ދުނިޔެ

ލުބްނާނުން ރޮކެޓްތަކެއް އިޒުރޭލުގެ ވެރިރަށް ތެލްއަވީވަށް

އިޒުރޭލުގެ ވެރިރަށް ތެލްއަވީވަށް އަމާޒުކޮށް ލުބްނާނުން ފޮނުވި ރޮކެޓްތަކަކުން ޔަހޫދީންގެ ފަސް މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮން ތެލްއަވީވްގެ ރަމަތުގަން ސަރަހައްދުގައި ރޯވެ ވަނީ ހުޅުގަނޑު ފަޅައިގެން ގޮސްފަ އެވެ. އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ދާއިރު ޖެހިގެން ހުރި އިމާރާތްތަކަށް ހުޅުގަނޑު ފެތުރިދާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ތެލްއަވީވްގެ މެދުތެރެއަށް ދަތުރުކުރަމުން ދިޔަ ރޮކެޓެއް، މަތީގައި އޮއްވައި ގޮއްވާލާފައިވާ ކަމަށް އިޒުރޭލުގެ އަސްކަރިއްޔާއިން ބުންޏެވެ. ނަމަވެސް ނޫސްތަކުން ބުނާ ގޮތުން އެ ރޮކެޓްގެ ސަަބަބުން ޔަހޫދީ އާބާދީތަކަށް ގެއްލުން ލިބި ހުޅުހިފާފައި ހުރި ރޮކެޓްގެ ބައިތައް ސަރަހައްދުގެ ބޮޑު ބަޔަކަށް ވަނީ ވެއްޓިފަ އެވެ.

އިޒުރޭލުގެ ބައެއް ނޫސްތަކުން މި ނޫން ގޮތްގޮތަށްވެސް މި ހަބަރު ވަނީ ގެނެސްދީފަ އެވެ.

ބައެއް ނޫސްތައް ބުނާ ގޮތުން ހުޅުހިފަން މެދުވެރިވީ މަތީގައި އޮއްވައި ރޮކެޓް ގޮއްވާލުމުން ބުރައިގެން ދިޔަ ބައިތައް މަތީގައި ދަމާފައި ހުރި ކަރަންޓް ނަރުތަކެއްގައި ޖެހި ރޯވެގެންނެވެ.

އިޒުރޭލުގެ މީޑިއާތަކުން މި ހަބަރު ގެނެސްދިން ގޮތުން އަދި އިންޓަނެޓުން ފެންނަން ހުރި ވީޑިއޯތަކަށް ބަލާއިރު، ލުބްނާނުން ދިން މި ހަމަލާގައި އިޒުރޭލަށް އަސަރުކުރާ ވަރުގެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ރޮކެޓްގެ ބައެއް ވެއްޓިފައި އޮތް ތަނެއް ކަމަށް ބެލެވޭ ސަރަހައްދެއްގައި ރޯވެ ޖެހިގެން ހުރި ފިހާރައެއްގަައި ހުޅުހިފާފައި ހުރި މަންޒަރު ވެސް ވަނީ ވީޑިއޯކޮށްފަ އެވެ.

ލުބްނާނުން އިޒުރޭލަށް ދިން އެހެން ހަަމަލާއެއްގައި، މަގުމަތީގައި ދުއްވާފައި ދިޔަ ބަހަކަށް ހަމަލާ އަރާފައިވާ ކަމަށް އިޒުރޭލުގެ ނޫސްތަކުން ބުނެ އެވެ.

މި ހާދިސާ ހިނގީ އިޒުރޭލުގެ ބެންގޫރިއަން އެއާޕޯޓާ މާދުރު ނޫން ހިސާބެއްގައި ކަމަށްވާތީ އެއާޕޯޓް ބަންދުކުރަން ޖެހުނު ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ލުބްނާނުން ފޮނުވާ ރޮކެޓް ހަމަލާތައް އިޒުރޭލުގެ އަޔަން ޑޯމުން މަތަކުރާ ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް ތެލްއަވީވުގެ ފުލުހުން ބުނާ ގޮތުން ހިޒްބުﷲގެ ރޮކެޓްތައް ހިފެހެއްޓުމެއް ނެތި ތެލްއަވީވަށް ދަނީ ވެއްޓެމުންނެވެ.

ހިޒްބުﷲގެ ހަމަލާތަކުގައި ފަނާކުރަނިވި ގެއްލުންތަކެއް އިޒުރޭލަށް ނުލިބުނު ނަމަވެސް އިޒުރޭލުގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.