ހަބަރު

އިއުތިރާފަށް އިންކާރުކުރިޔަސް އަދީބު ކުށްވެރިކުރެވޭނެ: ޕީޖީ ޝަމީމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު އިއުތިރާފު އެއްބަސްވުމަށް އިންކާރު ކުރި ނަމަވެސް އޭނާ ކުށްވެރި ކުރެވޭނެ މިންވަރަށް ދައުލަތުގައި ހެކި އެބަހުރި ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ކުރީގެ ޕީޖީ އައިޝަތު ބިޝާމް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އަދީބަށް ކޮށްފައިވަނީ ހަތް ދައުވާއެކެވެ. އެ ހަތް ދައުވާ ވެސް މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ވަނީ ބާތިލް ކުރައްވާފަ އެވެ.

ދައުވާތައް ބާތިލް ކުރެއްވީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލާގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިމުން ބޭރުން އަމަލު ކުރައްވައި އަދީބަށް ޓޯޗާކޮށް ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ. ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އުފުލި ދައުވާތަކެއް ކަމަށް ވެސް ކަނޑައެޅި އެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގަ އެވެ. ގާޒީގެ ނިންމުމުގައި ރިއާޔަތްކޮށްފައިވާ ކަންކަމަކީ އަދީބު ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށް ވާހަކަ ދައްކާފައިވާ ކަންކަމެއް ވެސް ނޫނެވެ. އިއުތިރާފު އެއްބަސްވުމަށް ދެކޮޅު ހަދައި ދައުވާތަކަށް އަދީބު އިންކާރު ކުރައްވާފައެއް ނުވެ އެވެ. ވިދާޅުވެފައިވަނީ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ޕީޖީ ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމަވާފަ އެވެ. އަދި އެ މައްސަލާގައި ގާޒީ ނިންމެވި ނިންމެވުމަކީ ގާނޫނީ ނިޒާމްގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެ، ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަަށް ހުށަހަޅަން ވެސް ޝަމީމް ވަނީ ނިންމަވާފަ އެވެ.

ޝަމީމް ވިދާޅުވީ އިއުރިރާފު އެއްބަސްވުމުގެ މައްސަލަތަކުގައި އެއްބަސްވުމާއެކު ކުރިއަށް ދިޔުމަށް ނުވަތަ ނުދިޔުމަށް ދައުވާ ލިބޭ ފަރާތަށް ފުރުސަތު އޮންނަ ކަމަށެވެ. ޕީޖީ ޝަމީމް ވިދާޅުވީ މިހާތަނަށް ވެސް އަދީބު އެއްބަަސްވުމަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައިނުވާ ކަމަށާއި އަދީބު އެއްބަސްވުމާއެކު ވަޑައިގަންނަވަން ހުންނެވިނަމަ ޕީޖީ ވެސް ދާނީ އެއްބަސްވުމާއެކު ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ އެއްބަސްވުމާ އެއްގޮތަށް ދާނަމަ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި އަދީބަށް ކުރާނީ ހަތް ދައުވާ އެވެ. އެއީ 39 ރަށަކާ ގުޅޭ ދައުވާތަކެވެ.

"ނަމަވެސް އެއްބަސްވުމާއެކު އަދީބު ނުދާކަމުގައިވާނަމަ އަޅުގަނޑު ޖެހެނީ އެހެން ގޮތަކަށް ކުރިއަށް ދާން، މިހާރު އަޅުގަނޑަށް އެބަ އޮތް ކުރިއަށް ދާނެ ގޮތެއް ކަނޑައެޅެން، އަޅުގަނޑު ހިތަށް އަރަނީ ހަމަ ކުރިއަށް ދާންވީއޭ ދެން، ޝަރީއަތެއް ކުރީމައޭ އެނގޭނީ ދެން ވާގޮތެއް، ޝަރީއަތުން ބަލާފައި ގޮތެއް ނިންމަވާށޭ،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ އެއްބަސްވުމާއެކު ވިޔަސް ނުވަތަ އެއްބަސްވުމާ ނުލާ ވެސް މިކަމުގައި ކުރިއަށް ދާން، މިކަމުގައި އަޅުގަނޑުމެން ފަސްޖެހުމެއް ނެތް، އެއްބަސްވުމެއް އޮވެގެން ނުވަތަ ނެތިގެން އަޅުގަނޑުމެންގެ މަސައްކަތަށް ހުރަހެއް ނޭޅޭނެ، އަޅުގަނޑުމެން އަތުގައި އެބަހުއްޓޭ މި މައްސަލަތައް ސާބިތު ކުރެވޭ މިންވަރަށް ހެކި، މާދަމާ ކޯޓަށް ހުށަހަޅަން ވެސް ތައްޔާރަށް ދައުވާތައް ތައްޔާރަށް އެބަހުރި،"

