ހަބަރު

އަދީބުގެ ދައުވާތައް ބާތިލުކުރި ހުކުމް އިސްތިއުނާފުކޮށްފި

Jul 15, 2020

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކުރި މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވީ، މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި، އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބޭރުކޮށް، ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމް، މިއަދު ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވަނީ، އަދީބުގެ އިއުތިރާފު އެއްބަސްވުމަށް އިންކާރު ކުރި ނަމަވެސް އޭނާ ކުށްވެރި ކުރެވޭނެ މިންވަރަށް ދައުލަތުގައި ހެކި އެބަހުރި ކަމަށް ޝަމީމް ވިދާޅުވެފައިވަނިކޮށެވެ.

އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ކުރީގެ ޕީޖީ އައިޝަތު ބިޝާމް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އަދީބަށް ކޮށްފައިވަނީ ހަތް ދައުވާއެކެވެ. އެ ހަތް ދައުވާ ވެސް މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ވަނީ ބާތިލް ކުރައްވާފަ އެވެ.

ދައުވާތައް ބާތިލް ކުރެއްވީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލާގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިމުން ބޭރުން އަމަލު ކުރައްވައި އަދީބަށް ޓޯޗާކޮށް ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ. ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އުފުލި ދައުވާތަކެއް ކަމަށް ވެސް ކަނޑައެޅި އެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގަ އެވެ. ގާޒީގެ ނިންމުމުގައި ރިއާޔަތްކޮށްފައިވާ ކަންކަމަކީ އަދީބު ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށް ވާހަކަ ދައްކާފައިވާ ކަންކަމެއް ވެސް ނޫނެވެ. އިއުތިރާފު އެއްބަސްވުމަށް ދެކޮޅު ހަދައި ދައުވާތަކަށް އަދީބު އިންކާރު ކުރައްވާފައެއް ނުވެ އެވެ. ވިދާޅުވެފައިވަނީ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ އިތުރުން، އެ މައްސަލާގައި ގާޒީ ނިންމެވި ނިންމެވުމަކީ ގާނޫނީ ނިޒާމްގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެ، ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަަށް ހުށަހަޅުއްވާނެކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، އެ މައްސަލަ ބޭރުކޮށްލަން އިއްޔެ ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީ އިން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއްވެސް މިއަދު ހުށަހަޅައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ވަނީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށް ކޯޓުން މައްސަލަ ބޭރުކޮށްލަން ގާޒީ ރަޝީދު ހުކުމް ކޮށްފައި ވަނީ ގާނޫނުތަކާއި ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

އެކަމާ ގުޅިގެން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަޖިލީހުން މަސައްކަތްކުރާކަމަށްބުނެ، ގާނޫނީ ބޭފުޅުން ގެންދަވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފަޅުކުރައްވަމުންނެވެ.