މީހުން

ރައީސް އިލްހާމް: އަޒަރުބައިޖާންގެ ގައުމިއްޔަތު ވަރުގަދަކުރެއްވި

އަޒަރުބައިޖާންގެ ރައީސް ކަމަށް އިލްހާމް އަލީޔޭވް ވަޑައިގެންނެވީ އޮކްޓޯބަރު 31، 2003 ގައެވެ.

ރައީސް އިލްހާމް އަކީ އަޒަރުބައިޖާންގެ ހަތަރުވަނަ ރައީސެވެ. އެމަނިކުފާނު ރައީސް ކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަދި ރައީސް އިލްހާމްގެ ބައްޕާފުޅު 2003 ގައި އަވަހާރަވުމާ ގުޅިގެންނެވެ.

ރައީސް އިލްހާމް ތައުލީމް ހާސިލްކުރައްވާފައިވަނީ ބައިނަލްއަގުވާމީ ގުޅުމުގެ ދާއިރާއިން ރަޝިއާގެ ވެރިރަށް މޮސްކޯގަ އެވެ. އަދި ހިސްޓްރީގެ ދާއިރާއިން ޕީއެޗްޑީ ވަނީ ހާސިލްކުރައްވާފަ އެވެ. 1985 އިން 1990 އާ ދެމެދު އެމަނިކުފާނު ވަނީ މޮސްކޯގެ އިންޓަނޭޝަނަލް ރިލޭޝަންސް އިންސްޓިޓިއުޓްގައި ކިޔަވައިދެއްވުމުގައި ހޭދަކުރައްވާފަ އެވެ.

1990ގެ ފަހުން އަމިއްލަ ވިޔަފާރީގައި އުޅުއްވަމުން ބޮޑެތި ވިޔަފާރި ކުންފުނިތައް ހިންގެވުމުގައި އުޅުއްވާފައިވެ އެވެ. 1994 އިން 2003 އަށް ގައުމީ ތެޔޮ ކުންފުނީގެ ނައިބް ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައިވެ އެވެ. އަޒަރުބައިޖާނުގައި އޭނާގެ ބައްޕާފުޅުވެސް ގެންގުޅުއްވި ތެލާ ބެހޭ އިސްތިރާޖް ރައީސް އިލްހާމް ވަނީ ކުރިއަށް ގެންދަވާފަ އެވެ.

ރައީސް އިލްހާމް އަޒަރުބައިޖާންގެ ޕާލިމެންޓަށް 1995 އަދި 2000 ވަނަ އަހަރު އިންތިހާބުވެވަޑައިގަތެވެ. އެމަނިކުފާނަކީ 1997 އިން ފެށިގެން އެގައުމުގެ އޮލިމްޕިކް ކޮމިޓީގެ ރައިސްވެސް މެއެވެ. 1999 ގައި ނިއު އަޒަރުބައިޖާންގެ ސިޔާސީ ޕާޓީގެ ނައިބަކަށް ރައީސް އިލްހާމް ވަޑައިގަތެވެ. އަދި އެ ޕާޓީގެ ޗެއާމަނަކަށް 2005ގައި ވަޑައިގަތެވެ. 2001 އިން 2003 އަށް އަޒަރުބައިޖާންގެ ޕާލިމެންޓްރީ ވަފްދު ޔޫރަޕްގެ ކައުންސިލް އެސެމްބްލީގައި ތަމްސީލް ކުރައްވާފައިވެ އެވެ. އަދި އެކައުންސިލްގެ ނައިބުކަން 2003 ގައި އަދާކުރެއްވި އެވެ. އަދި 2003 ގައި އެމަނިކުފާނު އަޒަރުބައިޖާންގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތެވެ.

ރައީސް އިލްހާމް އެންމެ ފުރަތަމަ އަޒަރުބައިޖާންގެ ރައީސް ކަމަށް ވަޑައިގަތީ އޮކްޓޯބަރު 15، 2003 ގައެވެ. އެއަށްފަހު ވިދިވިދިގެން ތިން ދައުރު 2008، 2013 އަދި 2018 ގައި ބޮޑު އައުލަބިއްޔަތަކުން ވަނީ ރައީސް ކަމަށް ހޮވިވަޑައިގެންފަ އެވެ.

ރައީސް އިލްހާމް ވެރިކަމަށް ވަޑައިގަތުމަށްފަހު ތެލުގެ މުއްސަނދި އަޒަރުބައިޖާންގައި ސިޔާސީ ގޮތުން ހަމަޖެހުން ގާއިމުކުރައްވައި ބައިނަލްއަގުވާމީ ހަރަކާތްތަކަށް އެ ގައުމު ހުޅުވާލެއްވި އެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ލަގްޒަރީ ބޮޑެތި ހަރަކާތްތައް އެގައުމުގައި ބާއްވައި ބައިނަލްއަގުވާމީ ތާއީދު ހޯދުމުގައި އެގައުމުން ދަނީ ކުރި ހޯދަމުންނެވެ.

ރައީސް އިލްހާމްގެ ވެރިކަމުގައި 2020 ވަނަ އަހަރު އަޒަރުބައިޖާން އާއި އާމީނިއާއާ ދެމެދު އޮންނަ ނަގޯނޯ ކަރްބާކްގެ މައްސަލަ ބޮޑުވެ ހަނގުރާމަކޮށްގެން އެސަރަހައްދުގެ ބޮޑު ބައެއް އާޒަރުބައިޖާނުގެ ދަށަށް ގެނެސްފައިވެ އެވެ.

ރައީސް އިލްހާމަކީ 21 ގައުމަކުން ޝަރަފްވެރިކަމުގެ ލަގަބް އަދި 16 ޔުނިވާސިޓީއަކުން ޝަރަފްވެރިކަމުގެ ޑޮކްޓޮރޭޓް އަދި ޕްރޮފެސަރުކަން އަރުވާފައިވާ ބޭފުޅެކެވެ. އަދި ބައިނަލްއަގުވާމީ 12 ކުޅިވަރުގެ އިދާރާއަކުންވެސް އެވޯޑް އަރުވާފައިވާ ރައީސް އިލްހާމަކީ ދުނިޔޭގައި މިވަގުތު އެންމެ މަގުބޫލު ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ހަމައެހެންމެ ރައީސް އިލްހާމަކީ އިސްލާމީ އުސޫލުތައް އަޒަރުބައިޖާންގައި ވަރުގަދައަށް ހިފަހައްޓަވަމުން ގެންދަވާ ދުނިޔޭގައި މުސްލިމުންގެ ރުހުން ހޯއްދަވާފައިވާ ބޭފުޅެކެވެ.