އީރާނުން އަންގާރަ ދުވަހު ބެލިސްޓިކް މިސައިލުން އިޒުރޭލަށް ދިން ހަމަލާތަކުގައި ޔަހޫދީ އާބާދީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ އެވެ.
އިޒުރޭލުގެ އުތުރު ސިޓީއެއް ކަމަށްވާ ހޫދު ހައްޝަޣޫންގެ 100 އެއްހާ ގެއަށް މިސައިލްގެ ބައިތައް ވެއްޓި ގެއްލުންތައް ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.
ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިވައި ވާއިރު ބައެއް އިމާރާތްތަކަށް އާދައިގެ ވަރަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް އިދާރާތަކުން ބުންޏެވެ.
ބޮޑެތި ގެއްލުންތައް ލިބިފައިވާ އިމާރާތްތައް މަރާމާތުކުރަން ދުވަސްތަކެއް ނަގާނެ ކަމަށް ވެސް އިޒުރޭލުގެ އިދާރާތަކުން ބުންޏެވެ.
އީރާންގެ ނޫސްތަކުން ކުރިން ބުނީ އިޒުރޭލަށް ހަމަލާދިނުމަށް އިރާނުން 400 ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށެވެ. ނަމަވެސް، މިހާރު ބުނަކީ އިޒުރޭލަށް ހަމަލާދޭން ބޭނުންކުރީ 180 ބެލިސްޓިކް މިސައިލް ކަމަށެވެ.
އީޜާންގެ ހަމަލާތައް އިޒުރޭލުގެ ވެރިރަށް ތެލްއަވީވަށް ވެސް ވަނީ އަރާފަ އެވެ.
އީރާނުން ބާރުގަދަ ރޮކެޓްތަކެއް އިޒުރޭލަށް ފޮނުވާލި ނަމަވެސް، އިޒުރޭލުގެ އަޔަން ޑޯމާ ހެދި މިސައިލްތަކުގެ ފުރިހަމަ ބާރުމިނުގައި އިޒުރޭލަށް އަރާފައެއް ނުވެ އެވެ. މިސައިލްތައް ބިމުގައި ޖެހުމުގެ ކުރިން އަޔަން ޑޯމުން ގޮއްވާލަނީ އެވެ.
އީރާންގެ ރިވޮލޫޝަނަނީ ގާޑްސް ކޯޕްސް (އައިއާރުޖީސީ) ބުނި ގޮތުން އިޒުރޭލަށް ބެލިސްޓިކް މިސައިލުން ހަމަލާދިނީ ބަދަލުހިފުމަށެވެ. އެއީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާންގައި ހުއްޓައި އީޒުރޭލުން އޭނާ މަރާލުމާ ގުޅިގެންނެވެ.
އިޒުރޭލުން ލުބްނާނަށް ދިން ހަމަލާތަކުގައި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ މަރުވެފައި ވާތީ އެއީވެސް އިޒުރޭލުގެ ކިބައިން ބަދަލުހިފި ކަމެއް ކަމަށް އީރާނުން ބުންޏެވެ.
އީރާނުން އިޒުރޭލަށް ދިން މި ހަމަލާތަކަށް ބަދަލުނުހިފައި ދޫކޮށްނުލާނެ ކަމަށް އިޒުރޭލުން ބުންޏެވެ. އެމެރިކާ ވެސް ވަނީ އީރާންގެ ކިބައިން ބަދަލުހިފުމަށް އިޒުރޭލަށް ގޮވާލާފަ އެވެ.
އިޒުރޭލުން ބުނާ ގޮތުން އީރާނަށް ހަމަލާދޭނީ އިގުތިސާދީ ގޮތުން ގައުމު ހަލާކުވާނެ ގޮތް ބަލައިގެންނެވެ. އިޒުރޭލުގެ ހަމަލާތައް ބާރުގަދަވެފައި ފަނާކުރުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އީރާނުން ބުނީ އަންގާރަ ދުވަހު ދިން ހަމަލާތަކަކީ ދައަކާލުމެއް ކަމަށެވެ. އީރާންގެ ކިބައިން ބަދަލުހިފުމަށް އިޒުރޭލުން ހަމަލާއެއް ދީފި ނަމަ ޔަހޫދީން އެއްގަމުގައި ތިއްބައި ދަރުދެއްޔަށް ހަދާނެ ކަމަށެވެ.