ޝަމީމް ވިދާޅުވި ގޮތުގައި އެކި ރަށްތަކުގެ މައްސަލާގައި އަދީބަށް 150 އެއްހާ ދައުވާ ކުރެވޭ މިންވަރަށް ލިޔެކިޔުން އެބަހުރި ކަމަށެވެ. އެ އަދަދު އެހެން އޮތްވައި، އަދީބާއެކު އެއްބަސްވުމެއް ހަދައި ހަތް ދައުވާ ކުރަން ނިންމާފައި އޮތީ ކުރީގެ ޕީޖީ ކަމަށާއި އެ ނިންމުން އެގޮތަށް ކުރިއަށް ގެންދެވީ ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އަމިއްލައަށް ގަބޫލު ކުރައްވާ ގޮތް އެއާ ވަރަށް ތަފާތު ކަމަށާއި އަދީބަށް ވަރަށް ގިނަ ދައުވާތަކެއް ކުރެވޭނެކަން ޝަމީމް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.

ޕީޖީ ފާހަގަ ކުރެއްވި ގޮތުގައި އަދީބުގެ ފޯނު ވެސް ސައްހަ ޗެއިން އޮފް ކަސްޓަޑީއާއެކު ޕީޖީގައި އެބަ އޮތް ކަމަށެވެ. އަދީބު ކުރައްވާފައިވާ މެއިލްތައް ވެސް އެބަހުރި ކަމަށާއި އެފަދަ ވަރަށް މުހިންމު ހެކިތައް ހުންނާނެ ކަމަށެވެ. އެހެންކަމުން މައްސަލަތަކުގައި ހިނގާފައިވަނީ ކިހާ ވައްކަމެއްކަން ސާބިތު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށާއި އޭރުން އަލުން މައްސަލަ ކުރިމިނަލް ކޯޓުގެ އެހެން ގާޒީއަކަށް ބަލަން ޖެހޭނެކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.

އަދީބު ބޭސްފަރުވާއަށް ދިޔުމުގެ ޝަރުތެއްގެ ގޮތުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހަދާފައިވަނީ ނުފޫޒު ފޯރުވައި ޓޯޗާކޮށްގެން ކަމަށް ގާޒީ އިސްމާއިލް ރަޝީދު ވަނީ ކަނޑައަޅުއްވާފަ އެވެ. ނަމަވެސް ޝަމީމް ވިދާޅުވީ އެއީ ޓޯޗާއެއް ކަމަށް ގާޒީ ކަނޑައެޅުއްވި ގޮތެއް ނޭނގޭ ކަމަށެވެ. ޓޯޗާއެއް ކަމަށް އަދީބު ވެސް ޝަރީއަތުގައި ވިދާޅުވެފައިނުވާއިރު އެފަދަ މައްސަލައެއް އެޗްއާރްސީއެމްއަށް ވެސް ހުށަހަޅާފައިނެތް ކަމަށެވެ. އެހެންކަމުން ކަން ހިނގާފައި ގޮތް ރަނގަޅަށް ނުބާލައި އެގޮތަށް ކަނޑައެޅުމަކީ ގޯހެއްގެ ގޮތުގައި ޝަމީމް ފާހަގަ ކުރެއްވި އެވެ.