މީހުން

އަމީރު ހައިބަތުﷲ: އަފްއާނިސްތާނުގެ އިސްލާމީ ކުރިމަގު

އަފްއާނިސްތާނުގެ އަމީރު ޝައިޚް މައުލާވީ ހައިބަތުﷲ އަޚުންޒާދާ އަކީ އަފްއާނިސްތާނުގެ އައު ވެރިޔާ އެވެ. ދުނިޔެއަށް އެހާ މަޝްހޫރު ބޭފުޅަކަށް ނުވި ނަމަވެސް އަފްޣާނިސްތާންގައި ނުފޫޒު ގަދަ ބާރުގަދަ ޝަހްސިއްޔަތެކެވެ.

އަފްއާނިސްތާނުގެ އަމީރު ކަމަށް ހައިބަތުﷲ ވަޑައިގަތީ އަފްއާނިސްތާނުގައި ތިބި ބޭރުގައުމުތަކުގެ ސިފައިން އެ ގައުމުން ފައިބައިގެން ދިއުމާ ގުޅިގެން 2021 ވަނަ އަހަރު ގާއިމުކުރި ތާލިބާން ސަރުކާރުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުންނެވެ.

މައުލާވީ ހައިބަތުﷲ އަފްއާނިސްތާނުގެ ތާލިބާނުންގެ އެންމެ އިސްވެރިޔާ ކަމަށް އިސްކުރެވުނީ އެޖަމާއަތުގެ ކުރީގެ ވެރިޔާ އަޚުތަރު މުހައްމަދު މަންސޫރަށް ޑްރޯން ހަމަލާއެއްދީ އަވަހާރަކޮށްލުމާ ގުޅިގެން މެއި 21، 2016 ގައެވެ.

ޝައިޚް މަންސޫރުގެ ވަސިއްޔަތުގައިވާ ގޮތުން ތާލިބާނުގެ ވެރިކަމަށް އޭނާ ނެތް ދުނިޔެއެއްގައި އިސްކުރައްވަން ވާނީ ހައިބަތުﷲ އެވެ.

ޝައިޚް ހައިބަތުﷲ އުފަންވެވަޑައިގަތީ އަފްއާނިސްތާނުގެ ދެކުނުގެ ކަންދަހާރުގަ އެވެ. އޭނާ ނިސްބަތް ވަނީ އިރާނުގެ ޕަޝްތޫން ދަރިފަސްކޮޅަށެވެ. ޕަޝްތޫންގެ ނޫރްޒާއީ ދަރިކޮޅުން ވަޑައިގެންފައިވާ ހައިބަތުﷲގެ މާނައަކީ އިލާހީ ހަދިޔާ އެވެ.

އެ މަނިކުފާނުގެ ބައްޕާފުޅަކީ އިސްލާމީ އިލްމުވެރި އެކެވެ. އެމަނިކުފާނުގެ ތުއްޕުޅު އިރުގައި ތައުލީމް ހާސިލް ކުރައްވާފައިވަނީ ޕާކިސްތާނުންނެވެ. ހަދީސް އިލްމުން އިންތިހާއަށް މޮޅަށް އުނގެނިވަޑައިގެންފައިވާތީ ހައިބަތުﷲ އަށް ނިސްބަތް ކުރެވެނީ ޝައިޚުލް ހަދީސްގެ ނަމުންނެވެ. އިސްލާމީ އިލްމީ އެތައް ފޮތެއް އޭނާ ލިޔުއްވާފައިވެ އެވެ. އަފްއާނިސްތާނަށް ރަޝިއާ ސިފައިން އެރުމާއެކު ހައިބަތުﷲގެ އާއިލާ ވަނީ ޕާކިސްތާނުގެ ބަލޮޗިސްތާނުގެ ކުވަތާ އަށް ހިޖުރަކޮށްފަ އެވެ.

އަފްއާނިސްތާނުން ރަޝިއާ ސިފައިން ފޭބުމުން ތާލިބާން ޖަމާއަތުގެ ބާރު ހިނގަން ފެށުމާއެކު ހައިބަތުﷲ ވަނީ އެޖަމާއަތާ ގުޅިފަ އެވެ. އަދި އަފްއާނިސްތާނުގައި އުޅުއްވަމުން ކުވަތާގެ ޝޫރާ މަޖިލިހާއި ހައިބަތުﷲ ގުޅުން ބާއްވަމުން ގެންދެވި އެވެ. ކުވަތާ ޝޫރާ މަޖިލިހަކީ ތާލިބާނުންގެ މައިގަނޑު ނިންމުންތައް ނިންމާ އަދި ލީޑަރުން އައްޔަންކުރާ މަޖިލީހެވެ.

