ދުނިޔެ

އިސްލާމީ ގައުމުތައް - ނައިޖާ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގެ ފަގީރު ގައުމެއް ކަމުގައިވާ ނައިޖާއެވެ.

ނައިޖާ

ފަރަންސޭސި ވިލާތުގެ ދަށުން މިނިވަންވެ، ރިޕަބްލިކް އޮފް ނައިޖާ އުފެދުނީ 1960 ގައެވެ. އޭގެ ފަހުން މި ގައުމު ވަނީ ދާހިލީ ހަމަނުޖެހުންތަކާއި ބަގާވާތަކާއި އަސްކަރީ ވެރިކަމާ ކުރިމަތިލާފަ އެވެ.

ނައިޖާގެ އިރު އުތުރުގައި ލީބިޔާ، އިރު މަތީގައި ޗާޑް، ދެކުނުގައި ނައިޖީރިއާ، ހުޅަނގު ދެކުނުގައި ބެނިން އާއި ބާކިނަ ފާސޯ، ހުޅަނގުގައި މާލީ އަދި ހުޅަނގު އުތުރުގައި އަލްޖީރިއާ އޮވެ އެވެ. ނައިޖާގެ ގާތްގަނޑަކަށް 80 ޕަސަންޓް ބިމަކީ ހަނަފަސް ސަހަރާ އެވެ. އަދި ގިނަ މީހުން ދިރިއުޅެނީ ބައިބަޔަށް ހުޅަނގު ދެކުނާއި ދެކުނުގެ އެކި ސަރަހައްދުތަކުގަ އެވެ.

މިއީ އެފްރިކާގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނައިޖާއަކީ މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމާއި ބަކަރިހުއިހެއްޕުމާއި ޔުރޭނިއަމް އެކްސްޕޯޓް ކުރާ ގައުމެކެވެ.

ނައިޖާގައި ދަނޑުވެރިކަން ކުރަނީ ސަބްސިސްޓަންސްކޮށް، އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އެމީހަކަށް ބޭނުންވާ ވަރަށެވެ. ވާރޭ ނުވެހޭ މުއްދަތު ދިގުވުމުން ދަނޑުވެރިކަމަށް ހީނަރުކަން އައިސް، ޑެޒާޓްގެ ބައި އިތުރުވެ، ދުނިޔޭގެ ޔުރޭނިއަމްގެ ޑިމާންޑް ތިރިވެ، މި ގައުމުގެ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. ނައިޖާގެ ދައުލަތުގެ ބަޖެޓުގެ ދެބައިކުޅަ އެއްބަޔަކީ ބޭރު ގައުމުތަކުންނާއި ޖަމިއްޔާތަކުން ދޭ އެހީ އެވެ. އައިއެމްއެފްގެ ފަރާތުން އިގްތިސޯދު ތަރައްގީކުރުމަށް ގިނަ އެހީތަކެއް ލިބި، ގިނަ ދަރަނިތަކެއް މައާފުވެސް ކޮށްދީފައިވެ އެވެ.

ނައިޖާގެ 26 މިލިއަން މީހުންގެ އާބާދީގެ 98 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ ތެރެއިން ގިނައީ ސުންނީ މުސްލިމުންނެވެ. ނައިޖާގައި ބާކީ އުޅެނީ ކްރިސްޓިއަން ގޮފީގެ މީހުންނާއި އެހެން ދީންތަކުގެ މީހުންނެވެ. ނައިޖާގެ ރަސްމީ ބަހަކީ ފްރެންޗް ބަހާއި އަރަބި ބަސް ކަމުގައިވީނަމަވެސް، ހައުސާ، ޖާމާ، ފުލާނީ، މަންގާ، ޒާމާ އަދި ޓުއަރެގް ބަހުން މި ގައުމުގެ މީހުން ވާހަކަ ދައްކާއުޅެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ނައިޖާގެ ވެރިރަށް ނިއާމޭއަކީ މި ގައުމުގެ އެންމެ ގިނަ މީހުން ދިރިއުޅޭ އަދި އެންމެ ބޮޑު ރަށެވެ. މި ރަށް އޮންނަނީ މައިގަނޑު ގޮތެއްގައި ނައިޖާ ކޯރުގެ އިރުމަތީ އައްސޭރީގައެވެ.

ނައިޖާގައި ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަނުގެ ތެރޭގައި ނިއާމޭގެ ބޮޑު މިސްކިތް، ސައި ސިޓީ މިސްކިތް، ކެނެލް އޮލިމްޕިއާ ހިޕޮޑްރޯމް، ނެޝަނަލް މިއުޒިއަމް، ނެޝަނަލް އެސެމްބްލީ، ސެންޓާ ކަލްޗަރަލް ފްރޭންކޯ-ނައިޖީރިއަން، ސެންޓާ ކަލްޗަރަލް އޫމަރޫ ގަންޑާ، ފާމޭ ޔޫޔޫ، ގްރޭންޑް މާޝޭ، ޑަބްލިއު ނެޝަނަލް ޕާކް، ކެތީޑްރަލް ޑީ މައޮރޭ، ނައިޖާ ކޯރު، ލަ ޕްލާޖް، ވިލެޖް ޑިލާ ފްރެންކޮފޯނީ، ސްޓޭޑް ޖެނެރަލް ސޭނީ ކޫންޗޭ، އޯލްޑް ކޯޓާ، ކެނެޑީ ބްރިޖް، ހިކްމާ އެންޑް ސެކިއުލާ ކޮމްޕްލެކްސް، ލައިސޭ ފްރާންސޭ ފޮންޓޭން ހިމެނެ އެވެ.

