 20 ވަނަ ދުވަހަށްވާއިރު، އެ ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ 48 ގަޑިއިރު ފާއިތުވި ފަހުން، މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. ދަށު ކޯޓުން ކޯޓު އަމުރު ނެރެ އަދި ދައުލަތުން މައްސަލަ އިސްތިއުނާފް ކުރުމާ ދެމެދު އެއްވެސް ބަންދު ދުވަހެއް ނާންނަ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.
ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލާފައި ވަނީ ތިން ވަނަ ފަހަރަށެވެ. ފުރަތަމަ ފަހަރު ޝަރުތުތަކަކާއެކީ އަދި ދެވަނަ ފަހަރު ދޫކޮށްލީ ދެ މީހުން ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުންނެވެ. އޭގެ ފަހުން އަނެއްކާ ވެސް އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކީ އެވެ.
ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބަޔަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އަންމަޓީގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކަށް ކްރިމިނަލް ކޯޓުގައި ވަނީ އިންކާރުކޮށްފަ އެވެ.