އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަން މައްސަލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަބްދުﷲ އާޒިމަށް ދައުލަތުން ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބަލަން ހައިކޯޓުން އެންގުމުން، އާޒިމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަން މައްސަލާގައި އޭސީސީގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަބްދުﷲ އާޒިމަށް ދައުލަތުން ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބަލަން ހައިކޯޓުން އެންގީ، އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
އާޒިމަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ނޮވެންބަރު މަހު ފަހުކޮޅު އެވެ. އެ މައްސަލަތައް އަލުން ބަލަން ހައިކޯޓުން އެންގީ މިދިޔަ މަހު ފަހުކޮޅުއެވެ. އަދި އެ މައްސަލަ އާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި ހަފްތާގައެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލަތައް ބޭރުކޮށްލީ، މުއައްސަސާތަކެއް ގުޅިގެން މައްސަލަ ތަހުގީގުކުރަން 'ޖޮއިންޓް އިންވެސްޓިގޭޝަން'އެއް ހިންގީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފަ އެވެ. މި މައްސަލަ ތަހުގީގުކޮށްފައިވަނީ އޭސީސީ އާއި ފުލުހުންގެ އިތުރަށް އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން ގުޅިގެންނެވެ.
އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ދެ ދައުވާއާއި މަނީ ލޯންޑަރިންގެ ދެ ދައުވާ އެވެ. މި ދައުވާތައް އޭނާގެ މައްޗަށް ކުރަނީ ދެ ފަހަރު މަތިން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށް ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުގައެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި އެއީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތެރޭގައި ހިމެނޭ ފައިސާ އާޒިމްގެ އެކައުންޓަށް ޖަމާކުރީ ތަހުގީގު ވަކި ގޮތަކަށް އަނބުރާލަން ރިޝްވަތުގެ ގޮތުގައެވެ.