އަބުލް ވަލީދު މުހައްމަދު އިބްނި އަހްމަދު އިބްނު މުހައްމަދު އިބްނު ރުޝްދު ނުވަތަ ހުޅަނގަށް މަޝްހޫރު ނަމުންނަމަ އަވަރޯސް އުފަންވެވަޑައިގެންފައިވަނީ ސްޕޭންގެ ދެކުނު ސަރަހައްދުގައި އަންދަލޫސިއާގެ ކޮރްޑޯވާގައި މިލާދީން 1128 ވަނަ އަހަރު އެވެ.
އިބްނު ރުޝްދުގެ ބައްޕާފުޅާއި ކާފާފުޅަކީ ކޮރްޑޯވާގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނެވެ. އޭނާގެ ކާފާފުޅަކީ މާލިކީ މަޒްހަބްގެ ފިގްހު އިލްމަށް އަރައި ހުންނެވި ބޭފުޅެކެވެ. ހަމައެހެންމެ ކޮރްޑޯވާގެ ޖާމިއާ މޮސްކްގެ އިމާމެވެ.
އިބްނު ރުޝްދު ތައުލީމު އުނެގެނިވަޑައިގެންފައިވަނީ ކޮރްޑޯވާގަ އެވެ. އޭނާގެ ދިރިއުޅުއްވުން ބިނާވެފައިވަނީ ހަމަހިމޭން ހަޔާތެއްގައި އުނގެނިވަޑައިގަތުމަށް މުޅިންހެން ވަގުތު ހޭދަކުރެއްވުމުގެ މައްޗަށެވެ. އޭނާ ވަނީ ފިލޯސޮފީއާއި ގާނުނުތައް އަބޫ ޖައުފަރު ހާރޫން އަދި އިބްނި ބާޖާގެ އަރިހުން އުނެގެނިވަޑައިގެންފަ އެވެ. އަދި ހަމައެހެންމެ އޭނާ ވަނީ މެޑިސިންވެސް ކިޔަވައިވިދާޅުވެފަ އެވެ.
ސްޕޭންގައި އުޅުއްވި އުމައްޔަދުންގެ ހަލީފާ އަލް ހަކަމް ވަނީ ކޮރްޑޯވާގައި މާސިންގާ ލައިބްރަރީ އެއް ބިނާކޮށްފަ އެވެ. އެތަނުގައި ފަސް ލައްކަ ފޮތަށް ވުރެ ގިނަ އިލްމީ ފޮތްތައްވެ އެވެ. އިބްނު ރުޝްދު ވަނީ އެ އިލްމީ ފޮތްތައް ދިރާސާކުރައްވައި އެއިގެ މައްޗަށް ލިޔުންތައް ލިޔުއްވާފަ އެވެ. އެ އާދަޔާއިހިލާފް ލައިބްރަރީގައި ހުރި އިލްމީ ފޮތްތަކުގެ މައްޗަށް ސްޕޭނުގެ އިލްމިއްޔާތު ބިނާވެފައިވުމުމުގެ ހެއްކަކީ އިބްނު ރުޝްދު ފަދަ އިލްމުވެރިން އެއިގެ 200 އަހަރު ފަހުން އެބޭފުޅުންގެ އިލްމީ ހަޔާތް ބައްޓަންވެގެން އައުމެވެ.
އިބްނު ރުޝްދުގެ ދުވަސްވަރު މޮރޮކޯގެ ހަލީފާ އަބޫ ޔައުގޫބް، އިބްނު ރުޝްދު މޮރޮކޯއަށް ގެންނަވައި އިބްނު ތުފައިލްގެ ބަދަލުގައި އިބްނު ރުޝްދު އޭނާގެ ބޭސްވެރިޔާގެ ގޮތުގައި ހަމަޖެއްސެވި އެވެ.
އިލްމީ މައިދާނުގައި އިބްނު ރުޝްދުގެ މަސައްކަތްޕުޅު އަގުބޮޑެވެ. އެގޮތުން ފިލޯސޮފީ އާއި ލޮޖިކް އާއި މެޑިސިން އާއި މިޔުޒިކާއި ހަމައެހެންމެ ގާނޫނީ ނިޒާމުގެ ރޮނގުން ކުރައްވާފައިވާ އިލްމީ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. ބޭސްވެރިކަމާއި ގުޅޭގޮތުން ލިޔުއްވާފައިވާ ކިތާބުލް ކުލްޔަތު ފީ އަލް ތިބް އަކީ ލެޓިން ބަހަށް ތަރުޖަމާކުރެވި އިލްމީ މައިދާނުގައި ބޭނުންކުރަމުން އައި ފޮތެކެވެ.
އިބްނި ސީނާގެ ގާނޫނު މިފޮތުގައިވާ އިލްމުގެ މައްޗަށް ދިރާސާތަކެއް އިބްނު ރުޝްދު ކުރައްވާފައިވެ އެވެ. އޭނާގެ ފޮތް ބިދާޔަތް އަލް މުޖްތަހިދް ވަ ނިހާޔަތް އަލް މުގްތަސިދް ވެފައިވަނީ މާލިކީ މަޒްހަބްގެ ފިގްހު އިލްމުގެ އެންމެ މޮޅު އެއްފޮތް ކަމުގައި ވެފަ އެވެ. އޭނާގެ އިލްމީ މަސައްކަތްތައް ލެޓިން އާއި ޖަރުމަނާއި އިނގިރޭސިބަހުގެ އިތުރަށް ހިބްރޫ ބަހަށް ތަރުޖަމާ ކުރެވިފައިވެ އެވެ.
ފިލޯސޮފީގެ ރޮނުގުން އިބްނު ރުޝްދު ލިޔުއްވި ތުހާފުތް އަލް ތުހާފުތް އަކީ އިމާމް އަލް ގަޒާލީގެ އިލްމީ ފޮތަކަށް ރައްދު ދެއްވައި އިބްނު ރުޝްދު ލިޔުއްވި ފޮތެކެވެ. މި ފޮތަށް މުސްލިމް އިލްމުވެރިންގެ ފާޑުވިދާޅުވުންތައް އިންތިހާއަށް އޮތަސް ހުޅަނގުގެ ހާއްސަކޮށް ޔޫރަޕުގެ އިލްމުވެރިންގެ ފިކުރުތަކަށް ބޮޑު ނުފޫޒެއް ޒަމާނީ ފިލޯސޮފީ އިލްމާއި ތަހުލީލީ ސައެންސްގެ ބާބެއް ފެށުމަށް މަގުފަހިކޮށްފައިވެ އެވެ.
އިބްނު ރުޝްދު އަކީ 12 ވަނަ ގަރުނުގައި އުފެދުނު އެންމެ މޮޅު އެއް ފިލޯސޮފަރެވެ. އޭނާގެ މަސައްކަތް 12 ވަނަ ގަރުނުން 16 ވަނަ ގަރުނާއި ދެމެދު ޔޫރަޕުގައި އުފެދިގެން އައި ފިކުރުތައް އެތަކެއްޗެއްގެ މައްޗަށް ބިނާވި ފިކުރެއް ކަމުގައިވެފައިވެ އެވެ. އޭނާ ވަނީ އެރިސްޓޯޓްލްގެ ރިޕަބްލިކާއި އަލް ފަރާބީގެ ލޮޖިކްގެ މައްޗަށް ދިރާސާކޮށް ލިޔުންތައް ލިޔުއްވާފަ އެވެ.