ދުނިޔެ

އިސްލާމީ ގައުމުތައް – ބޮސްނިއާ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ ޔޫރަޕްގެ ބޮސްނިއާ އެންޑް ހާޓްޒަގޮވީނާ އެވެ.

ބޮސްނިއާ އެންޑް ހާޓްޒޮގޮވީނާ

އިރު ދެކުނު ޔޫރަޕްގެ ބޮސްނިއާ އެންޑް ހާޓްޒަގޮވީނާ އަކީ ބައިނަލްއަގްވާމީ ބެލުމުގެ ދަށުން ވަކިން އަމިއްލައަށް ހިނގާ ތިން ދައުލަތް (ފެޑެރޭޝަން އޮފް ބޮސްނިއާ އެންޑް ހާޓްޒަގޮވީނާ، ރިޕަބްލިކާ ސްރަފްސްކާ އަދި ބްރަކޯ ޑިސްޓްރިކްޓް)ގެ މައްޗައް އެކުލެވިގެންވާ ގައުމެކެވެ.

މި ގައުމުގައި އަށް މަހުން އެކަކު ލީޑް ނަގާ، ތިން ރައީސުން ތިބެ އެވެ. ކުރީގެ ޔުގޮސްލާވިއާގެ ދަށުގައި އޮތް ބޮސްނިއާ 1991 ގައި ބައިބައިވުމުން، 1992 ގައި ބޮސްނިއާގެ މުސްލިމުންނާއި ކްރޮއެޝިއާ ދަރިކޮޅުގެ މީހުން (ކްރޮއެޓްސް) ކޮއެލިޝަންއެއް ހަދާ، މިނިވަންވުމަށް ވޯޓުލުމުން، ސާބިއާގެ ދަރިކޮޅުގެ މީހުން (ސާބްސް) ނުރުހުން ފާޅުކޮށް، ސާބިއާގެ އެހީގައި ބޮސްނިއާގެ ބޮޑުބައި ހިފައި، އަނިޔާވެރި، ލާއިންސާނީ ހަނގުރާމަ ފެށި އެވެ.

ތިން އަހަރުން އެއް ލައްކައަށްވުރެ ގިނަ މައުސޫމު މުސްލިމުންގެ ލޭއޮހޮރުވުމަށްފަހު، ޑޭޓަން ޕީސް އެކޯޑްގެ ދަށުން ވަނީ މި ސަރަހައްދު ޒާތަކަށް ނަސްލީގޮތުން ބައިބައިކޮށް ސުލްހަކޮށްފަ އެވެ. މި ގައުމު ސާބިއާ އާއި ކްރޮއޭޝިއާގެ ދެމެދުގައި އޮތުމުން، އެ ގައުމުތަކުން ސަރަހައްދުތައް ބޮޑުކުރަން އުޅެދާނެކަމުގެ ބިރު ބޮސްނިއާއަށް އަބަދުވެސް އޮވެ އެވެ.

ބޮސްނިއާ ހަނގުރާމައަށް ފަހު، މި ގައުމުގެ ގިނަ ތަންތަނާއި އިގްތިސޯދު ވަނީ ފުނޑުފުނޑުވެފަ އެވެ. ތެލުގެ އަގާއި އިންފްލޭޝަން އިންތިހާއަށް މައްޗަށްގޮސް، އިމްޕޯޓް އަދި އެކްސްޕޯޓް ދަށަށްގޮސް، ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން ކުރިމަތިވެ، ވަޒީފާ ނެތް މީހުންގެ ރޭޓް ވަނީ މައްޗަށް ގޮސްފަ އެވެ.

މާލީ ޖަމިއްޔާތަކާއި އޯގަނައިޒޭޝަންތަކުން އިގްތިސޯދު ކުރިއަރުވަން ކުރި މަސައްކަތުން، އިންފްލޭޝަންގެ ރޭޓް ދަށަށް ގޮސް، އެކްސްޕޯޓްތައް އިތުރުވެ، މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅުވާން ފަށާފައިވެ އެވެ.

ބޮސްނިއާ އަކީ ދަނޑުވެރިކަމާއި ފޮރެސްޓްރީ (މައިގަނޑު ގޮތެއްގައި ފަރުނީޗަރު ހެދުމަށް)، މަސް ބޭނުން އަދި ދަގަނޑު އޯ، ބޮކްސައިޓް، ލިގްނައިޓް، ބިޓުމިނަސް ކޯލް، ޒިންކް، މާކިއުރީ ފަދަ މައުދަން މައިންކުރާ ގައުމެކެވެ. ފަތުރުވެރިކަން ކުރިއަރާ ތަރައްގީކުރަމުން އަންނައިރު، މި ގައުމުން ބޭރުގައި މަސައްކަތްކޮށް، ދިރިއުޅޭ މީހުން ފޮނުވާ ފައިސާވެސް އިގްތިސޯދުގައި މުހިއްމު ދައުރެއް އަދާކުރެ އެވެ. ބޮސްނިއާގައި އިއާދަކުރަނިވި ހަކަތައިގެ ޕްލާންޓްތަކެއް ހުރިއިރު، މިއީ ބޮޑަށް ތަރައްގީކުރެވޭނެ ސިނާއަތެކެވެ.

ބޮސްނިއާގެ 3.2 މިލިއަން މީހުންގެ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް 51 ޕަސަންޓަކީ ސުންނީ މުސްލިމުންނެވެ. އަދި ގިނައީ ހަނަފީ މަޒްހަބަށް ތަބާވާ މީހުންނެވެ. ބާކީ 49 ޕަސަންޓުގެ ތެރެއިން ގިނައީ ސާބިއަން އޯތޮޑޮކްސް ކްރިސްޓިއަނުންނާއި ރޯމަން ކެތޮލީކް ކްރިސްޓިއަނުން (ކްރޮއެޓްސް) އެވެ. މީގެ އިތުރުން މަދު ޔަހޫދީންނާއި ދީން ގަބޫލުނުކުރާ މީހުންވެސް އުޅެ އެވެ. މި ގައުމުގައި ވާހަކަ ދައްކަނީ ބޮސްނިއަން، ސާބިއަން، ކޮރޮއޭޝިއަން އަދި އިނގިރޭސި ބަހުންނެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ބޮސްނިއާގެ ވެރިކަން ކުރާ ރަށް ސަރަޔޭވޯ އަކީ އެންމެ ބޮޑު ރަށެވެ. މި ރަށުގެ އާސާރީ ތަންތަނާއި ބިނާތަކާއި ރީތި މިސްކިތްތަކާއި ކެތީޑްރަލްތަކާއި އިމާރާތްތަކާއި ކޯރުތަކާއި ބްރިޖްތައް ހުރެ އެވެ. މިގޮތުން ރިޔާސީ އިމާރާތް، ސިޓީ ހޯލް އަދި ނެޝަނަލް ލައިބްރަރީ، އެމްޕެރާސް މިސްކިތް، އިސްތިކްލާލް މިސްކިތް، ގާޒީ ހުސްރެވް-ބޭގް މިސްކިތް އަދި ލައިބްރެރީ، ކެތީޑްރަލްތައް، މިއުޒިއަމް، ތުރުކީ މީހުންގެ ހިސާބު އަދި ސަބިލް، ގާޒީ ހުސްރެވް-ބޭގް ބާޒާރު، ކޮތަރު މައިޒާން، ނެޝަނަލް ތިއެޓާ، އެކަޑަމީ އޮފް ފައިން އާޓްސް، އިޓާނާލް ފްލޭމް، އަވާޒް ޓްވިސްޓް ޓަވާ އިލިޑްޒާ ހިސާބުގައިވާ ރިވާ ބޮސްނާ އަދި ކޭބަލް ކާރު ވެސް ހިމެނެ އެވެ.

