ދުނިޔެ

އިސްލާމީ ގައުމުތައް - ކޮސޯވޯ

އި ސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ ޔޫރަޕްގެ ކޮސޯވޯއާ ބެހޭ މައުލޫމާތެވެ.

ކޮސޯވޯ

އިރު ދެކުނު ޔޫރަޕްގެ ރިޕަބްލިކް އޮފް ކޮސޯވޯއަކީ ސާބިއާއާއެކު ގިނަ ދުވަސްވި ހަނގުރާމައަކަށްފަހު، 2008 އިން ފެށިގެން ދުނިޔޭގެ ގިނަ ގައުމުތައް މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަންނަ ގައުމެކެވެ. އެހެން ނަމަވެސް އެއް ޒަމާނެއްގައި މި ސަރަހައްދު ސާބިއާގެ ދަށުގައި އޮތުމުން، ސާބިއާ އާއި ބައެއް ގައުމުތައް އަދިވެސް ދެކެނީ މިއީ ސާބިއާގެ ބައެއްގެ ގޮތުގައެވެ.

ޔުގޮސްލާވިއާގެ ދަށުގައި އޮތްއިރުވެސް ކޮސޯވޯ އަކީ އަމިއްލަ ސަރުކާރެއް އޮވެ ވަކިން ހިންގި ސަރަހައްދެކެވެ. ނަމަވެސް 1991 ގައި ޔުގޮސްލާވިއާ ބައިބައިވުމުން، އެ ގައުމުގެ ދަށުގައި އޮތް ސާބިއާއިން ވަނީ ކޮސޯވޯގެ ބާރުތައް ހަނިކޮށް، ސާބިއާއަށް ބާރުފޯރުވުމަށް މަސައްކަތްކޮށްފައެވެ.

މިގޮތުން ކޮސޯވޯގެ އަލްބޭނިއާ ދަރިކޮޅުގެ މީހުންނާ (އާބާދީގެ ބޮޑުބައި) ކޮސޯވޯގެ ސާބް ދަރިކޮޅުގެ މީހުންނާއި ސާބިއާ އާ ދެމެދު އަނިޔާވެރި ހަނގުރާމައެއް ފަށައި، އަލްބޭނިއާ ދަރިކޮޅުގެ މީހުން ނައްތާލަން މަސައްކަތްކޮށްފައެވެ. ޔޫއެން އާއި ނޭޓޯ އިން އެޅި ފިޔަވަޅުތަކާ ގުޅިގެން 1999 ގައި ހަނގުރާމަ ނިމި، މި ސަރަހައްދު 2008އާ ހަމައަށް އޮތީ ޔޫއެންގެ ބެލެހެއްޓުމުގެ ދަށުގައެވެ. މިދިޔަ ޑިސެމްބަރުގައި ކޮސޯވޯއިން ވަނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ވުމަށްވެސް އެދި ހުށަހަޅާފައެވެ.

ކޮސޯވޯގެ އިގްތިސާދު ތަރައްގީ ވާން ފެށީ ކޮސޯވޯ ހަނގުރާމައިގެ ފަހުން ޔޫއެންގެ ބެލުމުގެ ދަށަށް ދިއުމަށްފަހުގައެވެ. ކޮސޯވޯގެ އިގްތިސޯދު މާކެޓް އިކޮނޮމީއަކަށް ބަދަލުކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރަމުން އަންނައިރު، ހަނގުރާމަ އާއި ހަމަނުޖެހުންތަކާ ގުޅިގެން މި ގައުމުގައި މާބޮޑު ސިނާއަތްތަކެއް އަދި ބިނާވެފައެއް ނެތެވެ. ބޭރު ގައުމުތަކުގައި މަސައްކަތްކުރާ ކޮސޯވޯ ރައްޔިޔުން ފޮނުވާ ފައިސާ އާއި ބޭރު ގައުމަތަކާއި ޖަމިއްޔާތަކުގެ ފަރާތުން ލިބޭ އެހީ އަކީ އިގްތިސޯދުގެ ބޮޑު ބައެކެވެ. ހަނގުރާމައިގެ ކުރިން ދަނޑުވެރިކަމަކީ ގައުމުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓްގެ ތިންބައިކުޅަ އެއްބަ އެވެ. މިހާރު އެއީ ދިހަ ބައިކުޅަ އެއްބައެވެ.

