އަލްޖީރިއާ

އިސްލާމީ ގައުމުތައް - އަލްޖީރިއާ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގެ ގައުމެއް ކަމުގައިވާ އަލްޖީރިއާއާ ބެހޭ މައުލޫމާތެވެ.

އަލްޖީރިއާ

އުތުރު އެފްރިކާގެ މަޣްރިބް ހިސާބުގެ މުއްސަނދި ތާރީހަކާއި އެތައް ޝާހީ ދަރިކޮޅެއް ވެރިކަން ކޮށްފައިވާ އަލްޖީރިއާ އަކީ 19 ވަނަ ގަރުނުގައި ފަރަންސޭސިން އިސްތިއުމާރު ކުރުމާ ހަމައަށް އެ ސަރަހައްދުގެ އެންމެ މުއްސަނދި، އާބާދީ ބޮޑު އަދި ކުރިއަރާފައިވާ ރަސްކަމެވެ.

ފަރަންސޭސީންގެ ދަށުގައި އޮތް ދުވަސް މި ގައުމަށް ޔޫރަޕްގެ އެތައް ބަޔަކު ދަތުރުކޮށްފައިވެ އެވެ. އަނިޔާވެރި ހަނގުރާމައަކަށްފަހު ފަރަންސޭސި އިސްތިއުމާރުގެ ދަށުން އަލްޖީރިއާ މިނިވަންކަން ހޯދީ 1962 ގައެވެ. އޭގެ ފަހުން ދާހިލީ ހަމަނުޖެހުން ފެށި، އަދިވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތައް ކުރިއަށްދެ އެވެ.

އަލްޖީރިއާގެ އުތުރަށް މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށްފައި ފްރާންސް އޮންނައިރު، އިރު އުތުރަށް އިޓަލީ އަދި ހުޅަނގު އުތުރަށް ސްޕޭން އޮވެ އެވެ. އަދި އިރުމަތީގައި ޖެހިގެން ޓިއުނީޝިއާ އާއި ލީބިޔާ އޮންނައިރު، ހުޅަނގު ފަޅީގައި ނައިޖާ އާއި މާލީ އަދި މޮރޮކޯ އޮވެ އެވެ. އަލްޖީރިއާގެ ދެކުނު ހިސާބުގައި ސަހާރާ ޑެޒާޓް އޮވެ އެވެ. މިއީ ބިމުގެ ސަރަހައްދަށް ބަލާއިރު، ދުނިޔޭގައި 10 ވަނައަށް އަދި އެފްރިކާ ބައްރުގައި އެންމެ ބޮޑު ގައުމެވެ.

އަލްޖީރިއާގެ އިގްތިސާދުގެ މައިގަނޑަކީ ނެޗުރަލް ގޭސް އާއި ޕެޓްރޯލިއަމް އެވެ. މި ގައުމަކީ މިނިވަންކަން ހޯދުމުގެ ކުރިން ދަނޑުވެރިކަމުން ފްރަންސޭސީންނަށް ސަޕްލައިކުރި ގައުމެކެވެ. މި ގައުމުގައި ދަނޑުވެރިކަން މިހާރުވެސް ކޮންމެވެސް ވަރަކަށް ކުރާއިރު، އެކަމަށް އެކަށީގެންވާ ބިން ހުރީ ކަނޑުގެ އައްސޭރި ކައިރީގައިވާ ރަށްތަކުގައި އަދި ފަރުބަދަތަކުގެ ވާދީތަކުގަ އެވެ.

ބަކަރި ހުއިހެއްޕުން ފަދަ ކަންކަމާއި މަސްވެރިކަމާއި ފޮރެސްޓްރީ އަދި ފަތުރުވެރިކަމަކީ ވެސް އިގްތިސޯދުގެ ބައެކެވެ. މި ގައުމަކީ ރިސާޗް އާއި އިއާދަކުރަނިވި ހަކަތަ އާއި އާ އިޖާދުތަކަށް ސަމާލުކަންދޭ ގައުމެކެވެ. އެގޮތުން އެގައުމުގައި ސޯލާ ކޮމްބައިންޑް ސައިކަލް ޕަވާ ސްޓޭޝަނަކާއި ހައިޑްރޯ އިލެކްޓްރިސިޓީ ޕްލާންޓެއް ގާއިމުކޮށްފައިވެ އެވެ. މިއީ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތީ، ތަނަވަސް ގައުމެކެވެ.

އަލްޖީރިއާގައި 44.1 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮތް އިރު ގާތްގަނޑަކަށް 97-99 ޕަސަންޓަކީ މާލިކީ މަޒްހަބްގެ ސުންނީ މުސްލިމުންނެވެ. މި ގައުމުގައި މަދު އަދަދަކަށް ކްރިސްޓިއަނުންނާއި ޔަހޫދީން ދިރިއުޅެ އެވެ.