މިއީ ގުދްރަތީ ރީތިކަން ވަރަށް ބޮޑަށް ލިބިފައިވާ ގައުމެކެވެ. އެގޮތުން ބަންޔާ ލޫކާގެ ފެރްހަދީޖާ މިސްކިތް، އަރްނަޖީލާ މިސްކިތާއި ރީތި ތަންތަން، މޮސްޓާގެ ރީތި ވެރެޓްވާ ކޯރާއި ބްރިޖް، ބްލަގަޖްގެ ބޫނާ ކޯރު، ޕޮސިޓޭލީ، ކްރަވިކާ ވޯޓާފޯލް، ފަރުބަދައާއި، ކޯރުގެ މެދުގައިވާ ތްރެބެންޔޭ، ސްޓޯލެކް، ޔާޔްޗޭ ވޯޓަފޯލް އަދި ޓްރަވްނިކް ފަދަ ރީތި ރަށްތަކާއި އާސާރީ ތަންތަން ހިމެނެ އެވެ. ސްކީ ކޮށް ސްނޯ ތެރޭގައި އުޅެން ބޭނުންވާ މީހުންނަށް ޔަހޮރީނާ ކަމުދާނެ އެވެ. ފަރުބަދަމަތީގައިވާ ލިކޮމީރް ވިލެޖަކީ ސަގާފީ ރަށްފުށު ހަޔާތް ދެކިލަން ބޭނުންވާ މީހުންނަށް ރަނގަޅު ތަނެކެވެ. އަދި މި ގައުމުގައި އެތައް ރީތި ނެޝަނަލް ޕާކެއްވެސް ހުރެ އެވެ.

ސަގާފަތް

ބޮސްނިއާގެ ގިނަ ރައްޔިތުންނަކީ ބޮސްނިއާގެ މުސްލިމުން، ސާބްސް އަދި ކްރޮއޭޓް އެވެ. އެހެންކަމުން މި ތިން ސަގާފަތާއި ބޮސްނިއާގެ މައްޗަށް އިސްތިއުމާރުކުރި ތުރުކީ އެމްޕަޔާގެ އަސަރު، ހާއްސަކޮށް އާކިޓެކްޗާއިން ފެނެ އެވެ.

މީގެ އިތުރުން އެތައް ޒަމާނެއްގެ ކުރިން ބޮސްނިއާގައި އުޅުނު ގަބީލާތަކާއި އިސްތިއުމާރު ކުރި ހަޟާރާތްތަކުގެ ނިޝާން އެ ގައުމުގެ އާކިޓެކްޗާއިންނާއި އާސާރީ އަދި ތާރީހީ އެއްޗެތިން ފެނެ އެވެ. ސިޓީތަކުގައި އުޅޭ މީހުންނާއި ރަށްފުށު ވިލެޖްތަކުގައި ދިރިއުޅޭ މީހުންގެ ސަގާފަތް ކޮންމެވެސް ވަރަކަށް ތަފާތެވެ. މިއީ އާއިލާއަށް އިސްކަންދީ، ރަހްމަތްތެރި ކަމަށާއި އަވައްޓެރިކަމުގެ ގުޅުން ބަދަހިކުރާ ބައެކެވެ. ކެފޭތަކަށް ގޮސް ވަގުތު ހޭދަކުރުމަށް ގަޔާވާ، މެހެމާންދާރީ ރަނގަޅު ބައެކެވެ.

މި ގައުމުގެ ޝަރުއީ ދާއިރާގައި އަދި ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުސްލިމް އަންހެނުން ބުރުގާ / ހިޖާބު އެޅުމަކީ މަނާ ކަމެކެވެ. ސަބަބެއް ކަމުގައި ބުނަނީ ދީނީ ހަމަހަމަކަން ދެއްކުމެވެ. މި ނިންމުމަކީ ބޮސްނިއާގެ ގިނަ މުސްލިމު ރައްޔިތުން ނުރުހޭ ކަމެކެވެ.