މި ގައުމުގައި ޔޫރޯ ބޭނުންކުރަން ފެށުމުން، އިންފްލޭޝަން ފަދަ މައްސަލަތައް ވަނީ ބޮޑަށް މަތިނުވެ، ދެމެހެއްޓިފަ އެވެ. އަދިވެސް ބައެއް ގައުމުތަކުން މިއީ މިނިވަން ދައުލަތެއް ކަމުގައި ބަލައިނުގަންނާތީ، މި ގައުމުގެ މައްޗަށް އަދި ބޭރު ގައުމުތަކަށް ދައްކަންޖެހޭ ދަރަނިތަކެއް ނެތެވެ. އެހެންކަމުން މިއީ ލޯނު ނެގުމުގައި ފަސޭހަވާނެ ކަމެކެވެ. ކޮސޯވޯގައި ވަޒީފާ ނުލިބޭ މީހުން ގިނަވެ، ފަގީރު ހާލަތުގައި އުޅޭ މިހުންގެ އަދަދު ވަރަށް ގިނަ އެވެ.

މި ގައުމުގެ 1.8 މިލިއަން މީހުންގެ އާބާދީއަށް ބަލާއިރު، ގާތްގަނޑަކަށް 90 ޕަސަންޓަކީ އަލްބޭނިއާ ދަރިކޮޅުގެ ސުންނީ މުސްލިމުންނެވެ. އަދި ބޮސްނިއާ މުސްލިމުންވެސް ކޮންމެވެސް ވަރަކަށް އުޅެއެވެ. މިއީ އިސްލާމީ ކަންތައްތައް ވަރަށް ލުއިކޮށް ގެންގުޅޭ ގައުމެކެވެ. މި ގައުމުގައި ބާކީ ދިރިއުޅެނީ ސާބިއާގެ އޯތޮޑޮކްސް ކްރިސްޓިއަނުންނާއި ކްރޮއޭޝިއާގެ ކެތޮލިކް މީހުންނާއި މަދު އަދަދަކަށް ޕްރޮޓެސްޓަންޓުންނާއި ޔަހޫދީންނެވެ. މި ގައުމުގައި ވާހަކަ ދައްކަނީ އަލްބޭނިއާ އަދި ސާބިއާ ބަހުންނެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ކޮސޯވޯގެ ވެރިކަން ކުރާ ރަށް -- ޕްރިސްޓީނާ އަކީ އެންމެ ބޮޑު ރަށެވެ. މި ރަށުގެ އާސާރީ ތަންތަނާއި ބިނާތަކާއި ރީތި މިސްކިތްތަކާއި ކެތީޑްރަލްތައް ހުރެއެވެ. މިއީ ރެސްޓޯރަންޓާއި ކެފޭގެ ސަގާފަތެއް އޮންނަ ރަށެކެވެ. މިގޮތުން ނިއުބޯން މޮނިއުމަންޓް، ނެޝަނަލް ލައިބްރަރީ، ނެޝަނަލް ޔުނިވާސިޓީ އަދި ކެތީޑްރަލްތައް، މިއުޒިއަމް، ޖާމިއާ ޕާކް، ސުލްތާން މުރާދް 1 ގެ ޒިޔާރަތް، ސުލްތާން މެހްމެތް ފާތިހް މިސްކިތް، ޝޭހް ޝުއޭބް އަރްނަވުތް މިސްކިތް، ޖަޝާ ޕާޝާ މިސްކިތް މިއީ ހުސް ބަލާލަން ރަނގަޅު ތަންތަނެވެ.