މީގެ އިތުރުން ޒިންޑާގައި ހުރި ސުލްތާންގެ ކުރީގެ ގަނޑުވަރު، އައިރް އަދި ޓެނޭރޭ ނެޝަނލް ނޭޗާ ރިޒާވް، އައިރް ފަރުބަދަ، ދެވަނަ އަށް އެންމެ ބޮޑު ރަށް ކަމުގައިވާ މަރާޑީގެ ވިލެޖްތަކާއި ދަން ހަސްވާ މިސްކިތް، ކަޓްސިނާވާ ޕްރޮވިންޝަލް ޗީފްގެ ގަނޑުވަރު، ޓުންގުމާ ސްޓޯން، އާޓިސަން ސެންޓަރ، އަގަޑޭޒް މިސްކިތް، ޖަމަކޯއި ގަނޑުވަރު، ޑޯލޭ މާރުކޭޓް، ކޫރޭ ޖިރާފް ރިޒާވް ފަދަ ތަންތަނާއި ސަހާރާ ޑެޒާޓްގެ ޓުއާ ހިމެނެ އެވެ.

ސަގާފަތް

ނައިޖާގެ ސަގާފަތުގައި ފަރަންސޭސި އަދި އެކި ގަބީލާތަކުގެ ސަގާފަތް އެކުވެފައިވެއެވެ. މި ގައުމުގައި އެފްރިކާގެ އެހެން ގައުމުތަކެކޭ އެއްފަދައިން ގިނަ ގަބީލާތަކެއް އުޅެ އެވެ. މީގެތެރޭގައި ހައުސާ (އެންމެ ގިނަ ގަބީލާ) ޒާމާ އަދި ސޮންގޭ، ޓުއަރެގް، ފުލާ، ކަނޫރީ، ޓޫބޫ، ދިފާ އަރަބީން، ގުރްމާންޝް ހިމެނެ އެވެ. އަދި މި ގަބީލާތަކުގައި އެ ބައެއްގެ ސަގާފީ އާދާކާދަތައް ކުރިއަށް ގެންދެ އެވެ.

މިގޮތުން ފުލާ މީހުންގެ ގެރެވޯލް ފެސްޓިވަލްގައި ޒުވާން ފިރިހެނުން އެ ގަބީލާގެ ސަގާފީ ހެދުމާއި ޒީނަތްތެރިވާ ތަކެތީގެ އިތުރުން މޫނުގައި ކުލަ ޖައްސައިގެން ނަޝާ ލަވަކިއާ ހަދަ އެވެ. އެއީ ކައިވެނި ކުރުމަށް ޒުވާން އަންހެން ކުދިންގެ ސަމާލުކަން ހޯދުމަށެވެ. ޓުއަރެގް އަދި ފުލާގެ ނޯމެޑް މީހުން ވިއްސާރަ މޫސުމް ނިމުމުން ކިއޯ ސަލޭ ފެސްޓިވަލް، އަދި ރަމަޟާން މަހާއި އީދު ކުލަގަދަކޮށް ފާހަގަކުރެ އެވެ. މި ގައުމުގެ އަންހެނުން ކުލަގަދަ ފޭރާން ލުމަށް ޝައުގުވެރިވެއެވެ.

މީގެ އިތުރުން މިއުޒިކާއި ޕޮޓަރީ ހެދުމާއި ކުރެހުމާއި އެކި ގަބީލާތަކުގެ ހާއްސަ ނެށުންތައް އޮވެއެވެ. ނައިޖާގެ ވަކި ހިސާބުތަކުގައި އަދިވެސް ޒަމާނީ އަޅުވެރިކަން ކުރިއަށްދެއެވެ. ގެއަކަށް ޒިޔާރަތްކުރާއިރު، ގޭ ކައިރިއަށް ގޮސް އަތްޖެހުމަކީ މި ގައުމުގެ މީހުންގެ އާދައެކެވެ. މީހެއްގެ ކުރިމަތީގައި ކާއިރު، އެމީހަކަށް ކާ އެއްޗެހި ހިއްސާނުކުރުމާއި ބުއިމެއް މީހަކަށް ދީފިއްޔާ، ނޫނެކޭ ބުނުމަކީ ގޯސް އާދައެކެވެ.

ކެއުންބުއިން

ނައިޖާގެ ކެއުމަށް އެފްރިކާ އަދި ޔޫރަޕް ގައުމުތަކުގެ އަސަރު ފޯރާފައިވެއެވެ. މީގެތެރޭގައި ކުސްކުސް، ބަތް، ބިމްބި، އަލަ، ދޮންކެޔޮ، ޒުވާރި، ކޯރުމަހާއި، ކުކުޅު، ބަކަރި އަދި ޖަމަލު މަސް، ތަރުކާރީ، މުރަނގަ ފަތް، މޭވާ ހިމެނެ އެވެ. މިގޮތުން ހޮލޮފް ރައިސް، ސްޓޫ އަދި ސޫޕް، ބިމްބި ޕޮރިޖް، ޑަމްބޫ، ކިލިޝީ، ޖާމާ، ދޮންގޫރި ސޯކޯ، ފަރި މަސާ، ފޯނިއޯ، ބަކަރި ރިހަ، ކުލި ކުލި ހިމެނެ އެވެ.

ވިސާ އާއި ދަތުރުކުރުން

ނައިޖާއަށް ޒިޔާރަތްކުރުމަށް ދިވެހިން ނައިޖާ ޓުއަރިސްޓް އީ-ވިސާ ނަގަންޖެހެ އެވެ. މިއީ ވައްކަމާއި ފޭރުން ފަދަ ކުށްތަކާއި ދާހިލީ ހަމަނުޖެހުމާ ހެދި ދަތުރުކުރުމަށް ނުރައްކާތެރި ގައުމެކެވެ.