ހަބަރު

ވަކީލަކާއި ނުލައި ކުރިއަށްދާން އަދީބު ނިންމައިފި

ދިފާއީ ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށާއި އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ވީހާވެސް އަވަހަކަށް ކުރިއަށް ގެންގޮސް ނިންމައި ދިނުމަށް ކުރީގެ ނައިބްރައިސް އަހުމަދު އަދީބް އަބްދުލްގަފޫރު މިއަދު ޝަރީއަތުގެ މަޖިލީހުގައި އެދިއްޖެ އެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި އޮއްވާ ބޭރުކޮށްލި ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާގެ އިސްތިއުނާފް އަޑުއެހުން މިއަދު ވަނީ ބާއްވާފަ އެވެ.

މި މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ލިބިފައިނުވާތީ ވަކީލަކު އައްޔަން ކުރުމަށް އަދީބަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މިއަދުގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ ވަކީލަކާއި ބައްދަލުކުރުމަށް މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ އެދިވަޑައިގެންނެވީ ވަކީލަކާ މާފުށި ޖަލުގައި ބައްދަލު ނުކުރެވޭތީ ކަމަށެވެ. އެހެން ނަމަވެސް މިހާރު ހަތަރު ފަސް ވަރަކަށް ފަހަރު ވަކީލަކާއި ބައްދަލުވެ ލިޔެކިޔުންތަކާއެކު މަޝްވަރާ ކުރުމަށް ފަހު ވަކީލަކާއި ނުލާ މި މައްސަލަތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާގެ ފަރާތުން ދެއްވާނެ ރައްދެއް ނެތް ކަމަށާއި އެއީ މައުޟުއީ ގޮތުން ދަށު ކްރިމިނަލް ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަދީބު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކުރިމިނަލް ކޯޓުގައި ޝަރީއަތްތަށް ކުރިއަށް ގެންދިޔައީ އޮންލައިންކޮށް ކަމަށާއި މި ޝަރީއަތް ކުރިއަށް ދިޔައިރު އިންޓަނެޓް ދަށް ކަމުން އަޑު ކެނޑިކެނޑިގެން އައުމުގެ ސަބަބުން ދައުލަތުގެ ނިޔަތާމެދު އޮޅުން އެރި ކަމަށެވެ. އަދި އެ ދުވަހު ތަހުގީގަށް އެއްބާރުލުން އޭނާގެ ފަރާތުން ނުދޭކަމަށް ދޭހަވި ކަމަށާއި އެކަމާ ގުޅިގެން ދައުލަތާއެކު އެ ދުވަހު ޒުވާބަކަށް ދާން ޖެހުމުން އަދީބު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން މައާފަށް އެދިވަޑައިގެންފަ އެވެ.

އަދީބު ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިިކުރެއްވީ މަޖުބޫރު ކޮށްގެން ކަމަށް ކޯޓުގެ ނިންމުމުގައި އޮތަސް، އެފަދަ އެއްވެސް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވާ ނުވާ ކަމަށެވެ. ތަހުގީގަށް އެއްބާރުލުން ދޭން އިސްވެ ހުށަހެޅުއްވީ ވެސް އަމިއްލަފުޅަށް ކަމަށާއި މިހާރު ވެސް ތަހުގީގަށް އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ތަހުގީގަށް އެއްބާރުލުން ނުދިނުމަށް ނުވަތަ އެ ނޫން ގޮތަކަށް ދޭހަވާ ފަދައަކުން ވާހަކަ ދެއްކެވިފައިވާ ނަމަ އެ ވާހަކަފުޅުތައް އަނބުރާ ގެންދަވާ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

ކުރިމިނަލް ކޯޓުން ނިންމި ނިންމުމުގައިވާ ގިނަ ކަންތައްތަކަކީ އޭނާ ދެއްކެވި ވާހަކަތަކެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ޕީޖީ އައިޝަތު ބިޝާމް އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އޭނާއަށް ޓޯޗާ ކުރެއްވި ކަމަށް ނިންމުމުގައި ބުނެފައިވީ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅިވި އެވެ. އަދި އޭނާއަށް ޓޯޗާއެއް ކޮށްފައިނުވާ ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލާގައި ދައުލަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އަދީބު ވިދާޅުވީ މި ސަރުކާރުން އެމްއެމްޕީއާރްސީ މައްސަލަ ބެލުމުގެ ހެޔޮ ނިޔަތް އެބަ އޮތް ކަމަށާއި ކޮރަޕްޝަނުން ވަރަށް ގިނަ ބަޔަކަށް މަންފާ ލިބިފައިވާތީ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ އެއްވެސް މަޖުބޫރުކަމެއް އޮވެގެންތޯ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ފަނޑިޔާރު ހުސައިން ނިޔާޒް ވަނީ އަދީބާއި ސުވާލު ކުރައްވާފަ އެވެ. އޭގެ ޖަވާބުގައި ވިދާޅުވީ މިއަދު ދެއްކި ވާހަކަ އަކީ އެއްވެސް މަޖުބޫރީ ހާލަތެއް އޮވެގެން ދެއްކި ވާހަކަތަކެއް ނޫން ކަމަށެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ކުށަށް އިއުތިރާފްވުމާއި ތަހްގީގަށް އެއްބާރުލުން ދޭނެކަމަށް ދައުލަތާއި އަދީބާއި ދެމެދު އެއްބަސްވުމެއް ނެހެދޭނެ ކަމަށާއި އެފަދަ އެއްބަސްވުން ހެދޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމަކީ އަދީބު ޖަލުގައި ހުންނަވަނިކޮށް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ޝަރުތުކޮށް ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި މިއީވެސް އޭނާ އާއެކު ވެފައިވާ އެއްބަސްވުން ގޯސް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ސަބަބެއް ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑު އެހުންތައް މިއަދު ނިންމާލާފައިވާއިރު ދައުލަތުންނާއި އަދި އަދީބުގެ ފަރާތުންވެސް އެދިފައިވަނީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށް އަމުރުކޮށް ދިނުމަށެވެ.