އަފްއާނިސްތާނުގެ ހުޅަނގުގެ ފަރާހް، ތާލިބާނުގެ ބާރުގެ ދަށަށް ދިއުމާއެކު އެސަރަހައްދުގެ އަމާންކަން ބެލެހެއްޓުން ހައިބަތުﷲ އާއި ހަވާލުކުރެވުނެވެ. އަދި ފަހުން ކަންދަހާރުގެ އަސްކަރީ ކޯޓުގެ ވެރިޔާ ކަމަށްވެސް އައްޔަން ކުރެވުނެވެ. އެއަށްފަހު އިރުމަތީ ނަންގަރްހާރު ސަރަހައްދުގެ އަސްކަރީ ކޯޓުގެ އިސްވެރިޔާ ކަމަށްވެސް އައްޔަން ކުރެވުނެވެ.

އަފްއާނިސްތާނުގައި ތާލިބާނުގެ ބާރު ހިނގަން ފެށުމާއެކު އަސްކަރީ ކޯޓުގެ ވެރިޔާގެ މަގާމަށް ހައިބަތުﷲ އައްޔަންކުރެވުނެވެ. އަދި ހަމަ އެޖަމާއަތުގެ ސުޕްރީމް ކޯޓުގެ ނައިބަކަށް އައްޔަންކުރެވިގެން ދިޔަ އެވެ. އެމެރިކާގެ އަސްކަރީ ބާރުން 2001 ގައި ތާލިބާންގެ ވެރިކަން ބަދަލުކޮށްލުމާއެކު އެޖަމާއަތުގެ ދީނީ އިލްމުވެރިންގެ ކައުންސިލްގެ ވެރިޔާ ކަމުގައި ހައިބަތުﷲ ކަނޑައެޅުނެވެ. ދީނީ ފަތުވާތައް ނެރޭ ތާލިބާނުގެ ވެރިންގެ ކައުންސިލްގައި ހައިބަތުﷲ ހިމެނިވަޑައިގެން އެ ކައުންސިލުން ނެރޭ ފަތުވާތަކަކީ ސީދާ ހައިބަތުﷲގެ ނިންމެވުންތައް ކަމުގައިވި އެވެ.

އަމީރު ހައިބަތުﷲ އަޚުންޒާދާ އަކީ ވަރަށް އެކަހެރި ދިރިއުޅުއްވުމެއް އުޅުއްވާ އަދި އެއްގޮތަކަށްވެސް ފޯނާއި މުވާސަލާތީ އެހެން ވަސީލަތްތައް ބޭނުންކުރައްވާ ބޭފުޅެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން އެމަނިކުފާނުގެ ހަށިކޮޅަށް ނުރައްކަލެއް ދިނުމަށް މަގުފަހިވިޔަ ނުދިނުމަށެވެ. ބުނެވޭ ގޮތުގައި އެމަނިކުފާނު، ތާލިބާން އެހެން ވެރިންނާ މުވާސަލާތު ކުރައްވަނީ ސިޓީގެ ޒަރީއާއިންނެވެ.

މުސްލިމުންގެ ސުންނީ ޖަމާއަތަށް ނިސްބަތްވާ އަމީރު ހައިބަތުﷲ ވިދާޅުވެފައިވާ ގޮތުގައި އަފްއާނިސްތާނަކީ މުސްލިމުންގެ ދިރިއުޅުމުގެ ނިޒާމު ގާއިމްކޮށްފައިވާ ތަނެކެވެ. އެމަނިކުފާނުގެ މަގުސަދަކީ އިސްލާމީ ޝަރީއާ ގާއިމުކުރުމެވެ. އަދި އިސްލާމީ ޝަރީއާގެ މައްޗަށް އަމަލުކުރާ އަފްއާނިސްތާނުގެ ދައުލަތެއް ގާއިމުކުރުމެވެ.

ބުނެވޭ ގޮތުގައި ތާލިބާނުން ގަބޫލުކުރާ ފަދަ ތަސައްވުރެއް އަމީރު ހައިބަތުﷲ ގެންގުޅުއްވަ އެވެ. އަސްކަރީ ހުނަރަށް ވުރެ އަމީރު ހައިބަތުﷲ މަގުބޫލުވެފައިވަނީ ދީނީ އިލްމަށް އާދަޔާ ހިލާފަށް މޮޅު ބޭފުޅެއްގެ ގޮތުގަ އެވެ. އެކަމުގެ ސަބަބުން އޭނާ އަށް ގަދަރާއި އާރާއިބާރު ލިބިވަޑައިގެންފައިވެ އެވެ.

ދުނިޔޭގެ ގައުމުތަކާއެކު ވާހަކަދެކެވޭ އަމީރު ހައިބަތުﷲ ބޭނުންފުޅުވަނީ އަފްއާނިސްތާނަށް އަދި ދުނިޔޭގެ އެހެން ގައުމުކަތަކަށްވެސް ދެފަރާތަށްމެ ފައިދާވާ ގުޅުމެއް ގާއިމުކުރެއްވުމަށެވެ. މުސްލިމުންނަށް މުސްލިމުންގެ ގޮތުގައި ދުނިޔޭގައި އުޅެވޭނެފަދަ މާހައުލެއް ގާއިމުކުރެއްވުމަށެވެ.