ލައިފްސްޓައިލް

އޮޓިޒަމް މައްސަލަ ހުރިކަން ދެނެގަނެވުނު ފުރަތަމަ މީހާ

އޮޓިޒަމް އަކީ މިޒަމާނުގައި ވަރަށް ފަސޭހައިން ދެނެގަނެވޭ މައްސަލަ އެކެވެ. އޮޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ވަރަށް އޮޅުންބޮޅުންތައް ބޮޑު ނިއުރޯޑިވެލޮޕްމެންޓަލް މައްސަލަ އެކެވެ.

މި ހާލަތު ދިމާވުމުން އެހެން މީހުންނާ ވާހަކަ ދައްކާ ގުޅުން ބާއްވަން އުނދަގޫވެ އެވެ. އަދި ޝައުގު ހުންނަ ކަންކަން ތަފާތުވެ މިޒާޖަށް ވެސް ބަދަލުތަކެއް އާދެ އެވެ. މިއީ އަދިވެސް ކަމާބެހޭ މާހިރުން ދިރާސާ ކުރަމުންދާ ނުކުޅެދުންތެރި ކަމެކެވެ.

މި ބަލި ހުރިކަން ފުރަތަމަ ދެނެގަނެވިފައިވަނީ ނުވަތަ އޮޓިޒަމްގެ ކްލިނިކަލް ޑައިގްނޯސިސްއެއް ކުރެވިފައިވާ މީހާ އެންމެން ދަންނަނީ ކޭސް ނަންބަރު އެކެއްގެ ގޮތުގަ އެވެ. އެ މީހާ މިއަދާ ހަމައަށް ވެސް ދުނިޔޭގައި އެބަހުއްޓެވެ. އެއީ އެމެރިކާގެ މިސިސިއްޕީގައި 1933 ވަނަ އަހަރު އުފަންވީ ޑޮނަލްޑް ޓްރިޕްލެޓް ކިޔާ މީހެކެވެ.

ދުނިޔޭގައި އޮޓިޒަމް ކިޔާ ބައްޔެއްވެސް އުޅޭކަން ދެނެގަނެވުނީ މި މީހާގެ ބަލީގެ އަސްލު ދަނެގަނެވިގެންނެވެ.
މި މީހާއަށް ވަރަށް ކުޑައިރުއްސުރެ ތަފާތު މައްސަލަތައް ކުރިމަތިވަމުން ދިޔަ އެވެ. ކަންކަން އޮބްޒާވްކުރުމަކީ ކުޑައިރުއްސުރެ އެމީހާއަށް ކުޅަދާނަ ކަމަކަށް ނުވެ އެވެ. އަދި އެހެން މީހުންނާ ގުޅިގެން ކަންކަން ކުރުންވެސް އެހާމެ އުނދަގުލެވެ. އޭނާގެ ޝައުގު ހުންނަ ކޮންމެވެސް އޮބްޖެކްޓެއް ހިފައިގެން ޑޮނަލްޑް އޭރުވެސް ކިތަންމެ އިރަކުވެސް އިނދެދާނެ އެވެ. އަދި އެންމެ ފަހަރަކުވެސް އޭނާ ޝައުގުވެރިވާ ކަހަލަ ލަވައެއް އިވިއްޖެނަމަ އެ ލަވައެއް ދަސްކޮށް ހަނދާނުގައި ބަހައްޓަ އެވެ.

ޑޮނަލްޑްގެ މައިންބަފައިންނަކަށް އެމީހުންގެ ދަރިފުޅަށް މިވާ ގޮތެއް ނޭނގެ އެވެ. އެހެންވެ 1937 ގައި ސްކޫލަށް ވެއްދި އެވެ. ނަމަވެސް އެންމެ އަހަރެއް ތެރޭ އޭނާ ވަނީ ސްކޫލުން ވަކިކުރަން މަޖުބޫރުވެފަ އެވެ.

ޓްރިޕްލެޓްގެ ބަލި ދެނެގަތީ ބަލްޓިމޯރުގައި ހުންނަ ޖޯންސް ހޮޕްކިންސް ހޮސްޕިޓަލްގެ ޗައިލްޑް ސައިކޭޓްރިސްޓް ލިއޯ ކެނާ އެވެ. އޮސްޓްރިއާ އަށް ނިސްބަތްވާ ޑރ. ލިއޯ ވަނީ ޑޮނަލްޑް އަށް ކުރިމަތިވެގެން އުޅޭ މައްސަލައަކީ އޮޓިޒަމް ކަން ދެނެގަނެފަ އެވެ. އެއީ 1938 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން މިފަދަ 10 ވަރަކަށް ކުދިން އޭނާއަށް ފާހަގަކުރެވުނެވެ. އަދި މިކަމާ ގުޅޭގޮތުން 1943ގައި އޭނާ ކަރުދާހެއް ތައްޔާރުކޮށް ޝާއިއުކުރި އެވެ.

"އޮޓިސްޓިކް ޑިސްޓާބަންސަސް އޮފް އެފެކްޓިވް ކޮންޓެކްޓް" ނަމަކަށް ކިޔާ މި ރިސާޗް ޕޭޕަރުގައި އޮޓިޒަމް އަކީ ކޮބައިކަމާއި އޮޓިޒަމް ދެނެގަންނާނެ ގޮތާއި ބަލީގެ ހާއްސަ ސިފަތަކާއި މިފަދަ ގިނަ މައުލޫމާތުތަކެއް ވަރަށް ތަފްސީލުކޮށް ލިޔުއްވާފައި ވެއެވެ. އަދި އޭނާ ޑައިގްނޯސް ކުރެއްވި ޓްރިޕްލެޓްގެ ކޭހަކީ "ކޭސް 1" ކަމަށް ނިންމާފައި ވެއެވެ.

އޮޓިޒަމް ޖެހުނު ފުރަތަމަ ކުއްޖާ އެ ބައްޔަށް ޑައިގްނޯސް ވުމުން އޭނާގެ މަންމަ އޭނާއާ މެދު އުންމީދު ކަނޑައެއް ނުލި އެވެ. އަދި މި ކުއްޖާއަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭން އެ މަންމަ މަސައްކަތް ފެށި އެވެ. އަދި އޮޓިސްޓިކް ކުއްޖެއްގެ ގޮތުގައި އޭނާގެ ދަރިފުޅަށް ދުނިޔެ ފެންނަނީ އޭނާއަށް ވަރަށް ބީރައްޓެހި އަދި ބިރުގަންނަ ކަހަލަ ތަނެއްގެ ގޮތުގައިކަން އެ މަންމައަށް އެނގި ޕްރޮފެޝަނަލް މީހުންގެ އެހީތެރިކަން ދަރިފުޅަށް ހޯދައިދިނެވެ. ކޮންމެވެސް ވަރަކަށް އޭނާގެ އިހްސާސްތައް އެމީހުންނަށް ދެނެގަނެވޭނެ ކަމުގެ އުންމީދުގަ އެވެ.

މަންމަގެ ވަރުގަދަ އަޒުމާއި ހިތްވަރުން ޑޮނަލްޑް އަށް އެހެން މީހުންނާ ގުޅުން ބަދަހިކުރަން ދަސްކޮށް ދިރިއުޅުމައިގެން ކުރިއަށް ދާން ދަސްވި އެވެ. މިއީ މި މައްސަލަ ހުރި އެހެން ކުދިންނަށް ވެސް ކޮންމެވެސް ވަރެއްގެ އާދައިގެ ދިރިއުޅުމެއް އުޅެވިދާނެކަމުގެ އުއްމީދު އާވި ކަމެކެވެ.

އަމިއްލަ ނަފްސަށް ހުރި ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ޑޮނަލްޑް އޭނާގެ ތައުލީމީ ހަޔާތް ފުރިހަމަކުރި އެވެ. އަދި ފްރެންޗްގެ ރޮނގުން ބެޗްލާޒް ޑިގްރީއެއް ހާސިލް ކުރި އެވެ.

މިހާރު އުމުރުން 88 އަހަރުވެފައިވާ ޑޮނަލްޑް އަދިވެސް ދިރިއުޅެމުންދަނީ އޭނާ އެންމެ ކުޑައިރުއްސުރެ ދިރިއުޅެމުންދިޔަ ގޭގަ އެވެ. އޭނާގެ ވަށައިގެންވާ އަވަށްޓެރިންނަކީ އޭނާގެ އިހްސާސްތައް ދަންނަ، އޭނާ ދެކެ ލޯބިވާ އަދި އޭނާއަށް އޯގާތެރިކޮށް ހިތާ ބައެކެވެ.

ޑޮނަލްޑްގެ ހަޔާތުގެ ވާހަކަ އެހެން މީހުންނަށް އިބުރަތަކަށް ފުދެ އެވެ. އޮޓިޒަމްގެ މައްސަލަތައް ހުއްޓަސް ލޯތްބާއި އޯގާތެރިކަން ލިބިއްޖެނަމަ ދުނިޔޭގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެ ރަނގަޅު ކާމިޔާބީތަކެއް ހާސިލު ކުރެވިދާނެކަން ޑޮނަލްޑްގެ ހަޔާތުން އެނގެ އެވެެ.