ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަންމަޓީ ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފި

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ކޯޓުން ތިން ވަނަ ފަހަރަށް އަންމަޓީ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާއެކީ އެވެ. އަންމަޓީ ދޫކޮށްލީ ދައުލަތުން އަދި ކޯޓުން ކުރި ކޮންމެ ޝަރުތެއް ވެސް ގަބޫލުކަމަށް ބުނެ އޭނާގެ ފަރާތުން އެދުމުންނެވެ.

އޭނާ ދިރިއުޅޭ ގޭ ދޮރުމަތީ ސެކިއުރިޓީ ބަހައްޓަން ވިޔަސް އޭނާ ދޫކޮށްދެއްވުމަށް އެދުނެވެ. އަދި އޭނާ މައިބަދައިގެ ސާޖަރީއެއް ހަދަން ޖެހޭ ކަމަށާއި، އަދި އޭނާގެ ބައްޕަ މިހާރު ފަހު ދުވަސްތައް ގުނަމުން ދާތީ ބައްޕައަށް ހިދުމަތް ކުރުމަށް ބޭނުންވާ ކަމަށް ވެސް އެދުވަހުގެ މަޖިލީހުގައި ބުނެފައިވެ އެވެ.

އެދުވަހުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ އަންމަޓީ އަކީ މީގެ ކުރިން ވެސް ތަހުގީގަށް ފިލާފައިވާ މީހެއް ކަމުން، ދެންވެސް ފިލުމުގެ އިހުތިމާލް އެބަ އޮތް ކަމަށެވެ. އެހެންކަމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު ދަމަހައްޓައިދިނުމަށް ދައުލަތުން އެދުނެވެ.

އެކަމަކު އޭނާ ބަންދުގައި ބެހެއްޓުމާމެދު ގިނަ ސުވާލުތަކެއް ދައުލަތާ ކުރިމަތިކުރުވުމަށްފަހު ގާޒީ ހަސަން ސައީދު ނިންމެވީ އޭނާ ދޫކޮށްލުމަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އަންމަޓީ ދޫކޮށްލި މައްސަލަ މިދިޔަ ހޯމަ ދުވަހު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާނެ ކަމަށެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ދެ ފަހަރު ވެސް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ބަންދުކުރުމަށް އެކޯޓުން އަމުރުކޮށްފައިވެ އެވެ.

ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބަޔަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އަންމަޓީގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާ އުފުލައިފަ އެވެ.