ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އޮސްޓްރޭލިއާގެ ޓެރިޓަރީއެއް ކަމުގައިވާ ކޯކޯސް (ކީލިންގ) އައިލެންޑްސް އެވެ. މިއީ ވަކި ގައުމެއް ނޫން ނަމަވެސް އޮސްޓްރޭލިއާއާ ދުރުގައި ވަކިން އޮންނަ، އެ ގައުމުގެ ހަމައެކަނި އިސްލާމުން ގިނަ ޓެރިޓަރީ އެވެ.
ކޯކޯސް (ކީލިންގ) އައިލެންޑްސް
އިންޑިއަން އޯޝަންގައިވާ ކޯކޯސް (ކީލިންގ) އައިލެންޑްސް އަކީ ކުރީގައި ސިންގަޕޫރުގެ ރަށެކެވެ. އިނގިރޭސިން 1857 ވަނަ އަހަރު ސިންގަޕޫރު އިސްތިއުމާރުކުރުމަށްފަހު، 1955 ގައި މި ޓެރިޓަރީ ވަނީ އޮސްޓްރޭލިއާގެ ބަޔަކަށް ހަދާފަ އެވެ.
މި ޓެރެޓަރީ އޮންނަނީ އިންޑޮނޭޝިއާގެ ދެކުނަށާއި ހުޅަނގަށް އަދި ދިވެހިރާއްޖޭގެ އިރު ދެކުނަށެވެ.
މި ޓެރިޓަރީގައި އުފެދިފައި އޮންނަނީ 27 މުރަކަ ރަށް އޮންނަ ދެ އަތޮޅަށެވެ. އެހެންނަމަވެސް މީހުން ދިރިއުޅެނީ މީގެ ތެރެއިން ވެސްޓް އައިލެންޑް އާއި ހޯމް އައިލެންޑްގަ އެވެ.
ކޯކޯސް (ކީލިންގ) އައިލެންޑްސްގެ އިގްތިސާދު ބިނާވެފައިވަނީ މަސްވެރިކަމާއި ދަނޑުވެރި ކަމަށެވެ.
މި ޓެރިޓަރީގެ ގުދުރަތީ ޗާލު ކަމާއި ރީތި ގޮނޑުދޮށްތަކާއި ކަނޑުއަޑީގައިވާ ކުލަގަދަ މަސްމަހާމެހީގެ ނަލަ ކަމުން، ފަތުރުވެރިކަމަކީ ތަރައްގީވަމުން އަންނަ ސިނާއަތެކެވެ. އަދި ކޯކޯސް އައިލެންޑްސް ކޯޕަރޭޓިވް ސޮސައިޓީއަކީ ގިނަ މީހުން ވަޒީފާގައި ގެންގުޅޭ ކޯޕަރޭޓިވް އެކެވެ.
މި ޓެރިޓަރީގައި ދިރިއުޅެނީ 600 އެއްހާ މީހުންނެވެ. މީގެތެރޭގައި ގާތްގަނޑަކަށް 80-75 ޕަސަންޓަކީ ސުންނީ މުސްލިމުންނެވެ.
މި ޓެރިޓަރީގައި ގިނައީ މެލޭ ދަރިކޮޅުގެ މީހުންނެވެ. މީގެ އިތުރުން އިންޑޮނޭޝިއާ އާއި އޭޝިއާގެ ބައެއް ގައުމުތަކުގެ އަދި ޔޫރަޕާއި އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހުންވެސް ދިރިއުޅެއެވެ.
މެލޭ މީހުން ދިރިއުޅެނީ ހޯމް އައިލެންޑްގަ އެވެ. މި ގައުމުގެ ރަސްމީ ބަހަކީ އިނގިރޭސި ކަމުގައިވީއިރު، ގިނައިން ވާހަކަ ދައްކައި އުޅެނީ ކޯކޮސް މެލޭ ބަހުންނެވެ.
ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން
ކޯކޯސްގެ ވެރިރަށަކީ ވެސްޓް އައިލެންޑަށް ވީއިރު، އެންމެ ބޮޑު ރަށަށީ ހޯމް އައިލެންޑްގެ ބަންތަމް ވިލެޖެވެ. ކޯކޯސްގެ ދެ ރަށް ކަނޑުމަތިން ގުޅުވާލާފައިވާ ރޭލު ދަގަނޑުތައް، މި ޓެރިޓަރީގެ ތިން މިސްކިތް، މިއުޒިއަމް، ނެޝަނަލް ޕާކް، ބިގް ބާޖް އާޓް ސެންޓާ، އޯޝޭނިއާ ހައުސް، ކޯކޯސް އައިލެންޑްސް ވިޒިޓާ ސެންޓާ އަދި މާރުކޭޓްތަކަކީ ބަލާލަން ރަނގަޅު ތަންތަނެވެ.
މިއީ ދޫނި ބަލަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ޓެރިޓަރީ އެކެވެ.
މި ޓެރިޓަރީގައި 39 ވައްތަރަށް ވުރެ ގިނަ ބާވަތުގެ ދޫނި އުޅެ އެވެ. މަސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މަސް ދަތުރުތައް ހަމަޖެއްސެން އޮވެ އެވެ.
