ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލާގައި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒު ގާނޫނާ ހިލާފުވެފައިނުވާ ކަމަށް ޕީޖީ ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ ޕީޖީ ބިޝާމް ހިންގެވި ގާނޫނާ ހިލާފު ކަންތައްތަކެއްގައި ރިޔާޒު ވެސް ބައިވެރިވެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މިއަދު ކަނޑައަޅުއްވާފައިވާތީ އެވެ. އެގޮތަށް ކަނޑައަޅައި ގާޒީ އިސްމާއިލް ރަޝީދު ވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލްކޮށްފަ އެވެ.
އެ ހަތް ދައުވާއަކީ އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އުފުލާފައިވާ ދައުވާތަކެކެވެ. ނަމަވެސް އެ އެއްބަސްވުން އެކުލަވާލީ ގާނޫނީ ނިޒާމްގެ ތެރެއިން ނެތް ނެތް ޒިންމާއެއް ޕީޖީ ބިޝާމް އަމިއްލައަށް ނަންގަވައި، އަދީބަށް ބޭސްފަރުވާއަށް ދެވޭނީ އެ އެއްބަަސްވުން ހެދުމުންކަން ޝަރުތުކޮށްފައި ކަމަށް ނިންމުމުގައިވެ އެވެ. އެހެންކަމުން އެއީ ޓޯޗާގެ އަމަލެއް ކަމަށާއި އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އަދީބުގެ އިތުރުން ބިޝާމާއި ރިޔާޒުކަން ގާޒީގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، ގައިދީންގެ ބޭސްފަރުވާގެ ކަންކަމުގައި ޕީޖީގެ ދައުރެއް ގާނޫނުން ނެތް ކަމަށް ގާޒީ ވިދާޅުވާނަމަ އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެން މައްސަލަތަކުގައި ހުދު އެ ގާޒީ ވެސް ޕީޖީއަށް ގައިދީންގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ލިޔުންތައް ފޮނުވައި ކަންކަން އޮޅުންފިލުއްވަވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ކޮންމެ ހައްގަކާ ގުޅޭ ކަމެއްގައި ވެސް ޕީޖީގެ ދައުރު އޮންނާނެ ކަމަށެވެ. އެހެންކަމުން އަދީބުގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސެވުމަށް ޕީޖީ ބިޝާާމް މަސައްކަތް ކުރައްވާފައިވުމަކީ ގާނޫނީ ނިޒާމްގެ ތެރެއިން ކުރައްވާފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެއީ ޓޯޗާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވީ ބޭސްފަރުވާގެ ވާހަކަ އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ހިމަނާފައި އޮތީ އަދީބު އެދިވަޑައިގެން ކަމަށެވެ.
އެ އެއްބަސްވުމާ އެއްގޮތަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެން ބޭސްފަރުވާ ނިންމެވުމަށް ރާއްޖެ ވަޑައިގެންނެވި ކަމަށާއި އިއުތިރާފު އެއްބަސްވުންވެފައިވާނީ ބޭސްފަރުވާއަށްފަހުކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. އެެއީ ޓޯޗާއެއް ނުވަތަ ނުފޫޒަކަށްވާނަމަ އަދީބަށް އެ އެއްބަސްވުމުގައި ސޮއި ނުކުރުމުގެ ފުރުސަތު އޮތް ކަމާއި އޭރު ބޭސްފަރުވާ ވެސް ނިމިފައިވާކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. އެ އެއްބަސްވުމުގެ އިތުރުން އަމިއްލަ އިހްތިޔާރުގައި ވަރަށް ގިނަ ބަޔާންތައް ދެއްވައި އަދީބު ސޮއި ކުރައްވާފައިވާކަން ވެސް ޝަމީމް ވިދާޅުވި އެވެ.
މީގެއިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ ތަހުގީގަކީ އިޖުރާއަތާ ހިލާފަށް ހިންގާފަައިވާ ތަހުގީގެއް ކަމަށް ސުޕްރީމް ކޯޓުގެ އެކެއް ފެބުރުއަރީ އަމުރުގައި ބުނެ ހައިކޯޓުން އެކަމަށް ރިއާޔަތްކޮށް އިތުރު ނިންމުމެއް ނިންމާފައިވާ އޮތްއިރު ދެވަނަ ފަހަރަށް އެ ތަހުގީގު ހިންގުމަކީ ކުރިން ވެސް އުޅުނު ފުލުހުން ހަރަކާތްތެރިވުމަކީ ޠަބީޢީ އިންސާފުގެ ހަމަތަކާ ޙުއްޖިއްޔަތު ލިބިފައިވާ ޤަޟާއީ ނިންމުންތަކާ ހިލާފަށް ހިނގާފައިވާ ކަމެއް ކަމަށެވެ. އޭގެ ތެރޭގައި އޭސީޕީ ރިޔާޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އޭސީޕީ ރިޔާޒާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވީ ގާނޫނާ ހިލާފު ކަމެއް ރިޔާޒު ކުރައްވާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. ރިޔާޒަކީ ވަރަށް ތަޖުރިބާކާރު، މޮޅު އަދި ގާބިލް ބޭފުޅެއް ކަމަށާއި ނިންމުމުގައި ބުނާ ފަދަ ގޯހެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ގައުމެއްގެ އޭސީޕީއާ ނޫނީ ޕީޖީއާ ގުޅޭ ގޮތުން މިކަހަލަ ވާހަކައެއް އެހެން ހަމަ ހުރެފަ ދެއްކިގެން ނުވެސް ވާނެ، މިއީ އެއްގޮތަކަށް ވެސް ދެއްކިގެން ވާނެ ވާހަކައެއް ނޫން، އެފަދަ ޝަކުވާއެއް އެ ބޭފުޅާއަށް އުޅޭނަމަ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވީ، ބޮޑެތި ތުހުމަތު އަދި އަމްދުން ގާޒީއަކު އެފަދަ ކަމެއް ކުރުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ކުރިން ވެސް އެމްއެމްޕީއާރްސީގެ މައްސަލާގެ ފުލުހުންގެ ތަހުގީގާމެދު ސުވާލު އުފައްދާފައިވާތީ އަލުން ތަހުގީގު ކުރުމުގައި އޭސީސީ އާއި ރިޔާސީ ކޮމިޝަން ވެސް ބައިވެރިވެފައިވާާ ކަމަށާއި ޖޮއިންޓް ތަހުގީގެއްގެ ގޮތުގައި ކުރިއަށް ދިޔައީ ވެސް ތަހުގީގާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ކުރީގެ ތަހުގީގާމެދު އޮތް ސުވާލު މިހާރު އޮވެގެން ނުވާނެ ކަމަށެވެ.
