ހަބަރު

ޕީޖީގެ ހިތްހަމަނުޖެހުން ގާޒީއަށް، މައްސަލަ ޖޭއެސްސީއަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މިއަދު ނިންމާފައިވާ ނިންމުމަކީ ސީދާ ގާނޫނީ ނިޒާމުގެ ބޭރުން ނިންމާފައިވާ ނިންމެވުމެއް ކަމަށާއި އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށްފައިވަނީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލާގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިމުން ބޭރުން އަމަލު ކުރައްވައި އަދީބަށް ޓޯޗާކޮށް ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ. ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އުފުލި ދައުވާތަކެއް ކަމަށް ވެސް ކަނޑައެޅި އެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގަ އެވެ. ނަމަވެސް އޭރު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ލިޔުންތައް ވެސް ހުށަހަޅާފައެއް ނުވެ އެވެ. އަދި ގާޒީގެ ނިންމުމުގައި ރިއާޔަތްކޮށްފައިވާ ކަންކަމަކީ އަދީބު ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށް ވާހަކަ ދައްކާފައިވާ ކަންކަމެއް ވެސް ނޫނެވެ.

އެކަމާ ގުޅިގެން މިއަދު ޕީޖީ ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިއަދު ނެރުއްވާފައި އޮތް ނިންމެވުމަކީ ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށާއި އަދީބާއެކު ދައުލަތުން ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ވެސް އަދި އެ ގަބޫލު ނުކުރާ ކަމަށް ވެސް އަދީބު ވެސް ވިދާޅުވެފައި ނެތް ކަމަށެވެ.

"މި ހުކުމްގައި ކަންބޮޑުވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި، އަޅުގަނޑުމެންނެއް އަދީބު ފުރަތަމަ ހައްޔަރުކުރި ކަމުގެ ލިޔުންތަކެއް ޝަރީއަތަށް ހުށަހަޅާފައެއް ނޯންނާނެ، ހައްޔަރުކުރި ދުވަހެއް ވެސް ތުހުމަތެއް ވެސް ކުށެއް ވެސް އަޅުގަނޑުމެން މި މައްސަލާގައި ކުރިމިނަލް ކޯޓާ ހިއްސާކޮށްފައެއް ނުވާނެ، އެހެންނަމަވެސް މި ހުކުމްގައި މިކަން ވަރަށް ތަފްސީލްކޮށް އެބަހުރި، އަޅުގަނޑަކަށް ނޭނގޭ ފަނޑިޔާރު އެތަކެތި ހޯދި ގޮތެއް ވެސް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މައްސަލައެއްގައި ފަނޑިޔާރު ބައްލަވަން ޖެހޭނީ ކޯޓަށް ހުށަހަޅޭ ލިޔުންތަކާއި ދެ ފަރާތުން ދައްކާ ވާހަކަތަކަށްކަން ގާނޫނުން ވަރަށް ސާފެވެ. އެހެންވެ، މި ހުކުމް އައިސްފައި އޮތް ގޮތެއް ސާފުނުވާ ކަމަށާއި އަދި މިކަން ގާނޫނީ ގޮތުން ހަމަނުޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މި މައްސަލަ ކޯޓުން ނިންމާފައި އޮތް ގޮތެއް ގާނޫނީ ގޮތަކުން ވެސް ހަމައެއް ނުޖެހޭ، މައުޟޫއީ ގޮތަކުން ވެސް ހަމައެއްނުޖެހޭ، އާދައިގެ ވިސްނުމުން ވިސްނާ ނަމަވެސް ހަމައެއްނުޖެހޭ، ނުލިބޭ މައުލޫމާތެއްގެ މައްޗަށް ބައިވަރު ވާހަކަ ލިޔުމަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ކަމެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނީ ނިޒާމްގެ ތެރޭގައި ފަނޑިޔާރަކަށް އެނގޭ ކަމެއްގެ މައްޗަށް ގޮތް ނިންމައި ހުށަހެޅޭ ހެކިތަކުގެ މައްޗަށް ރިއާޔަތް ކުރުމަށް ކަނޑައަޅާފައި އޮންނަނީ މުހިންމު މަގުސަދެއްގައި ކަމަށް ޝަމީމް ވިދާޅުވި އެވެ. ފަނޑިޔާރަކަށް އެނގޭ މައުލޫމާތުތަކެއްގެ މައްޗަށް ހުކުމް ކުރަން ވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށް ޕީޖީ ޝަމީމް ފާހަގަ ކުރެއްވި އެވެ.

"ގާޒީ ހަމަ ދަމުންދަމުން މި ޓޯޗާގެ އަމަލެކޭ، މިހެން ހަދާށޭ، އެއެއް ނޫން ކަން ހިނގާ ގޮތަކީ، އެކަން އޮޅިގެން އުޅޭ ކަމަށްވަންޏާ އަޅުގަނޑުމެންގެ ކަމަކީ އެކަން ސާފުކޮށް ދިނުން،" ޝަމީމް ވިދާޅުވި އެވެ.

