ލައިފްސްޓައިލް

ދަތްފަނި ކެއުމުން ރައްކާތެރިވުމަށް ދަތް ސާފުކުރާނެ ގޮތް

ދަތުގެ ސިއްހަތު ސަލާމަތުން ބަހައްޓައި ރީތި ހިނިތުންވުމެއްގެ ވެރިއަކަށް ވާން ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. ނަމަވެސް ވަރަށް ގިނަ މީހުންނަށް މިކަން ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ވަރަށް ބަލައިގެން އުޅުނަސް އެމީހުންގެ ނުވަތަ އެމީހުންގެ ދަރިންގެ ދަތްތައް ފަނިކަ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކެއުމަށްފަހު ދަތްތަކުގެ ތެރޭގައި ތާށިވެފައި ކާ އެއްޗެތި ހުރެ އެވެ. މިއީ ދަތުގައި ފޮރި ޖެހުމާއި ދަތް ފަނިކެއުން އަދި ހިރުގަނޑު ގިރުމުގެ މައްސަލަ ދިމާވާ މައިގަނޑު ސަބަބެވެ.

ހަކުރު ގިނައިން އެކުލެވޭ ކާ އެއްޗިއްސާއި ބޯ އެއްޗެތި އަބަދު ބޭނުން ކުރުމާއި އަބަދާ އަބަދު ސްނެކްސް ހަފައިގެން ކެއުމަށް އާދަވުމަކީ ދަތް ފަނިކެއުމުގެ ނުރައްކާ އިތުރުކުރާ ކަމެކެވެ. އެހެންކަމުން ދަތްތައް ރަނގަޅަށް ބެލެހެއްޓުމަށް މިބުނާ ބައެއް ކަންކަމަށް ސަމާލުވާށެވެ.

ދޫ ސާފުކުރުން:

ދަތް އުނގުޅުމަކުން ހަމައެކަނި ނުފުދެ އެވެ. ދޫވެސް އުނގުޅާ ސާފުކުރަން ޖެހެ އެވެ. އަނގައިގައި ހަރުލާފައި ހުންނަ ޖަރާސީމުތައް ނައްތާލެވޭނީ ދޫ ވެސް ރަނގަޅަށް ސާފުކޮށްގެންނެވެ. އަނގައިން ނުބައިވަސް ނުދުވާނީ އަދި އަނގައިގެ ސިއްހަތު ރަނގަޅުވާނީ ވެސް އޭރުންނެވެ.

ދަތް އުނގުޅާއިރު އެހާ ގަދަޔަށް އުނގުޅުމުގެ ބަދަލުގައި މަޑުމަޑުން ފަރުވާތެރިކަމާއެކު ދަތް އުނގުޅާށެވެ. ނޫނީ ދަތްތަކާއި ހިރުގަނޑު ހަލާކުވެދާނެ އެވެ. މީގެ އިތުރަށް ކޮންމެ ކެއުމަކަށްފަހު ހުސް ފެންފޮދަކުން އަނގަ ތެރެ ދޮވުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.

ސްނެކްސް މަދުކުރުން

އެކި ވައްތަރުގެ ސްނެކްސްތައް ކެއުން އަދި ފިނި ބުއިންތައް ބޭނުންކުރާ މިންވަރު މަދުކޮށްލާށެވެ. މިފަދަ އެއްޗެތީގައި ހަކުރު ވަރަށް ގިނައިން ހުރެ އެވެ. އަދި މިއީ ދަތް ފަނިކެއުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ދަތްތައް ފްލޮސްކުރުން

ނިދުމުގެ ކުރިން ދަތްތައް ރީއްޗަށް އުނގުޅާ ފްލޮސް ކުރާށެވެ. ދުވާލު އެކި ގަޑިތަކުގައި ކެއުމަށް ބޭނުންކުރި ކާނާގެ ކުދިކުދި އެތިއެތިކޮޅު އަނގައިގެން އެތަން މިތަނުގައި ތަތްލާފައި އަދި ދަތްތަކުގެ ދޭތެރެ ތަކަށް ވަދެފައި ހުންނާނެ އެވެ. ރޭގަނޑު ނިދުމުގެ ކުރިން ދަތްތައް އުނގުޅާ ފްލޮސް ކުރުމުން ކޮބަޑި ޖެހުމާއި ހިރުގަނޑު ގިރިގެން ދަތްތައް ހަލާކުވުން ފަދަ ކަންކަން މެދުވެރިވާލެއް ކުޑަ ވާނެ އެވެ.