ޕީޖީ ވަނީ އިސްމާއިލް ރަޝީދުގެ ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމަވާފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ވެސް މައްސަލާގައި ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ނުދީ، ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ދައުވާތައް ބާތިލްކޮށްފައިވުމެވެ.
ޝަމީމް ވިދާޅުވީ އިއުތިރާފު އެއްބަސްވުމެއް އޮންނަ ހާލަތުގައި އަމަލު ކުރާނެ ގޮތް ގާނޫނުގައި ބުނާ ކަމަށާއި ގޮތް ނިންމަން ޖެހެނީ އެ އެއްބަސްވުމާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް އެއްބަސްވުމަށް އަދީބު ވެސް އިންކާރުކޮށްފައިނުވަނީސް ދައުވާތައް ބާތިލް ކުރުމާއެކު އެއްބަސްވުމަކީ ނުފޫޒުންވެފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައެޅީ ގާނޫނީ އިމުގެ ތެރެއިން ނޫން ކަމަށެވެ.
އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅި ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ދައުލަތުގެ އަތުގައި ކިތާބީ ހެކި ހުރި ކަމަށާއި މައްސަލަ ސާބިތު ކުރެވުނީސް ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންވީމަ ކަންބޮޑުވުމަކީ ޝަރީއަތެއް ހިންގުމަށް ފުރުސަތު ނުދިނުން ކަމަށެވެ. ޝަރީއަތެއްކޮށް މިކަމުގައި ގޮތެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށާއި އޭރުން އަލުން މައްސަލަ ކުރިމިނަލް ކޯޓުގެ އެހެން ގާޒީއަކަށް ބަލަން ޖެހޭނެކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. ޝަމީމް ވިދާޅުވީ، އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީއަތުގައި އަދީބާ ސުވާލު ކުރަން ޖެހޭ ކަމަށާއި އެއްބަސްވުމަށް އޭނާ ދެކޮޅު ހަދައިފިނަމަ ދެން ކުރިއަށްދާނެ ގޮތަކާމެދު ޕީޖީއިން ގޮތް ނިންމާނެ ކަމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އެކި ރަށްތަކުގެ މައްސަލާގައި އަދީބަށް 150 އެއްހާ ދައުވާ ކުރެވޭ މިންވަރަށް ލިޔެކިޔުން އެބަހުރި ކަމަށެވެ. އެ އަދަދު އެހެން އޮތްވައި، އަދީބާއެކު އެއްބަސްވުމެއް ހަދައި ހަތް ދައުވާ ކުރަން ނިންމާފައި އޮތީ ކުރީގެ ޕީޖީ ކަމަށާއި އެ ނިންމުން އެގޮތަށް ކުރިއަށް ގެންދެވީ ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އަމިއްލައަށް ގަބޫލު ކުރައްވާ ގޮތް އެއާ ވަރަށް ތަފާތު ކަމަށާއި އަދީބަށް ވަރަށް ގިނަ ދައުވާތަކެއް ކުރެވޭނެކަން ޝަމީމް ތަކުރާރުކޮސް ފާހަގަ ކުރެއްވި އެވެ. އަދި އެއްބަސްވުން ދޫކޮށްލައްވަން އަދީބު ނިންމަވައިފިނަމަ އެގޮތުގެ މަތިން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
އަދީބަކީ މީގެކުރިން ވެސް ފިލާފައިވާ މީހަކަށްވާތީ، އިސްތިއުނާފު މައްސަލައާއެކު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ވެސް ޕީޖީއިން ވަނީ ނިންމާފަ އެވެ. ހައިކޯޓުގެ ނިންމުމެއް އޮތް ގޮތުން ކުރިން ވެސް އެހެން ފިލާފައި އެފަދަ ކުށުގެ ރިކޯޑެއް އޮތް މީހަކަށްވާނަމަ ޕާސްޕޯޓް ހިފަހައްޓަން މަޖުބޫރުވާކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.