އަލްޖީރިއާގެ ރަސްމީ ބަހަކީ އަރަބި ބަހާއި ތަމާޒިގް އެވެ. މީގެ އިތުރުން އަލްޖީރިއާއަށް ހާއްސަ އަރަބި ބަހުންނާއި ފަރަންސޭސި ބަހުން މީހުން ވާހަކަ ދައްކާ އުޅެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

އަލްޖީރިއާއަކީ އާސާރީ ތަންތަނާއި އާކިޓެކްޗާ، ތާރީހީ މިސްކިތްތަކާއި ބިނާތަކާއި ފަރުބަދަތަކާއި ލޭކް އަދި ކޯރުތައް ގިނަ ގައުމެކެވެ.

އަލްޖީރިއާގެ ވެރިކަން ކުރާ އަދި އެންމެ ބޮޑު ރަށަކީ އަލްޖިއާސް ނޫނީ އަލްޖަޒާއިރު އެވެ. މި ރަށުގެ ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި އޮޓަމަން އިރުގެ އަލްޖިއާސް ގަނޑުވަރު (ޕެލެސް އޮފް ދަ ޑޭ)، އަލް މުރާދިއާ ޕެލަސް (ރިޔާސީ ގަނޑުވަރު)، ދަރް އަޒީޒާ ގަނޑުވަރު (މިހާރުގެ ނެޝަނަލް އޭޖެންސީ އޮފް އާކިއޮލޮޖީ އެންޑް ޕްރޮޓެކްޝަން އޮފް ހިސްޓޮރިކް ސައިޓްސް އެންޑް މޮނިއުމަންޓްސް)، ކަސްބާ، ސިޓަޑެލް އާއި ޕެލޭ ޑެ ރައި، ޝަހީދުންގެ ބިނާ، ގްރޭންޑް ޕޯސްޓް އޮފީސް، މިއުޒިއަމްތައް، ގްރޭންޑް މިސްކިތް، ކެޗުއާ މިސްކިތް، ޖަމާ އެލް ޖަޒައިރް މިސްކިތާއި، ބޮޓޭނިކަލް ގާޑަން، ޗާޗްތަކާއި ބާޒާރުތައް ހިމެނެ އެވެ. .

ކޮންސްޓަންޓިން، ބެޖާއާ އާއި ޗާޗެލް ފަދަ ރަށްރަށުގައި ގަނޑުވަރުތަކާއި މިސްކިތްތަކުގެ އިތުރުން ބިނާތައް ހިމެނެ އެވެ. މިގޮތުން އަލްޖީރިއާގެ މަޝްހޫރު ތަންތަނުގެ ތެރޭގައި ރޯމަނުންގެ ޒަމާނުގެ އާސާރީ ތަންތަނުގެ ގޮތުގައި ބަލައި ޓިމްގާޑް އާއި ޖެމީލާ އާއި ހިޕޯރީޖިއަސް، ލަމްބައެސިސް، ރޯމަން އަކުއަޑަކްޓް، ރޯމަން ފޯރަމް، ރޯމަން ތިއެޓާ، ޓިޕާސާ އާކެއޮލޮޖިކަލް ޕާކް، ޑަރް ހަސަން ޕާޝާ ގަނޑުވަރު، ސިޑީ އެމްސިޑް ބްރިޖް، މެއްލާ ސުލައިމާން ބްރިޖް އެންޑް އެލެވޭޓާ، ގަލް އަތް ބަނީ ހައްމާދު ކިއްލާ، މްޒާބް އައްސޭރި، ޖެދާސް ޕިރަމިޑް ޓޫމްބް އަދި ހަސަން ޕާޝާ އަދި ބޭ ގަނޑުވަރުތައް ފަދަ އެތައް ތަނެއް ހިމެނެ އެވެ.

ނެޝަނަލް ޕާކްތަކުގެ ތެރޭގައި ތާސިލީ އަންނަޖަރް، ކްރެއާ، ތެނެޓް އަލް އަޑް، ތާޒާ، ތިކްޖާ، ނެޝަނަލް ޕާކް އެލް ހަލާ އަކީ ނަން ކިޔާލެވޭ ބައެއް ޕާކް އެވެ. ސްނޯ ފައިބާ ފަރުބަދަތަކާއި ލޭކް ތަކާއި ކޯރުތަކުގެ އިތުރުން އަދި ޓްރެންކުއިލް ވޯޓާފޯލް ފަދަ ރީތި ތަންތަނާއި ސަހާރާ ޑެޒާޓް ހިމެނެ އެވެ. އަދި މި ތަންތަނުގައި އެކި ބާވަތުގެ ޖަނަވާރާއި ދޫނި އުޅެ އެވެ.