ބޮސްނިއާގެ މީހުން ލިޔުންތެރި ކަމަށާއި ނެށުމަށާއި މިއުޒިކަށް ލޯބިކުރެ އެވެ. ސެވްޑަލިންކާ، ގަންގާ އަދި ރޭރާ ފަދަ ސަގާފީ މިއުޒިކާއި އޮކެސްޓްރާ އަދި ޒަމާނީ މިއުޒިކްވެސް މަޝްހޫރެވެ.

ބޮސްނިއާގައި މޮޅު ފިލްމު ހެދުންތެރިން އުޅެ އެވެ. މިގޮތުން ސަރަޔޭވޯ ފިލްމް ފެސްޓިވަލް އަކީ ސަރަހައްދުގެ އެންމެ ކާމިޔާބު އަދި ނުފޫޒުގަދަ ފެސްޓިވަލް އެވެ. މި ގައުމުގައި އާ އިޖާދުތަކާއި ސައިންސްގެ ދާއިރާއަށްވެސް މީހުން ޝައުގުވެރިވެ އެވެ. އަދި ކުޅިވަރުތަކުގެ ތެރެއިން ފުޓްބޯޅައަށް ފޯރިހުރެ އެވެ.

ކެއުންބުއިން

ބޮސްނިއާގެ ކެއުމުގައިވެސް ތުރުކީގެ ނުފޫޒު ބޮޑެވެ. މިގޮތުން ގެރި، ލޭމްބް، ޕާސްތާ، ބަތް، ތަރުކާރީ މިއީ އާންމު ކެއުމެވެ. ލޭމްބް އަދި ބީފް ރޯސްޓްކޮށް އަދި ކެބާބްގެ ގޮތުގައި ކެއުމަށް ޝައުގުވެރިވެ އެވެ. ކެބާބް ނުވަތަ ޗެވާޕީ، ސޯމުން، ބެގޯވާ ކޯބާ، ބުރެކް، ކްލެޕޭ، ގްރާހް، ދޯލްމާ، ބޮސަންކީ އައޮނެކް، ތަރްހާނާ ސޫޕް، ސަތާރާސް، ޕްލިޔެސްކަވިޗާ، ޕިލަފް، ގޫލާޝް، ބެގޯމާ ސޯބާ، ސޯފަން ޑޮލްމާ، ޔަޕްރަކް، ސަރްމާ ޓްރަވްނިކް ޗީޒް އާއި އެކިވައްތަރުގެ ޗީޒް އަދި އަޔްވަރު ހިމެނެ އެވެ.

ފޮނި އެއްޗެހީގެ ތެރޭގައި ބަކްލާވާ، އުސްތިޕްޗީ، ތުފަހިޔާ، ހަލްވާ، ތުލުމްބާ، ސަމްޕިތާ ހިމެނޭއިރު، މިއީ ކޮފީ ބުއިމަށް ވަރަށް ޝައުގުވެރިވާ ބައެކެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް ބޮސްނިއާއަށް ޒިޔާރަތްކުރުމަށް ވިސާ ނަގަންޖެހެ އެވެ. ބޮސްނިއާ އަކީ އާންމު ގޮތެއްގައި ސުލްހަވެރި ގައުމެކެވެ. އެހެންނަމަވެސް ހަނގުރާމައިގެ ދުވަސްވަރުގައި ވަޅުލާފައިވާ ބައެއް ލޭންޑްމައިންތައް އަދިވެސް ނުގޮވާ ހުރުމުގެ ސަބަބުން، ބާވެ ހަލާކުވެފައިވާ އިމާރާތްތަކާއި ހާމަ ރަށްފުށު ހިސާބުތަކާއި މީހުން ދިރިއުޅުން ދޫކޮށްފައިވާ ވިލެޖްތަކާއި ތާރު ނާޅާ ހުންނަ މަގުތަކާއި ޖަންގަލީ ފަދަ ގަސްގިނަ ތަންތަނަށް ދިއުމަކީ ނުރައްކާތެރި ކަމެކެވެ. އަދި ތަޖުރިބާ ކާރު ގައިޑެއް ހޯދައިގެން އުޅުން ބުއްދިވެރި އެވެ.