އަދީބު ބޭސްފަރުވާއަށް ދިޔުމުގެ ޝަރުތެއްގެ ގޮތުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހަދާފައިވަނީ ނުފޫޒު ފޯރުވައި ޓޯޗާކޮށްގެން ކަމަށް ގާޒީ އިސްމާއިލް ރަޝީދު ވަނީ ކަނޑައަޅުއްވާފަ އެވެ. ނަމަވެސް ޝަމީމް ވިދާޅުވީ އެއީ ޓޯޗާއެއް ކަމަށް ގާޒީ ކަނޑައެޅުއްވި ގޮތެއް ނޭނގޭ ކަމަށެވެ. ޓޯޗާއެއް ކަމަށް އަދީބު ވެސް ޝަރީއަތުގައި ވިދާޅުވެފައިނުވާއިރު އެފަދަ މައްސަލައެއް އެޗްއާރްސީއެމްއަށް ވެސް ހުށަހަޅާފައިނެތް ކަމަށެވެ. އެހެންކަމުން ކަން ހިނގާފައި ގޮތް ރަނގަޅަށް ނުބާލައި އެގޮތަށް ކަނޑައެޅުމަކީ ގޯހެއްގެ ގޮތުގައި ޝަމީމް ފާހަގަ ކުރެއްވި އެވެ.

ޝަމީމް ވިދާޅުވީ ފަނޑިޔާރަކު "ހެއްވާ ގޮތަކަށް" ކަމެއް ކުރައްވައިފިނަމަ ޕީޖީގެ އުސޫލަކީ އެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުން ކަމަށެވެ. އެހެންވެ، ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ވަނީ އިސްމާއިލް ރަޝީދުގެ ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމަވާފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ވެސް މައްސަލާގައި ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ނުދީ، ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ދައުވާތައް ބާތިލްކޮށްފައިވުމެވެ.

ޝަމީމް ވިދާޅުވީ އިއުތިރާފު އެއްބަސްވުމެއް އޮންނަ ހާލަތުގައި އަމަލު ކުރާނެ ގޮތް ގާނޫނުގައި ބުނާ ކަމަށާއި ގޮތް ނިންމަން ޖެހެނީ އެ އެއްބަސްވުމާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް އެއްބަސްވުމަށް އަދީބު ވެސް އިންކާރުކޮށްފައިނުވަނީސް ދައުވާތައް ބާތިލް ކުރުމާއެކު އެއްބަސްވުމަކީ ނުފޫޒުންވެފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައެޅީ ގާނޫނީ އިމުގެ ތެރެއިން ނޫން ކަމަށެވެ.

އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅި ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ދައުލަތުގެ އަތުގައި ކިތާބީ ހެކި ހުރި ކަމަށާއި މައްސަލަ ސާބިތު ކުރެވުނީސް ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންވީމަ ކަންބޮޑުވުމަކީ ޝަރީއަތެއް ހިންގުމަށް ފުރުސަތު ނުދިނުން ކަމަށެވެ. ޝަރީއަތެއްކޮށް މިކަމުގައި ގޮތެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށާއި އޭރުން އަލުން މައްސަލަ ކުރިމިނަލް ކޯޓުގެ އެހެން ގާޒީއަކަށް ބަލަން ޖެހޭނެކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. ޝަމީމް ވިދާޅުވީ، އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީއަތުގައި އަދީބާ ސުވާލު ކުރަން ޖެހޭ ކަމަށާއި އެއްބަސްވުމަށް އޭނާ ދެކޮޅު ހަދައިފިނަމަ ދެން ކުރިއަށްދާނެ ގޮތަކާމެދު ޕީޖީއިން ގޮތް ނިންމާނެ ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެކި ރަށްތަކުގެ މައްސަލާގައި އަދީބަށް 150 އެއްހާ ދައުވާ ކުރެވޭ މިންވަރަށް ލިޔެކިޔުން އެބަހުރި ކަމަށެވެ. އެ އަދަދު އެހެން އޮތްވައި، އަދީބާއެކު އެއްބަސްވުމެއް ހަދައި ހަތް ދައުވާ ކުރަން ނިންމާފައި އޮތީ ކުރީގެ ޕީޖީ ކަމަށާއި އެ ނިންމުން އެގޮތަށް ކުރިއަށް ގެންދެވީ ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އަމިއްލައަށް ގަބޫލު ކުރައްވާ ގޮތް އެއާ ވަރަށް ތަފާތު ކަމަށާއި އަދީބަށް ވަރަށް ގިނަ ދައުވާތަކެއް ކުރެވޭނެކަން ޝަމީމް ތަކުރާރުކޮސް ފާހަގަ ކުރެއްވި އެވެ. އަދި އެއްބަސްވުން ދޫކޮށްލައްވަން އަދީބު ނިންމަވައިފިނަމަ އެގޮތުގެ މަތިން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އަދީބަކީ މީގެކުރިން ވެސް ފިލާފައިވާ މީހަކަށްވާތީ، އިސްތިއުނާފު މައްސަލައާއެކު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ވެސް ޕީޖީއިން ވަނީ ނިންމާފަ އެވެ. ހައިކޯޓުގެ ނިންމުމެއް އޮތް ގޮތުން ކުރިން ވެސް އެހެން ފިލާފައި އެފަދަ ކުށުގެ ރިކޯޑެއް އޮތް މީހަކަށްވާނަމަ ޕާސްޕޯޓް ހިފަހައްޓަން މަޖުބޫރުވާކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.