މޫދު ކުޅިވަރަށް ލޯބިކުރާ މީހުންނަށް ސާފްކުރުމާއި އެފަދަ ކުޅިވަރުތައް ކުޅެވޭނެ ގިނަ ވަސީލަތްތައް ހުރެ އެވެ. އަދި މެރިން ޕާކަކާއި ފަރުގައި ފީނުމާއި ޑައިވްކޮށް ރީތި މަސްތަކާއި މުރަކަތަކުގެ އިތުރުން ކުރީ ޒަމާނުގައި އަޑިއަށް ގޮސްފައިވާ ބޯޓުތައް ބަލާލަންވެސް ފުރުސަތު އޮވެ އެވެ.
މީގެ އިތުރުން ގޮލްފް ކުޅެން ޝައުގުވެރިވާ މީހުންނަށް އެކަންވެސް ކުރެވެން ހުރުމާއި މަޑި އެއްލަންވެސް ފުރުސަތު އޮވެ އެވެ. އަދި ޑައިރެކްޝަން އައިލެންޑް ފަދަ ރަށްތަކުގެ ރީތި ގޮނޑުދޮށްތަކަށް ގޮސް މޫދަށް އެރުމުގެ ފުރުސަތު އޮތް އިރު، ހޯމް ސްޓޭ އަދި ހިތްގައިމު ރިޒޯޓްތަކުގައިވެސް ފަތުރުވެރިންނަށް ތިބެވޭނެ އެވެ.
ސަގާފަތް
ކޯކޯސްގައި މެލޭ ސަގާފަތުގެ ކަންތައްތަކާއި އިސްލާމްދީނުގެ އާދަކާދަތައް ގުޅިލާފަމެހިފައިވެ އެވެ. އެގޮތުން ކޯކޯސްގެ މެލޭ މީހުންގެ ތެރެއިން އަންހެނުން ލައިއުޅެނީ މެލޭ ސަގާފީ ހެދުން ކަމުގައިވާ ބޭޖޫ ކެބާޔާ އެވެ، ފިރިހެނުން ލައިއުޅެނީ ބޭޖޫ މެލާޔޫ އެވެ. އަދި އަންހެން ކުދިންގެ ތެރެއިން ގިނަ ކުޑަކުދިން ބުރުގާ އަޅައެވެ.
ކޯކޯސް މެލޭ އަންހެނުންނަކީ ފަނުން ބާސްކެޓް ވިއުމަށް މޮޅު ބައެކެވެ. އަދި ގޭސް އުދުން ހުއްޓަސް ދަރު އުދުނުން ކެއްކުމަށް ގަޔާވާ ބައެކެވެ. ވެސްޓް އައިލެންޑްގައި ދިރިއުޅޭ ޔޫރަޕް ދަރިކޮޅުގެ އޮސްޓްރޭލިއާގެ ޣައިރު މުސްލިމުން އެމީހުންގެ ސަގާފަތް ކުރިއަށް ގެންދެ އެވެ.
ކެއުންބުއިން
ކޯކޯސް (ކީލިންގ) އައިލެންޑްސްގެ ކެއުމަކީ މައިގަނޑު ގޮތެއްގައި މެލޭ ކެއުމެވެ. މީގެ އިތުރުން އިންޑޮނޭޝިއާ އަދި ޔޫރަޕްގެ ނުފޫޒުވެސް ކެއުމުން ފެނެ އެވެ.
ކުކުޅު އަދި ސީފުޑް، ތަރުކާރިއާއި ނޫޑްލްސް އަދި ބަތާއެކު ކެއުމަށް ޝައުގުވެރިވާއިރު، މެލޭ ކެއުމެކޭ އެއްފަދައިން ކާށި ކިރު ގިނަ ކެއްކުންތަކުގައި ބޭނުން ކުރެ އެވެ. އެގޮތުން ނާސި ގޮރެން، އަޔާމް ބެގާނާ، އަޔާމް ޕެންގަންގް، ނާސި ލެމަކް، ލަކްސާ، ސަތޭ، ރެންޑަން، ކުއޭ މިއީ ހުސް ފާހަގަކޮށްލެވޭ ކެއުމެވެ. މ
މީގެ އިތުރުން ޕިއްޒާ ފަދަ ޔޫރަޕް އަދި އޮސްޓްރޭލިއާގައި ހިނގާ ކެއުންތައް ވެސް މިހާރު ފާހަގަކުރެވެ އެވެ. އަދި ބުއިމަށް ކަޅު ސައި، ކިރު ސައި، ކޮފީ، މޭވާގެ ޖޫސްތަކާއި، ކުރުނބާ ފެން އެއީ އާންމު ބުއިންތަކެވެ.
ވިސާ އާއި ދަތުރުކުރުން
ކޯކޯސް (ކީލިންގ) އައިލެންޑްސް އަކީ އޮސްޓްރޭލިއާގެ ޓްރިޓަރީއެއް ކަމުން، ދިވެހިން އެ ޓެރިޓަރީއަށް ޒިޔާރަތްކުރުމަށް ވިސާ ނަގަންޖެހޭނެ އެވެ.