މީހުން

މުސްލިމު އިލްމުވެރިޔާ އަލް ބުޒްޖާނީ

އަބުލް ވަފާ މުހައްމަދު އިބްނި މުހައްމަދު އިބްނި ޔަހްޔާ އިބްނި އިސްމާއީލް އަލް ބުޒްޖާނީ އުފަންވެވަޑައިގެންފައިވަނީ މީލާދީން 940 ގައި ބުޒްޖާނީގެ ނީޝާބޫރް ގައެވެ.

އަލް ބުޒްޖާނީ އަކީ ހިސާބް އިލްމާއި އެސްޓްރޮނޮމީ އަށް އެދުވަސްވަރުގެ ބަޣުދާދުގައި އަރައި ހުންނެވި އިލްމުވެރި އެކެވެ.

ހިސާބް އިލްމުގެ އެކި ގޮފިތަކަށް އޭނާގެ އިލްމު ބެހިގެން ގޮސްފައިވެ އެވެ. ހާއްސަކޮށް ޖިއޮމެޓްރީ އަދި ޓްރިގޮނޮމެޓްރީގައި އޭނާ ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެ އެވެ.

ޖިއޮމެޓްރީގައި ކޮމްޕަސް ބޭނުންކުރައްވައިގެން ޖިއޮމެޓްރިކަލް މައްސަލަތައް ހައްލު ކުރި އެވެ. އަދި މިނޫންވެސް ޖިއޮމެޓްރީގެ އެތަކެއް ދައިރާގައި އޭނާގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.

ޓްރިގޮނޮމެޓްރީގައި ސްފެރިކަލް ޓްރައިއެންގަލްތަކާއި ގުޅިގެން ސައިން ތިއަރަމްގެ ޖެނެރަލިޓީ އޭނާ ދައްކާފައިވެ އެވެ. ޓްރިގޮނޮމެޓްރީގައި އޭނާ އަކީ ޓަންޖެންޓްގެ އިލްމު ތަރައްގީކުރި އިލްމުވެރިޔާ އެވެ.

އެސްޓްރޮނޮމީގައި އޭނާ ލިޔުއްވި ކިތާބުލް މަޖަސްތީ އެއީ ފާހަގަކޮށްލެވޭ އިލްމީ ފޮތެކެވެ. އޭގައި ސްފެރިކަލް ޓްރިގޮނޮމެޓްރީ އާއި ޕްލެނެޓްރީ ތިއަރީގެ އިތުރުން ގިބްލަ ހޯދާނެ ގޮތް ގެނެސްދީފައިވެ އެވެ.

މީގެ އިތުރުން ކިތާބުލް އިލްމުލް ހިސާބް އާއި ކިތާބުލް ކާމިލް އާއި ކިތާބުލް ހަންސާ އެއީ އިލްމީ ގޮތުން އެންމެ ފާހަގަކޮށްލެވޭ ފޮތްތަކެވެ. އަދި އިލްމުވެރިން ކަމުގައިވާ އިއުކްލިޑް އާއި ޑައޯފެންޓޮސް އަދި އަލްހުވާރިޒަމީގެ މަސައްކަތްތައް ދިރާސާކޮށް އިލްމީ މުއްސަނދި މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.

އެސްޓްރޮނޮމީ ދާއިރާގައި ހަނދު ދައުރުވުމާއި ވަގުތު ކަނޑައެޅުމުގައިވެސް އެޒަމާނުގައި ވަރަށް ސީދާ ގޮތުގައި އަލް ބުރުޖާނީ ވަނީ މަސައްކަތް ކުރައްވާފަ އެވެ. ހަނދުގެ ހަރަކާތާއި ބެހޭގޮތުން މުއައްރިހު ސެދާތު ލިޔުއްވާފައިވާ ގޮތުގައި ހަވަނަ ގަރުނުގެ ފަހުން ޓައިޗޯ ބްރަޝޭ އަށް ހޯދިފައިވަނީ ހަމަ އަލް ބުރުޖާނީގެ ހޯދުންތަކެވެ.

މިއަދުގެ ދުނިޔޭގައި ތަރައްގީކުރެވިފައިވާ ޓްރިގޮނޮމެޓްރީގެ އިލްމުގެ ބިންގާ ގޮސް ފެށެނީ އަލް ބުރުޖާނީގެ އިލްމީ މަސައްކަތުގެ މައްޗަށެވެ.

ހިސާބުގައި ނެގެޓިވް ނަމްބަރުތައް އެންމެ ފުރަތަމަ އިލްމީ ލިޔުންތަކުގެ ތެރެއިން ފެނިފައިވަނީ އަލް ބުރުޖާނީގެ އިލްމީ ލިޔުންތަކުންނެވެ. އެދުވަސްވަރުގެ ވިޔަފާރިވެރިންގެ މުއާމަލާތުތަކަށް އެކަމުގެ ސަބަބުން ހައްލު ލިބިގެން ގޮސްފައިވެ އެވެ.