ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހުން އުފުލާފައިވާ ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލްކުރި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.
ހަތް ދައުވާ ބާތިލްކުރުމާއެކު އަދީބު ވަނީ މިނިވަންވެފަ އެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ. ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ސީރިއަސް ބޮޑެތި ދައުވާތައް ހިމެނެ އެވެ.
ނަމަވެސް މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަކާާ ނުލައި ކުރިމިނަލް ކޯޓުން މިއަދު ނިންމީ ދައުވާތައް ބާތިލްކުރުމަށެވެ. އެއީ އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ ދައުވާތަކަކަށްވުމާއި މައްސަލާގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާތީ އެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ.
މިހާރުގެ ޕީޖީ ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށާއި އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އިސްތިއުނާފުކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް މައްސަލާގައި ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ނުދީ، ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ދައުވާތައް ބާތިލްކޮށްފައިވުމެވެ.
ޝަމީމް ވިދާޅުވީ އިއުތިރާފު އެއްބަސްވުމެއް އޮންނަ ހާލަތުގައި އަމަލު ކުރާނެ ގޮތް ގާނޫނުގައި ބުނާ ކަމަށާއި ގޮތް ނިންމަން ޖެހެނީ އެ އެއްބަސްވުމާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް އެއްބަސްވުމަށް އަދީބު ވެސް އިންކާރުކޮށްފައިނުވަނީސް ދައުވާތައް ބާތިލް ކުރުމާއެކު އެއްބަސްވުމަކީ ނުފޫޒުންވެފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައެޅީ ގާނޫނީ އިމުގެ ތެރެއިން ނޫން ކަމަށެވެ.
އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅި ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ދައުލަތުގެ އަތުގައި ކިތާބީ ހެކި ހުރި ކަމަށާއި މައްސަލަ ސާބިތު ކުރެވުނީސް ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންވީމަ ކަންބޮޑުވުމަކީ ޝަރީއަތެއް ހިންގުމަށް ފުރުސަތު ނުދިނުން ކަމަށެވެ. ޝަރީއަތެއްކޮށް މިކަމުގައި ގޮތެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށާއި އޭރުން އަލުން މައްސަލަ ކުރިމިނަލް ކޯޓުގެ އެހެން ގާޒީއަކަށް ބަލަން ޖެހޭނެކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. ޝަމީމް ވިދާޅުވީ، އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީއަތުގައި އަދީބާ ސުވާލު ކުރަން ޖެހޭ ކަމަށާއި އެއްބަސްވުމަށް އޭނާ ދެކޮޅު ހަދައިފިނަމަ ދެން ކުރިއަށްދާނެ ގޮތަކާމެދު ޕީޖީއިން ގޮތް ނިންމާނެ ކަމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އެކި ރަށްތަކުގެ މައްސަލާގައި އަދީބަށް 150 އެއްހާ ދައުވާ ކުރެވޭ މިންވަރަށް ލިޔެކިޔުން އެބަހުރި ކަމަށެވެ. އެ އަދަދު އެހެން އޮތްވައި، އަދީބާއެކު އެއްބަސްވުމެއް ހަދައި ހަތް ދައުވާ ކުރަން ނިންމާފައި އޮތީ ކުރީގެ ޕީޖީ ކަމަށާއި އެ ނިންމުން އެގޮތަށް ކުރިއަށް ގެންދެވީ ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އަމިއްލައަށް ގަބޫލު ކުރައްވާ ގޮތް އެއާ ވަރަށް ތަފާތު ކަމަށާއި އަދީބަށް ވަރަށް ގިނަ ދައުވާތަކެއް ކުރެވޭނެކަން ޝަމީމް ތަކުރާރުކޮސް ފާހަގަ ކުރެއްވި އެވެ. އަދި އެއްބަސްވުން ދޫކޮށްލައްވަން އަދީބު ނިންމަވައިފިނަމަ އެގޮތުގެ މަތިން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
އަދީބަކީ މީގެކުރިން ވެސް ފިލާފައިވާ މީހަކަށްވާތީ، އިސްތިއުނާފު މައްސަލައާއެކު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ވެސް ޕީޖީއިން ވަނީ ނިންމާފަ އެވެ. ހައިކޯޓުގެ ނިންމުމެއް އޮތް ގޮތުން ކުރިން ވެސް އެހެން ފިލާފައި އެފަދަ ކުށުގެ ރިކޯޑެއް އޮތް މީހަކަށްވާނަމަ ޕާސްޕޯޓް ހިފަހައްޓަން މަޖުބޫރުވާކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.