މީހުން

މުސްލިމު އިލްމުވެރިޔާ އިބްނު އަލް ބަންނާ

އަބުލް އައްބާސް އަހުމަދު އިބްނު މުހައްމަދު އިބްނު އުސްމާން އަލް އަޒްދީ އަލް ބަންނާ އަލް މަރާކްޝީ އުފަންވެވަޑައިގެންފައިވަނީ މީލާދީން 1256 ގައި މޮރޮކޯގަ އެވެ.

އަލް ބަންނާ އަކީ ހިސާބް އިލްމާއި އެސްޓްރޮނޮމީ އަދި އެސްޓްރޮލޮޖީގެ ދާއިރާއިން އަރައި ހުންނެވި އިލްމުވެރި އެކެވެ. އަލް ބައްނާ ވަނީ ތަފާތު ގިނަ ދާއިރާތަކަކުން 17 އިލްމުވެރިއެއްގެ އަރިހުން އުނގެނިވަޑައިގެންފަ އެވެ.

އިލްމީ ގޮތުން އަލް ބަންނާ ލިޔުއްވާފައިވާ ފޮތްތަކުގެ އަދަދު 100 އަށް ވުރެ ގިނަ އެވެ. މީގެ ތެރެއިންވެސް 50 ވަރަކަށް ފޮތް ލިޔުއްވާފައިވަނީ ހިސާބް އަދި އެސްޓްރޮނޮމީގެ މައްޗަށެވެ.

އޭނާ އެންމެ ބޮޑަށް މަގުބޫލްވެގެން ގޮސްފައިވަނީ ހިސާބް އިލްމުގައި ހޯއްދެވި ކުރިއެރުންތަކާއި ގުޅިގެންނެވެ. އޭނާވެގެން ގޮސްފައިވަނީ މަޣުރިބު ކަރައިން އެންމެ ފަހުން ފެނުނު އެންމެ ބޮޑު ހިސާބް އިލްމުވެރިޔާގެ ގޮތުގަ އެވެ.

ހިސާބް އިލްމުގެ މައްޗަށް އޭނާ ލިޔުއްވި އެންމެ މަޝްހޫރު ފޮތަކީ ތަލްހިސް އަމަލް އަލް ހިސާބް މިފޮތެވެ.

އަލް ބަންނާ އަކީ އަލްޖަބްރާގެ ރަމްޒްތައް އެންމެ ފުރަތަމަ އަރަބި ބަހުގައި ގެންނެވި އިލްމުވެރިޔާ އެވެ.

އޭނާ އަކީ އެންމެ ފުރަތަމަ ދެ ނަމްބަރެއްގެ ދެމެދުގެ ރޭޝިއޯ އަކީ ފްރެކްޝަނެއް ކަމަށް ކަނޑައެޅުއްވި ބޭފުޅާ އެވެ. އަދި ހަމަ އެހެންމެ އެސްޓްރޮނޮމީ އަދި މީޓިއޮރޮލޮޖީގެ ޑޭޓާ އަށް އަރަބި ބަހުގައި ބޭނުންކުރަން ފެއްޓި އަލްމަނަކް ލަފްޒަކީ އޭނާގެ ސިފަކުރުމެކެވެ.

މޮރޮކޯގެ ފާސްގެ ޔުނިވަސިޓީގައި ހިސާބް އިލްމުގެ އެންމެހާ މާއްދާތައް އޭނާ އެތައް އަހަރެއް ވަންދެން ކިޔަވައި ދެއްވާފައިވެ އެވެ.

އަލް ބަންނާ ހިސާބް އިލްމުގެ ދާއިރާގައި ކުރައްވާފައިވާ އަގުބޮޑު މަސައްކަތްތައް ލެޓިނަށް ތަރުޖަމާކޮށް މިއަދާ ޖެހެންދެންވެސް ބޭނުންކުރަމުން އައިސް 20 ވަނަ ގަރުނު ތެރޭގައިވެސް އޭނާގެ އިލްމީ މަސައްކަތުގެ މައްޗަށް ދިރާސާ ހަދަމުން އައިސްފައިވެ އެވެ.

އަލް ބަންނާ އަކީ އެދުވަސްވަރުގައި ހިސާބް އިލްމުގެ ހޯދުންތައް ހޯދައި އަދި އެކަންކަމަށް ހައްލު ހޯއްދެވި އިލްމީ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވެ އެވެ.

އެސްޓްރޮނޮމީގެ ދާއިރާއިން އަލް ބަންނާ ވަނީ އެޒަމާނުގެ އަންދަލޫސިއާގެ އެސްޓްރޮނޮމާ ޒަރްގާލީ ދެއްކެވި އިލްމީ މަގުން ހިންގަވާފަ އެވެ.

އެސްޓްރޮނޮމީގެ ދާއިރާއިން އޭނާ ލިޔުއްވާފައިވާ އިލްމީ މަގުބޫލް ފޮތްތަކުގެ ތެރޭގައި މިންހާޖް އައްތާލިބް ފީ ތައުޒިލް ކަވާކިބް ހިމެނެ އެވެ.

އަލް ބައްނާ ވަނީ ވަގުތުތައް ކަނޑައެޅުމުގައި ބަލަންޖެހޭ މިންގަނޑުގެ މައްޗަށް ފުންކޮށް ދިރާސާކުރައްވައި ހައްލު ހޯއްދަވައި ދެއްވާފަ އެވެ. އެގޮތުން ނަމާދުގެ ވަގުތުތައް ކަނޑައަޅާނެ އެންމެ ސީދާ ގޮތްތައް އޭނާ ވަނީ އެދުވަސްވަރުގައި ތައާރަފްކޮށްފަ އެވެ.

ވަގުތު ކަނޑައަޅާނެ ގޮތްތަކުގެ މައްޗަށް އެކުލަވައި އަލް ބަންނާ ލިޔުއްވި ފޮތަކީ ގާނޫން ފީ މައުރިފާ އަލް އައުގާތު ބިލް ހިސާބް އެވެ. މީގެ އިތުރުންވެސް އާންމު ދިރިއުޅުމުގައި އެދުވަސްވަރު މުދާ ބެހުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި ބިންތައް ބަހާނެ މިންގަނޑުތަކާއި އަދި ބަރުދަން ކަނޑައަޅާނެ ގޮތްތަކުގެ މައްޗަށް ލިޔުއްވައި ހައްލުތައް ގެނެސްފައިވެ އެވެ.

ހަމަ އެހެންމެ އެދުވަސްވަރުގެ މީލާދީން 1301 ގައި ރަމަޟާން މަހުގެ ހަނދު ބެލުމުގައި މަޣުރިބްގެ ފާސްގައި އެހެން ސަރަހައްދެއް ކަމުގައިވާ މަރާކިޝް އަށް ވުރެ އެއް ދުވަސް ކުރިން ރޯދަ ހިފަން ފެށުމުން އުފެދުނު ހިލާފްތަކާ ގުޅިގެން އެކަމަށް ހައްލު ހޯއްދަވައި ހަމައެހެންމެ މުސްލިމުންގެ ގިބްލަ ކަނޑައެޅުމުގައިވެސް ހިސާބް އިލްމު މެދުވެރިކޮށް ހައްލު ހޯއްދަވައި ދެއްވާފައިވެ އެވެ.