މީހުން

ރައީސް ސީސީ: މިސްރު ޒަމާނީ ބަދަލުތަކާ ދިމާލަށް ގެންދަނީ

މިސްރުގެ ހަވަނަ ރައީސް ކަމަށް އަބްދުލް ފައްތާހު ސައީދު ހަސަން ހަލީލް އަލް ސީސީ ވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ.

ރައީސް ސީސީ އުފަންވެވަޑައިގެންފައިވަނީ މިސްރުގެ އާދައިގެ އާއިލާ އަކަށް ގާހިރާގައި ނޮވެމްބަރު 19، 1954 ގައެވެ.

ރައީސް ސީސީ މަތީ ތައުލީމް ހާސިލް ކުރައްވާފައިވަނީ އަސްކަރީ ދާއިރާއިން މިސްރުގެ މިލިޓަރީ އެއާފޯސް ހައިސްކޫލުންނާއި އަދި އިޖިޕްޝަން މިލިޓަރީ އެކަޑަމީން 1971 އިން 1977 އާ ދެމެދުގަ އެވެ. މީގެ އިތުރުން މިސްރުގެ ނާސިރު އެކަޑަމީ އޮފް މިލިޓަރީ ސައެންސާއި އިނގިރޭސިވިލާތުގެ ޖޮއިންޓް ކޮމާންޑް އެންޑް ސްޓާފް ކޮލެޖް އަދި ވޮޝިންޓަންގެ އާމީ ވޯ ކޮލެޖް ގައިވެސް ތަމްރީން ހައްދަވާފައިވެ އެވެ.

އަސްކަރިއްޔާގައި ހިދުމަތް ކުރައްވަމުން ރައީސް ސީސީ މިސްރުގެ މިލިޓަރީ އިންޓެލިޖެންސްގެ ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތީ 2010 ވަނަ އަހަރު އެވެ. މިސްރުގެ ޒަމާންވީ ލީޑަރު ހުސްނީ މުބާރަކް ވެރިކަމުން ފެބްރުއަރީ 11، 2011 ވަނަ އަހަރު ދުރުކުރެވުމާއެކު މިސްރުގެ ވެރިކަން ވަގުތީ ގޮތުން ބެލެހެއްޓި ސުޕްރީމް ކައުންސިލް އޮފް ދި އާމްޑް ފޯސަސްގެ އެންމެ ޒުވާން މެންބަރުގެ ގޮތުގައި އެކައުންސިލްގައި ސީސީ ހިމެނިވަޑައިގަތެވެ.

މިސްރުގެ ރިޔާސީ އިންތިހާބު ބާއްވައި ޖޫން 17، 2012 ގައި މިސްރުގެ ރައީސް ކަމަށް މުހައްމަދު މުރުސީ ވަޑައިގެން އެ ކައުންސިލްގެ މެންބަރުން ބަދަލުކުރައްވައި ސީސީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް ގެންނަވައި އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް ކަމަށް ހަމަޖެއްސެވި އެވެ.

ކުރީގެ ރައީސް މުބާރަކާ ދެކޮޅަށް އުފެދުނުފަދަ ހަލަބޮލި ހަޅުތާލުތަކެއް އައު ރައީސް މުރުސީއާ ދެކޮޅަށް ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އުފެދި މިސްރުގެ ރައްޔިތުންގެ ބޮޑު ބައެއް މުރުސީ ވެރިކަމުން ދުރުކުރުމަށް ސީސީ އަށް ގޮވަމުން ދިއުމާއެކު މިސްރުގައި ހަމަޖެހުން ގާއިމުކުރުމަށް ކަމަށް ބުނެ މުރުސީ އިސްތިއުފާ ދެއްވުމަށް ހުށަހެޅުނެވެ. ނަމަވެސް މުރުސީ އެކަމާ ދެކޮޅު ހެއްދެވުމުން އެމަނިކުފާނު ގޭގައި ބަންދު ކުރެވި މިސްރުގެ ވެރިކަން އަނެއްކާވެސް ވަގުތީ ގޮތުން ހިންގެވުން ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓުގެ އަދްލީ މަންސޫރާ ހަވާލު ކުރެވުނެވެ.

ޖުލައި އަދި އޮގަސްޓް 2013 ގައި މިސްރުގައި ސިޔާސީ ބޮޑެތި ހަމަނުޖެހުންޔަކެއް ހިނގައި އެތައް ބަޔަކު މަރުވެ ހަޅުތާލުތަކަށް މައިތިރިކަމެއް ނައުމާއެކު މިސްރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ކަމަށް ސީސީ އައްޔަން ކުރެވުނެވެ. އަދި ދެއަހަރެއްހާ ދުވަހުގެ އެތައް ސިޔާސީ ހަމަނުޖެހުމަކަށްފަހު ސީސީ މިސްރުގައި ހަމަޖެހުން ގާއިމުކުރެއްވުމުގައި އަސްކަރިއްޔާގެ ވެރިއެއްގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތަކުގެ ސަބަބުން އެމަނިކުފާނަށް ގިނަ ބަޔަކު މިސްރުގައި ތާއީދު ކުރި އެވެ. އަދި ޖެނުއަރީ 2014 ގައި ފީލްޑް މާޝަލް އެއްގެ ގޮތުގައި ސީސީ ހަމަޖެހިގެން ދިޔަ އެވެ.

ސީސީ މިސްރުގެ އަސްކަރިއްޔާގެ ވެރިކަމުން އިސްތިއުފާ ދެއްވީ މާޗް 26، 2014 ގައެވެ. އެއަށްފަހު ޖޫން މަހު ތިނެއްގައި އޮތް ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން ބޮޑު އައުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވައި އަށެއް ޖޫންގައި މިސްރުގެ އާ ރައިސް ކަމަށް ވަޑައިގެންނެވި އެވެ. އަދި ރައީސް ކަމުގެ ދެވަނަ ދައުރަކަށް 2018 ގައި ސީސީ ވަނީ ހޮވިވަޑައިގެންފަ އެވެ. ސީސީ ވަނީ 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުވެސް ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރައްވާ ރިޔާސީ ތިންވަނަ ދައުރެއްވެސް ކަށަވަރުކުރައްވާފަ އެވެ.

ރައީސް ސީސީ ގެންދަވަނީ ފަހުގެ ތާރީހުގައި އުފެދުނު ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ހީނަރުވި މިސްރުގެ އިގްތިސޯދު ކޮޅަށް ޖެހުމާއި އިޖްތިމާއީ އަދި ސިއްހީ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ މިސްރުގެ އިގްތިސޯދު ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލައި އައު ސުއޭޒް ކެނަލެއް ގާއިމުކުރެއްވުމުގެ މަސައްކަތް ފައްޓަވައި ގާހިރާގައި ތޮއްޖެހުން ކުޑަކުރުމަށް އައު ސިޓީއެއް ބިނާ ކުރުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުންނެވެ. މިސްރަށް މާލީ އަދި ފިސްކަލް ބޮޑެތި ބަދަލުތައް ގެންނަވައި އިގްތިސޯދު އިތުރަށް މުއްސަނދި ކުރުމުގެ ހަރަކާތްތައް ރައީސް ސީސީ ގެންދަވަނީ ކެނޑިނޭޅި ކުރައްވަމުންނެވެ.