މީހުން

މުސްލިމު އިލްމުވެރިޔާ އިބްނު ގުއްރާ

ތާބިތު އިބްނު ގުއްރާ އިބްނު މަރްވާން އަލް ސާބީ އަލް ހައްރާނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 836 ގައި އަލް ހައްރާން ގައެވެ. ހައްރާނަކީ މިދުވަސްވަރަށް ބަލާނަމަ ތުރުކީގެ ސަރަހައްދެކެވެ.

އިބްނު ގުއްރާގެ ނަމުންވެސް މޭރުންވާ ފަދައިން އޭނާއަކީ ސާބިއަން ދަރިކޮޅު ބޭފުޅެކެވެ.

މަޝްހޫރު މުސްލިމު ހިސާބުގެ އިލްމުވެރިޔާ މުހައްމަދު އިބްނި މޫސާ އިބްނި ޝާކިރު އަށް އިބްނު ގުއްރާގެ ބަސްވެރިކަމުގެ އިލްމު ފާހަގަވެ އޭނާއަކީ ސައިންސް އިލްމުގެ ދާއިރާއިން ކުރިމަގު އޮތް ބޭފުޅެއް ކަމަށް ފެނިވަޑައިގެން އޭރު ބަޣުދާދުގައި އޮތް އައްބާސީ ދައުލަތުގެ ހަލީފާ އިން އެންމެ ބޮޑު އިސްކަމެއްދެއްވައި ގާއިމުކޮށްފައިވާ ވަރުގަދަ ސައެންޓިފިކް ގުރޫޕަށް އޭނާ ގެންނެވި އެވެ.

އެތަނުގައި މަޝްހޫރު ބަނޫ މޫސާގެ ދެބެއިންގެ އިރުޝާދުގެ ދަށުން އުނގެނިވަޑައިގަތެވެ. އަދި ބަޣުދާދުގެ މިދެންނެވި އިލްމީ މާހައުލުގައި ސައެންސްގެ އެކި ދާއިރާތަކަށް ހިސާބު، އެސްޓްރޮނޮމީ އަދި މެކޭނިކްސްގެ ދާއިރާއަށް އޭނާ ބޮޑެތި ހިދުމަތްތަކެއް ކުރެއްވި އެވެ.

މީގެ އިތުރުން ގްރީކްގެ ލިޔުންތައް އަރަބި ބަހަށް އިބްނު ގުއްރާ ތަރުޖަމާ ކުރެއްވި އެވެ. އޭނާ ފަހުން ވަނީ އައްބާސީ ދައުލަތުގެ ހަލީފާ އަލް މުއުތަދިދްގެ އަރިހުގައިވެސް މަސައްކަތްޕުޅު ކުރައްވާފަ އެވެ.

އޭނާ ވަނީ ބައުދާދުގައި ބޭސްވެރިކަމުގެ ދާއިރާއިންވެސް އުނގެނިވަޑައިގެންފަ އެވެ. އެދުވަސްވަރު ބައުދާދުގައި އިލްމުވެރިން ހާއްސަކޮށް ހިސާބާއި ބޭސްވެރިކަން އުނގެނުމަކީ އާންމުކަމެކެވެ.

އިބްނު ގުއްރާ ލިޔުއްވާފައިވާ މަޝްހޫރު މެކޭނިކްސް ފޮތް ކިތާބް ފިލް ގަރަސްތޫން ލެޓިން ބަހަށް ވަނީ ތަރުޖަމާކުރައްވާފަ އެވެ. އެގޮތުން ލެޓިން ބަހުން ލިޔެވުނު ފޮތް ޔޫރަޕުގައި ވެފައިވަނީ މެކޭނިކްސްގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމުގައި މުހިއްމު ރޯލެއް އަދާކުރި ފޮތަކަށެވެ.

އިބްނު ގުއްރާ ވަނީ ހިސާބު އިލްމުގެ ޖިއޮމެޓްރީ ޓްރިގޮނޮމެޓްރީ ފަދަ ދާއިރާތަކުގައި އެތައް ނަޒަރިއްޔާތެއް ތައާރަފްކޮށް ހިސާބު އިލްމަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފަ އެވެ. މީގެތެރޭގައި ރިއަލް ނަމްބާސް އާއި ކަލްކިއުލަސްގެ މުޅިން އާ ކޮންސެޕްޓްތައް އޭނާ ތައާރަފްކޮށްފައިވެ އެވެ.

ތާބިތު އިބްނު ގުއްރާ ހިމެނިފައިވަނީ މިޑްލްއޭޖް ޒަމާނުގައި މުސްލިމުންގެ ތެރޭގައި އަރާ ހުންނެވި ހިސާބް އިލްމުވެރި އަކަށެވެ. އޭނާ އަވަހާރަވެފައިވަނީ މީލާދީން 901 ވަނަ އަހަރު އެވެ.