މީހުން

މުސްލިމު އިލްމުވެރިޔާ އަލް ތަބާރީ

އޭނާގެ ވަނަމުން މުހާތަބް ކުރެވޭ އަބޫ އަލް ހަސަން ގެ ފުރިހަމަ ނަމަކީ އަބޫ އަލް ހަސަން އަލީ ބިން ސަހްލު ރައްބާން އަލް ތަބާރީ އެވެ. އޭނާ އުފަންވެވަޑައިގެންފައިވަނީ މީލާދީން 838 ގައެވެ.

އޭނާގެ ބައްޕަ ސަހްލު އަކީ ގަދަރު އުފުލިގެންވާ ޔަހޫދީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ އަހުލާގާއި މަތިވެރިކަމާއި އޯގާތެރިކަމުން އެދުވަސްވަރުގައި މަޝްހޫރުވެ ރައްބާންގެ ނަމުން މުހާތަބް ކުރެވެން ފެށުނެވެ. ރައްބާންގެ މާނައަކީ "އަހަރެންގެ ވެރިޔާ" އެވެ. އަލް ތަބާރީ އިސްލާމް ވުމަށްފަހު އޭނާ ވަނީ މުސްލިމް އިލްމުވެރިންގެ ތެރޭ ހިމެނިފަ އެވެ. އެ އާއިލާ ނިސްބަތްވަނީ ތަބްރިސްތާނުގެ މަރުވް އަށެވެ.

އަލް ތަބާރީ އަކީ އެފަދަ ދެވަނައެއް ނެތް ފިޒިޝަން ޒަކަރިއްޔާ އަލް ރާޒީގެ މުދައްރިސެވެ. މީހެއްގެ މަގުބޫލު ކަމަކީ ބައެއްފަހަރަށް އެކަމަށް މަގުފަހިކޮށްދިން ފަރާތް ނޫން ފަރާތް މާބޮޑަށްވެސް މަގުބޫލުވެދާ ޒާތުގެ ކަންކަމެވެ. އެގޮތުން މުދައްރިސަށްވުރެ ދަރިވަރު ކުރިއަރައި މަގުބޫލުވި އެއްބޭފުޅަކީ އަލް ރާޒީ އެވެ. މި ދެބޭފުޅުންނާ އަޅާބަލާއިރު އަލް ތަބާރީ މީހުންނަށް އެނގޭލެއް ކުޑަ އެވެ.

އަލް ތަބާރީގެ ބައްޕާފުޅު ސަހްލު އަކީ އެ ދުވަސްވަރުގެ މޮޅު ބޭސްވެރިއެއްގެ އިތުރުން ހިސާބް އިލްމާއި އެސްޓްރޮނޮމީ ފިލޯސޮފީ ލިޓްރޭޗަ އަދި ކެލިގްރަފީ ރޮގުން އަރައި ހުންނެވި ބޭފުޅެކެވެ.

އަލް ތަބާރީ ދަރިވަރުވެފައިވަނީ އޭނާގެ ބައްޕާފުޅުގެ އުނގަންނަވައި ދެއްވުމުގެ މައްޗަށެވެ. އެގޮތުން ބޭސްވެރިކަމާއި ކެލިގްރަފީ ރޮނގުން ދަސްކުރައްވައި އެ ދެ ދާއިރާ ވަރަށް ފުރިހަމައަށް ތަރައްގީކުރި އެވެ. އޭނާއަކީވެސް ސީރިއަކް އަދި ގްރީކް ބަހަށް ނުހަނު ފަރިތަ ބޭފުޅެކެވެ.

އަލް ތަބާރީ މަޝްހޫރުވެފައިވަނީ ކޮންމެހެން އަލް ރާޒީގެ މުދައްރިސްގެ ގޮތުގައެއް ނޫނެވެ. ހަގީގަތުގައި އޭނާ މަޝްހޫރުވެފައިވަނީ އޭނާ ލިޔުއްވި އިލްމީ ފޮތް ފިރްދައުސުލް ހިކްމާ މުޅި ދުނިޔެއަށް ފާހަގަވުމުގެ ސަބަބުންނެވެ.
މި ފޮތަކީ އެންމެ ފުރަތަމަ އެކުލަވާލެވުނު މެޑިކަލް އެންސައިކްލޮޕީޑީއާ އެވެ. އޭގައި މެޑިކަލް ސައެންސްގެ އެކި ގޮފިތައް ތަފްސީލްކޮށް ލިޔުއްވާފައިވެ އެވެ. އޭނާގެ މި މަސައްކަތް ޕަބްލިޝް ކުރެވުނީ 20 ވަނަ ގަރުނުގެ ތެރޭގަ އެވެ. އޭގެ ފަހުން އިނގިރޭސި އަދި ޖަރުމަނުގެ އިލްމީ އިންސްޓިޓިއުޓްތައް މެދުވެރިވެގެން މި ފޮތް ޕަބްލިޝް ކުރެވިފައިވެ އެވެ.

އަލް ތަބާރީ ލިޔުއްވި ފިރްދައުސުލް ހިކްމާގެ އިތުރުން ދީން އައް ދައުލަތް އަދި ހިފްޟުލް ޞިއްހަތަކީ ފާހަގަކޮށްލެވޭ އިލްމީ މަސައްކަތްތަކެވެ. ފަހުން މިދެންނެވި ފޮތް ހިފްޟުލް ޞިއްހަތުގެ އަސްލު އޮކްސްފޯޑް ޔުނިވަސިޓީގައި ރައްކާކުރެވިފައިވެ އެވެ.

އަލް ތަބާރީ މެޑިކަލް ސައެންސަސްގެ އިތުރުން ވަނީ ފިލޯސޮފީ އާއި އެސްޓްރޮނޮމީ އަދި ހިސާބް އިލްމުން މަތީދަރަޖައިގައި އުނގެނިވަޑައިގެންފަ އެވެ.