އަލްޖީރިއާ

އަބްދުލްމަޖީދު: އަލްޖީރިއާގެ ޑިމޮކްރަސީގެ އުއްމީދު

އަބްދުލްމަޖީދް ތަބޫން އަލްޖީރިއާގެ އަށްވަނަ ރައީސްގެ ގޮތުގައި މަގާމަށް ވަޑައިގަތީ ޑިސެމްބަރު 19، 2019 ގައެވެ.

އުމުރުފުޅުން 74 އަހަރުގައި ތަބޫން ރައީސް ކަމަށް ވަޑައިގެންފައިވަނީ ފަސް ބޭފުޅުންގެ ވާދަވެރި އިންތހާބަކަށްފަހު 58 ޕަސެންޓްގެ އައުލަބިއްޔަތަކާއެކު އެވެ. ސިޔާސީ ގޮތުން 40 އަކަށް އަހަރުގެ ތަޖުރިބާ ހުރި ރައީސް ތަބޫން ވަނީ ކުރީގެ ރައީސްގެ ދައުރުގައި ވަޒީރުކަމާއި ބޮޑުވަޒީރު ކަންވެސް ކުރައްވާފަ އެވެ.

ރައީސް ތަބޫން އުފަންވެވަޑައިގެންފައިވަނީ އަލްޖީރިއާގެ ނާމާ ޕްރޮވިންސްގަ އެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވަނީ މެދުއިރުމަތީގެ ބާބަރު ނަސްލަށެވެ. އެމަނިކުފާނުގެ ބައްޕާފުޅަކީ ޝައިޚެއްގެ އިތުރުން އަލްޖީރިއާގެ މުސްލިމް އުލަމާގެ މެންބަރެކެވެ.

ތަބޫން ތުއްޕުޅުއިރު އުނގެނިވަޑައިގަތީ އިސްލާމިކް އުލަމާ ސްކޫލްގަ އެވެ. އޭގެ ފަހުން ރައީސް ތަބޫން މަތީ ތައުލީމުން ދަސްވެނިވުން ހާސިލް ކުރައްވާފައިވަނީ ނެޝަނަލް ސްކޫލް އޮފް އެޑްމިނިސްޓްރޭޝަންގައި ޖުލައި 1969 ގައެވެ.

އެމަނިކުފާނު އަލްޖީރިއާގެ ރައީސް ކަމާއި ހަވާލުވެވަޑައިގަތީ އެގައުމުގައި ފަހަކަށް އައިސް ދިމާވި އެންމެ ބޮޑު ސިޔާސީ ހަލަބޮލިކަން އުފެދިފައި އޮތް ވަގުތުގަ އެވެ. މަޝްހޫރު ހިރާކް އިންގިލާބުގެ ހަޅުތާލުތައް އެންމެ އުހުގައި ވަނިކޮށެވެ. އެއީ ކުރީގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލިކާ ރިޔާސީ ފަސްވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވުމާ ގުޅިގެން ފެބްރުއަރީ 16، 2019 ގައެވެ. ސިޔާސީ އެ ހަލަބޮލިކަމުގެ ތެރޭގައި ކުރީގެ ރައީސް ބޫތަފްލިކާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ރައީސް ތަބޫން ވަނީ އިންތިހާބީ ދުވަސްވަރު އަލްޖީރިއާގެ ވީރާނާވެފައިވާ ސިޔާސީ މުވައްސަސާތައް ނަގަހައްޓައި ސިޔަސީ ހަމަޖެހުން ގެނައުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އިގްތިސޯދު ރަނގަޅު ކުރައްވައި ހަވާސާވެފައިވާ ޒުވާނުންނަށް ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. ހަމައެހެންމެ ކޮރަޕްޝަން ހުއްޓުވުމަށާއި އަލްޖީރިއާގެ ހައިސިއްޔަތު ބައިނަލްއަގުވާމީ އަދި ސަރަހައްދީ މައިދާނުގައި އަލުން ނަގައި ކޮޅަށް ޖެހުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވެ އެވެ. މިހުރިހާ ކަންކަމަކަށް ޖުމްލަ ގޮތެއްގައި އަލްޖީރިއާގެ ރައްޔިތުންގެ ތައީދު އެމަނިކުފާނަށް ލިބިގެން ގޮސްފައިވެ އެވެ.

ރައީސް ތަބޫނަށް މިވަގުތު ކުރައްވަން ޖެހިވަޑައިގެންފައިވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އާ އަލްޖީރިއާއެއް ގާއިމުކުރެއްވުމުގެ މަސައްކަތެވެ. ތެލާއި ގޭހުން މުއްސަނދިކަމެއް ލިބިފައިވާ އަލްޖީރިއާއަށް ސިޔާސީ އިސްލާހުތައް ގެނައުމާއި އިގްތިސޯދު ސިންދަފާތު ކުރުމަކީ ރައީސް ތަބޫނަށް ހުރި ގޮންޖެހުންތަކެވެ. އެއާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމާއި އަލްޖީރިއާގެ ހައިސިއްޔަތު ބޮޑު ކުރުމަކީ އެމަނިކުފާނުގެ މިވަގުތުގެ މިސްރާބެވެ.

ރައީސް ތަބޫން މިވަގުތު ގެންދަވަނީ ބޭރުގެ އިންވެސްތްމަންޓްތައް ގެނައުމާއި ލޯކަލް ވިޔަފާރިތަކަށް އިސްކަންދީ ފުރުސަތުތައް ހޯދައި ދިނުމާއި މާލީ އެހީތެރިކަން ވިޔަފާރިތަކަށް ގެނެވޭނެ ގޮތްތައް މަގުފަހިކުރައްވަމުންނެވެ. އެގޮތުން ޓެކްސޭޝަންގެ ނިޒާމަށް އެކަށީގެންވާ ބަދަލުތައް ގެނައުމާއި ކުރީގެ ބިއުރޯކްރެޓިކް ހުރަސްތައް ގިރާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.

ދާދިފަހުން ޑިމޮކްރެޓިކް ބަދަލުތައް ގެނައުމަށް އާ ގާނޫނުއަސާސީއެއް ހުށަހަޅުއްވައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް ވަނީ ފާސްކޮށްފައެވެ. އަދި އާ ޕާލިމަންޓްރީ އިންތިހާބު ބާއްވައި ސަރުކާރު ވަނީ އެކުލަވާލައްވާފަ އެވެ. އަލްޖީރިއާގެ ރައްޔިތުންގެ ގިނަ ހައްގުތަކެއް ކަށަވަރުކުރެވިފައިވާ އައު ގާނޫނުއަސާސީއާއި ހެޔޮ ބަދަލުތަކެއް ގެނައުމާއެކު މިވަގުތަށް އަލްޖީރިއާގެ ފަހުގެ ހަލަބޮލި ސިޔާސީ މާހައުލަށް މަޑުޖެހުމެއް އައިސް އުއްމީދެއްދަނީ ރައީސް ތަބޫން ގެ ފަރާތްޕުޅުން ފެންނަމުންނެވެ.