މީހުން

ރައީސް ޖޮކޯ: ރައްޔިތުން އެދޭފަދަ ވެރިކަމެއް ކުރެއްވި

އިންޑޮނީޝިއާގެ ރައީސް ކަމަށް ޖޮކޯ ވިދޯދޯ ނުވަތަ ޖޮކޮވީ ވަޑައިގަތީ އޮކްޓޯބަރ 20، 2014 ގައެވެ.

ޖޮކޮވީގެ ރައީސް ކަމުގެ ފުރަތަމަ ދައުރު ނިމި އެޕްރީލް 2019 ގައި ވަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ. ޖޮކޮވީ އަކީ އިންޑޮނީޝިއާގެ ހަތްވަނަ ރައީސް އެވެ. އޭނާގެ ރިޔާސީ ދެވަނަ ދައުރު ވަރަށް އަވަހަށް ނިމޭނެތީވެ އިންޑޮނީޝިއާގެ ރައްޔިތުން މިހާރު ވަނީ އެ ގައުމަށް އާ ރައީސް އަކު ހޮވާފަ އެވެ.

ޖެކޮވީ ވެރިކަމުން މި ވަޑައިގަންނަވަނީ އެ ގައުމުގެ ގާނޫނުއަސާސީގައި ބުނާ އެންމެ ދިގު މުއްދަތަށް ވެރިކަން ކުރެއްވުމަށްފަހު އެވެ. އަދި އޭނާގެ ވެރިކަމުގެ ތެރޭގައި އިންޑޮނީޝިއާ އިން ދުވަހަކުވެސް އިގްތިސާދީ ގޮތުން ހޯދާފައި ނުވާ ވަރުގެ ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމަށްފަހު އެވެ.

ޖޮކޮވީ ވެވަޑައިގެންފައިވަނީ ސިޔާސީ އަދި މިލިޓަރީ ގޮތުން ބާރުގަދަ ނޫން އާއިލާ އަކުން އިންޑޮނީޝިއާގެ ރައީސް ކަމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އަށެވެ.

ރިޔާސީ އިންތިހާބުގައި މިދައުރުގައި ޖޮކޮވީގެ ނައިބަކަށް ކަނޑައެޅުއްވީ މުސްލިމުންގެ އެންމެ ބާރުގަދަ ކައުންސިލް ކަމުގައިވާ އިންޑޮނީޝިއާގެ އުލަމާ ކައުންސިލްގެ ލީޑަރު މައުރޫފް އަމީން އެވެ.

ޖޮކޮވީ ތައުލީމް ހާސިލް ކުރައްވާފައިވަނީ ފޮރެސްޓްރީގެ ދާއިރާ އިންނެވެ. އެއަށްފަހު އަޗޭ ސަރަހައްދުގެ ފޮރެސްޓްރީ ހިދުމަތުގައި މަސައްކަތް ކުރައްވާފައިވެ އެވެ. ޖޮކޮވީގެ ބައްޕާފުޅަކީ ވަޑިއަކަށް ވުމުން އާއިލީ އެމަސައްކަތަށް ޖޮކޮވީ ފަހުން އެނބުރިވަޑައިގަތެވެ.

ޖޮކޮވީ ވެވަޑައިގެންފައިވަނީ އިންޑޮނީޝީއާގައި ކިލަނބުކަމެއް ނެތް ސާފް ސިޔާސީ ބޭފުޅަކަށެވެ. 2012 ވަނަ އަހަރު ޖަކާޓާގެ މޭޔަރަކަށް ވަޑައިގަތުމުގެ ކުރިން އެމަނކިފާނު ވަނީ ސުރަކަތްރާގެ މޭޔަރުކަންވެސް ކުރައްވާފަ އެވެ.

ޖޮކޮވީ މޭޔަރެއްގެ މަސްއޫލިއްޔަތު ކާމިޔާބުކަމާއެކު އުފުއްލެވިއިރު އެތަންތަނުގެ ރައްޔިތުންނާ ވަނީ ވަރަށް ގާތް ގުޅުމެއް ގާއިމުކުރައްވާފަ އެވެ.

އިންޑޮނީޝިއާގެ ޖަވަނީޒް ސަގާފަތުގެ ބޭފުޅަކަށް ޖޮކޮވީ ވާތީ އެ ސިޓީތަކަކީ ޖަވަނީޒް ސަގާފަތުގެ ސިޓީތަކަކަށް ބަދަލުކުރައްވާފައިވެ އެވެ. މީގެއިތުރުން ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމްތަކާއި ސިއްހީ ނިޒާމާއި އަދި ވިޔަފާރި ޖަމާއަތުގެ ގުޅުން ތަރައްގީ ކުރައްވާފައިވެ އެވެ. ހަމައެހެންމެ މަގުމަތީ ބާޒާރުތައް އިސްލާހުކުރައްވައި ބަދަލުކޮށްލައްވައި އިންޑޮނީޝީއާގައި ފެންބޮޑުވާ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާފައި ވެއެވެ.

ޖަކާޓާގެ މޭޔަރަކަށް ހޮވިވަޑައިގަތުމާއެކު ޖޮކޮވީގެ ކާމިޔާބު ސިޔާސީ ހަޔާތް އިތުރަށް ވަރުގަދަވެގެން ގޮސްފައިވެ އެވެ.

ޖޮކޮވީ އަށް ވަނީ ވޯލްޑް މޭޔާ ޕްރައިޒްގެ ތިންވަނަ އަދި އިންޑޮނީޝިއާގެ މޭޔަރުން ހޮވުމުގެ ގަދަ ދިހަ އެއްގައި ހިމެނިވަޑައިގެންފަ އެވެ. އެހެންވުމާއެކު އިންޑޮނީޝިއާގެ ކުރީގެ ރައީސް -- މަގަވާތީ ސުކާނޯޕުތްރީ ޕީޑީއައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ޖޮކޮވީ ކަނަޑައެޅުއްވުމުން މާބޮޑު ހައިރާންކަމެއް އެއްވެސް މީހަކަށް އޭރުވެސް ނުލިބެ އެވެ.

ޖޮކޮވީ އަކީ ފަންނީ ކަންކަމަށް ލޯބި ކުރައްވާ ހާއްސަކޮށް އަމިއްލަފުޅަށް ހެވީ މެޓަލް މިޔުޒިކަށް ލޯބި ކުރައްވާ ބޭފުޅަކަށް ވުމުން އިންޑޮނީޝިއާގެ ރިޔާސީ އިންތިހާބުގައި މިއުޒިޝަނުންނާއި އާޓިސްޓުންގެ ތާއީދު ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ.

ރައީސް ޖޮކޮވީ އަކީ ހާއްސަކޮށް އެއްވެސް ތައްޔާރުވުމަކާއި ނުލައި ކުއްލިއަކަށް ރައްޔިތުންނާ ހަމައަށް ސީދާ އަމިއްލަފުޅަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެމީހުންގެ ބޭނުންތައް ފުއްދަވައިދެއްވައި ފާޑުކިޔުންތަކަށް ހައްލު ހޯއްދަވައިދެއްވާ ބޭފުޅެއްގެ ގޮތުގައި އިންޑޮނީޝިއާގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެންވުމުގެ ސަބަބުން އާންމު ރައްޔިތުންނާއި ރައީސް ޖޮކޮވީއާ ދެމެދު އޮންނަ ގުޅުން ވަރަށް ވަރުގަދަ އެވެ.

ކާމިޔާބު ކަމާއެކު އޭޝިއަން ގޭމްސް އިންޑޮނީޝިއާގައި ބާއްވާފައިވާ ރައީސް ޖޮކޮވީ އަށް އޭނާ އެންމެ ބޭނުންވި ވަރަށް އިގްތިސޯދީ ކުރިއެރުން ގެނެސްދެވިފައި ނުވި ނަމަވެސް އިންފްރާސްޓްރަކްޗާ އަށާއި އިޖުތިމާއީ ކަންކަމަށް ބޮޑެތި އިންވެސްޓްމަންޓް ކުރައްވަމުން ވަޑައިގެންފައިވާތީ ރައްޔިތުންގެ ބޮޑު ތާއީދެއް ރައީސް ޖޮކޮވީ އަށް މިހާރުވެސް އެބައޮތެވެ.