އެކާސްޑް ފަރުބަދަތައް ނުވަތަ އަލްބޭނިއަން އަލްޕްސްއަކީ ރީތި ވާދީތަކާއި މާބަލް ހޮހޮޅަތަކާއި ލޭކްތަކާއި ކޯރު އަދި ވޯޓަފޯލްތައް ހުންނަ ތަނެކެވެ. މިރުޝާ ވޯޓަފޯލްސް އެއީ ވަރަށް ރީތި ތަނެކެވެ. ރޮގޯވާ ވާދީ އަކީ ހައިކްކުރުމަށާއި ސްނޯ ޝޫކުރުމަށާއި ޕެރަގްލައިޑްކުރާ ތަނެކެވެ. ޑްރެގޭޝް ވާދީއަކީ ކުދި ސަގާފީ ވިލެޖްތަކާއި އެމީހުންގެ ދިރިއުޅުން ތަޖުރިބާ ކޮށްލަން ރަނގަޅު ތަނެކެވެ. ޑެކާނީ ކެންޔަންގައި ޖަންގަލީގެ އިތުރުން 14 ވަނަ ގަރުނުގައި ހަދާފައިވާ ޑެކާނީ މޮނަސްޓްރީ ހުރެ އެވެ.

ޕްރިޒްރެން ރަށަކީވެސް އާސާރީ ތަންތަނާއި އޮޓަމަން އާކިޓެކްޗާއާއި ރީތި މިސްކިތްތަކާއި ބިނާތައް ހުންނަ ރަށެކެވެ. ޕޭޖާ އާއި ގްރެކަނީޗްޒާ، ބެއާ ސެންކްޗުއަރީ އާއި އެތައް ނެޝަނަލް ޕާކްތަކަކީ ވެސް ރީތި ހިތްގައިމު ތަންތަނެވެ.

ސަގާފަތް

ކޮސޯވޯގެ ގިނަ ރައްޔިތުންނަކީ އަލްބޭނިއާ ދަރިކޮޅުގެ މުސްލިމުންނެވެ. އެހެނަސް އިސްލާމް ދީނުގެ ކަންކަމަށްވުރެ އެމީހުންގެ އަލްބޭނިއާ ސަގާފަތް ދެމެހެއްޓުމަށް އިސްކަންދެ އެވެ. މިއީ އާއިލާއަށް އިސްކަންދީ، އާއިލާގެ ގިނަ މީހުން އެކުގައި ދިރިއުޅުމަށް ލޯބިކުރާ ބައެކެވެ. އަންހެން ކުދިން މަންމައަށް ގޭގެ ކަންތައްތައް ކުރުމަށް އެހީވެދޭއިރު، ފިރިހެން ކުދިން ބައްޕައަށް އެހީވެދެ އެވެ. ހިތާމައަކީ މި ގައުމުގެ ސަގާފަތް މަޑުމަޑުން ގެއްލިގެންދާ ކަމެވެ. ސަގާފީ ހެދުން ގިނައިން ލަނީ ހާއްސަ ދުވަސްތަކުގައެވެ. މ
ކޮސޯވޯގެ މީހުން ނެށުމަށާއި މިއުޒިކް ކުޅުމަށް ޝައުގުވެރިވެ އެވެ.

ކެއުންބުއިން

ކޮސޯވޯ މީހުން އާންމުކޮށް ކައި އުޅެނީ ޕާސްތާ، ބަތް، ބީންސް، އަލުވި، އެހެން ތަރުކާރީ، ކުކުޅު، ގެރި، ލޭމްބް އަދި ކޯރު މަހެވެ. ކޯބީ، ބުރެކް، ފްލީ، ޕައިޓް، އިލޮކުމާ، ފްލިޔާ، ޕާސުލް، ލަކްރޯރް މި ހިތްރާ، މިޝްމެ ސްޕެކާ، ޕާޕެކް، ޕީޓާ މި ސްޕިނެޗް، ޓަރަޓޯ، ކަވާޕި، ހަޖްވާރް މިއީ ހުސް އާންމު ކެއުމެވެ. ބަކްލާވާ، ލޯކަމް އަދި ހަލްވާއާ އެކު ކޮފީ އަދި ސައި ބުއިމަކީ އާންމު ކަމެކެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް ކޮސޯވޯއަށް ޒިޔާރަތްކުރުމަށް ވިސާ ނަގާކަށް ނުޖެހެއެވެ. އެހެންނަމަވެސް ހަމަނުޖެހުން އަދިވެސް ސާބިއާ ދަރިކޮޅުގެ މީހުން ގިނަ ހިސާބުތަކުގައި ކޮންމެވެސް ވަރަކަށް ކުރިއަށްދާތީ، މި ގައުމަށް ޒިޔާރަތްކުރުމުގައި ސަމާލުވުން ރަނގަޅެވެ.