ސަގާފަތް

އަލްޖީރިއާއިން ފަރަންސޭސި އިސްތިއުމާރުގެ އަސަރުތައް ސަގާފަތުގައި އަދި އެހެނިހެން ގޮތްގޮތުން އަދިވެސް ފެނެ އެވެ. މިގޮތުން އިސްލާމީ އާދަކާދައާއި ގައުމިއްޔަތާއި އެތްނިކް ޝަހްސު ފަރަންސޭސި ނުފޫޒާއެކު ކޮންމެވެސް ވަރަކަށް އެއްވެފައިވެ އެވެ. ގިނަ އަލްޖީރިއާ މީހުންނަކީ އެކި ނަސްލުގެ އަރަބީންނެވެ. މީގެ ތެރޭގައި ކަޅު ނަސްލާ އެއްވެފައިވާ ގަބީލާތައްވެސް ހުރެ އެވެ. ދެން އެންމެ ގިނައީ ބާބަރު-އަމާޒިގް ނަސްލުގެ މީހުންނެވެ. އަރަބީންނާއި އަމާޒިގުންގެވެސް އެތައް ގަބީލާއެއްވެ އެވެ. މީގެ އިތުރުން ޔޫރަޕް (އަންދަލުސް) އާއި މަދު އަދަދެއްގެ ފަރަންސޭސީންވެސް އުޅެއެވެ.

މި ގައުމުގެ އެކި ސަރަހައްދުގެ އެކި ނަސްލުގެ މީހުންގެ ސަގާފަތާއި އާދަކާދައާއި ލާ ހެދުން ތަފާތެވެ. އަރަބީންގެ މެދުގައިވެސް ގަހަނާ މުހިއްމުއިރު، އަމާޒިގުންގެ ސަގާފީ ގަހަނާ އަކީ އެމީހުންގެ ހާއްސަ ނިޝާނެކެވެ.

އަލްޖީރިއާގައި އަދަބީގޮތުން ޅެންވެރިކަމާއި ވާހަކަލިޔުމާއި ނެށުމާއި މިއުޒިކް، ސިނަމާގެ އުފެއްދުންތައް ކުރިއަރުވާއިރު ކާޕެޓާއި ގަހަނާ ފަދަ އަތްތެރި މަސައްކަތަކީ ވެސް ކުރިއަރުވާ ކަންތައްތަކެކެވެ. ސަގާފީ ފެސްޓިވަލްތައް އާންމުކޮށް ބާއްވާއިރު، ކުޅިވަރުގެ ގޮތުން ފުޓްބޯލް، ވޮލީ ބޯލް، ހޭންޑް ބޯލް، ބާސްކެޓް ބޯލް، ހޭންޑް ބޯލް، ކިކްބޮކްސިން އާއި މާޝަލް އާޓްސް އަކީ މި ގައުމުގައި ކުޅޭ ކުޅިވަރުތަކެވެ.

ކެއުންބުއިން

އަލްޖީރިއާ މީހުންގެ ކެއުންތައް އެ ގައުމު އިސްތިއުމާރު ކުރި ގައުމުތަކާއި އަވައްޓެރި ގައުމުތަކާއި އަރަބީންނާއި ބާބަރު-އަމާޒިގުގެ ގެ ރަހަތަކާ އެއްވެފައިވެ އެވެ.

އަލްޖީރިއާގެ ގައުމީ ކެއުމަކީ ކުސްކުސް އާއި ތެއްލި ތަރުކާރީ އާއި ސްޕައިސްތަކާއެކު ހަދާފައިވާ އެއްގަމު މަހެވެ.

ކަންބަޅި ބަކަރި ފަދަ އެއްގަމު މަހާއި، ސީފުޑް، ޒައިތޫނި ތެލާއި، ޓޮމާޓޯ އާއި، ސެލެޑާއި، ސޫޕް އަދި ސްޓޫތަކާއި، ތަޖީން، ޕާސްތާ އާއި، ބިސް އަދި ތަރުކާރީ އާއި މޭވާ އަކީ އާންމުކޮށް ކައި އުޅޭ ކެއުމެވެ. ފާހަގަކޮށްލެވޭ ކެއުންތަކުގެ ތެރޭގައި ޝަކްޝޫކާ، ޒާލުކާ، މެޗުއި، ޓިކުރްބަބީން، ކޫބޭ، ވިތީ، މާކާ ބެލްއާއަސަލް، ބުރެކް، މާޖެބް، ޑޯލްމާ، ޑޮބަރާ، ހަރީހީ، އަދި މަހްޖޫބާ ހިމެނެ އެވެ. ޕޭސްޓްރީ އާއި ފޮނި ކާނާ އަކީ ވެސް މި ގައުމުގެ މީހުން ކައި އުޅޭ އެއްޗިއްސެވެ. މީގެތެރޭގައި ބަކްލާވާ، ބްރަޖް، މަކްރޫޑް، ޒްލާބިޔާ، ގްރިވެޗް، ތަމީނާ އާއި ޕާން ހިމެނެ އެވެ. ބުއިމަކަށް ގްރީން، މިންޓް އަދި އެކި ވައްތަރުގެ ސައިބޮއެ އުޅެ އެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް އަލްޖީރިއާއަށް ޒިޔާރަތްކުރުމަށް ވިސާ ނަގަން ޖެހެއެވެ. އެހެންނަމަވެސް ދެކުނުގެ ބައެއް ހިސާބުތަކުގައި ދާހިލީ ހަމަނުޖެހުން ހިނގަމުންދާތީ، ދެކުނުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ.