މީހުން

ރައީސް އިމަމާލީ ރަހުމާން: ތަޖިކިސްތާނަށް ހަމަޖެހުން ގެނެސްދެއްވި

ތަޖިކިސްތާނުގެ ރައީސް އިމަމާލީ ރަހުމާން އެގައުމުގެ ރައީސް ކަމަށް ވަޑައިގެންނެވީ ނޮވެމްބަރު 16، 1994 ގައެވެ.

ރައީސް ރަހުމާނަކީ ދަނޑުވެރި އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. ލޭބަރެއްގެ ގޮތުގައި އިލެކްޓްރިޝަން ރޮނގުން ތެޔޮ ކާރުހާނާ އެއްގައި 1969ގައި މަސައްކަތްޕުޅު ކުރެއްވި އެވެ. އަދި ކުރީގެ ސޯވިއެޓް ޔުނިއަންގެ އަސްކަރިއްޔާގައި 1971 އިން 1974 އަށް ހިދުމަތް ކުރައްވާފައިވެ އެވެ. އޭގެ ފަހުން އެމަނިކުފާނު އުފަންވެވަޑައިގަތް ދަންގާރާގެ ލެނިން ކަލެކްޓިވް ފާމްގައި މަސައްކަތްޕުޅު ކުރައްވަން ފެއްޓެވި އެވެ. އެތަނުގައި އުޅުއްވަމުން އިކޮނޮމިކްސް ދާއިރާއިން ތަޖިކް ނެޝަނަލް ޔުނިވަސިޓީން ދަސްވެނިވެ ވަޑައިގެންނެވި އެވެ. އަދި 1976 އިން 1987 އަށް އެ ފާމްގައި ސެކްރެޓަރީ ކަމުން ޗެއާމަން ކަމަށް ވަޑައިގަތެވެ. އަދި އޭގެ ފަހުން ޕާޓީ ގުނަންތަކުގައި މަސައްކަތްޕުޅު ފެއްޓެވި އެވެ. އަދި 1987 އިން 1992 އަށް ވެސް ފާމްގެ ޗެއާމަންކަން ކުރައްވާފައިވެ އެވެ.

ކުރީގެ ސޯވިއެޓް ޔުނިއަންގެ ދަށުން ތަޖިކިސްތާނަށް މިނިވަންކަން 1992 ގައި ލިބުނު ވަގުތު ސިޔާސީ ހަމަނުޖެހުން ބޮޑުވެ ދާދި ކައިރިކައިރީ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އިސްތިއުފާ ދެއްވަމުން ވަޑައިގެން ރައީސް ރަހުމާން އެއީ ތިން ވަނައަށް ތަޖިކިސްތާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ބޭފުޅާ އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ތަޖިކިސްތާނުގެ ރައީސަކީ ރަހުމާން އެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ރަހުމާން ތަޖިކިސްތާނުގެ ސުޕްރީމް އެސެމްބްލީގެ ޗެއާމަންކަން ނޮވެމްބަރު 20، 1992 އިން ނޮވެމްބަރު 16 1994 އަށް ކުރެއްވި އެވެ. އެއިރު ކޮމިއުނިސްޓުންނާއި ކޮމިއުނިސްޓް ނޫން މީހުން އެއްކޮޅުގައި ތިބިއިރު ލިބަރަލް ޑިމޮކްރެޓިކް މީހުންނާއި ނެޝަނަލިސްޓުންނާއި އިސްލާމިސްޓުންގެ މެދުގައި އެއްބަސްވެވޭ މަންދޫބަކަށް ހުންނެވީ ރަހުމާނެވެ. އެހެންކަމުން ސިޔާސީ ހަމަނުޖެހުންތަކުގެ މެދުގައި ތަޖިކިސްތާނުގެ ވެރިކަން އޭރުވެސް ގޮތަކަށް މިސްރާބު ކުރައްވަމުން ވަޑައިގެންނެވީ ރައީސް ރަހުމާނެވެ. އެ މުއްދަތުގައި ތަޖިކިސްތާނުގެ ރައީސް ކަމުގެ މަގާމު ވަނީ އުވާލާފަ އެވެ. ތަޖިކިސްތާނުގައި ދާހިލީ ހަމަނުޖެހުން 1992 އިން 1997 އަށް ހިނގަމުން އައިސްފައިވެ އެވެ.

ތަޖިކިސްތާނުގެ ވައަތު ފިޔައިގެ ޕާޓީއެއް ކަމުގައިވާ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރަކަށް މާޗް 18، 1998 ގައި ރައީސް ރަހުމާން ވަޑައިގަތެވެ. އެ ޕާޓީ އަކީ ތަޖިކިސްތާނުގެ ޕާލިމަންޓްގެ އައުލަބިއްޔަތު ދަމަހައްޓަމުން އަންނަ ޕާޓީ އެކެވެ. ތަޖިކިސްތާނުގައި މިހާތަނަށް ބޭއްވުނު ފަސް އިންތިހާބު 1994، 1999، 2006، 2013 އަދި 2020 ވެސް ކާމިޔާބު ކުރައްވާފައިވަނީ ވެސް ރައީސް ރަހުމާނެވެ.

ތަޖިކިސްތާނުގެ ރިޔާސީ ދައުރަކީ 1999 އިން ފެށިގެން ހަތް އަހަރު ކަމުގައިވަނީ ގާނޫނު އަސާސީގައި ކަނޑައަޅާފަ އެވެ.

ރައީސް ރަހުމާނުގެ ދައުރުގައި ތަޖިކިސްތާނުގައި އައު ގާނޫނުއަސާސީއެއް ވުޖޫދު ކުރައްވައި ގައުމުގައި ވީރާނާވެފައިވާ އިންފްރާސްޓްރަކްޗާ އަލުން ގާއިމުކުރައްވައި ގާނޫނީ ހުކޫމަތު ވަރުގަދަ ކުރައްވާފައިވެ އެވެ.

ރައީސް ރަހުމާނަކީ ތަޖިކިސްތާނަށް ހަމަޖެހުމާއި ސުލްހައާއި އެއްބައިވަންތަކަން ގެނެސްދެއްވުމުގައި އެންމެ މުހިންމު ފަރާތަށް ވެވަޑައިގެންފައިވުމުން އެމަނިކުފާނު ގާނޫނީ ހައިސިއްޔާތާއެކު އެގައުމުގެ އެއްބައިވަންތަކަމާއި ސުލްހައިގެ ބާނީ ކަމުގައި ވަނީ ކަނޑައަޅާފަ އެވެ. ތަޖިކިސްތާނަށް ސުލްހަ އާއި ހަމަޖެހުން ގެނެސްދެއްވާފައިވާތީ ރައީސް ރަހުމާނުގެ މަގުބޫލްކަން ތަޖިކިސްތާނު ރައްޔިތުންގެ މެދުގައި ބޮޑެވެ.

ރައީސް ރަހުމާނު ވަނީ ތަޖިކިސްތާނުގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީ ކުރިއަރުވައި ރައްޔިތުންގެ ހާލަތު ކުރިއަރުވާފަ އެވެ. އަދި ތަޖިކިސްތާނާއި ބޭރުދުނިޔެއާއި ގުޅުން ބަދަހިކުރައްވައި އެތެރޭގެ ތަފާތުތައް ނައްތާލެއްވުމުގައި ކާމިޔާބު ހޯއްދަވައި ސިޔާސީ ހަމަޖެހުމަށް މަގުފަހި ކުރައްވާފަ އެވެ. އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އދ އިން ވަނީ މިއަހަރަކީ ދުނިޔޭގެ ތާޒާ ފެނުގެ އަހަރު ކަމުގައި ކަނޑައަޅާފަ އެވެ.

އެމަނިކުފާނަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ދެމެހެއްޓެނިވި ތަރައްގީގައި ފެނުގެ މުހިންމުކަމުގެ އެތަކެއް އިސްނެންގެވުމުގެ އެންމެ އިސް ފަރާތްވެސް މެއެވެ.