މީހުން

ރައީސް ޝައުކަތު: އުޒްބެކިސްތާނަށް އިންގިލާބީ ކުރިއެރުން ގެނެސްދެއްވި

އުޒްބެކިސްތާނުގެ ރައީސް ކަމަށް ޝައުކަތު މިރްޒިޔޮޔޭވް އިންތިހާބުކުރެވުނީ އެގައުމުގެ ފުރަތަމަ ރައީސް އިސްލާމް ކަރީމޯޥް އަވަހާރަވުމާ ގުޅިގެން ބޭއްވުނު އިންތިހާބު ކާމިޔާބު ކުރެއްވުމުން ޑިސެމްބަރު 14، 2016 ގައެވެ.

ރައީސް ޝައުކަތު ވަނީ 2021 ވަނަ އަހަރު ބޭއްވުނު އިންތިހާބުގައި އަނެއްކާވެސް ކާމިޔާބު ހޯއްދަވާފަ އެވެ.

ރައީސް ޝައުކަތު މިރްޒިޔޮޔޭވް އުފަންވެވަޑައިގެންފައިވަނީ އުޒްބެކިސްތާނުގެ ޖިއްޒަޚް ސަރަހައްދުގެ ޒާމިން ޑިސްޓްރިކްޓްގައި ޖުލައި 24، 1957 ގައި ޑޮކްޓަރުންގެ އާއިލާ އަކަށެވެ. ނިސްބަތް ވަނީ މުސްލިމުންގެ މަޝްހޫރު ސަމަރުކަންދުގެ ޝާހީ އާއިލާ އަކަށެވެ.

އެމަނިކުފާނު މަތީ ތައުލީމް ހާސިލްކުރައްވާފައިވަނީ ތަޝްކެންތްގެ އިންސްޓިޓިއުޓް އޮފް އިންޖިނިއާސް އޮފް އިރިގޭޝަން އެންޑް މެކަނައިޒޭޝަން އޮފް އެގްރިކަލްޗާ އިންނެވެ. ދާއިރާ އަކީ މެކޭނިކަލް އިންޖިނިއަރިން އެވެ. ޓެކްނިކަލް ސައެންސުން ޑޮކްޓާ އޮފް ފިލޯސޮފީ ހައްދަވާފައިވާ ޝައުކަތަކީ އެސޯސިއޭޓް ޕްރޮފެސަރެކެވެ.

ޝައުކަތުގެ ކެރިއާ ފައްޓަވާފައިވަނީ އެމަނިކުފާނު ތައުލީމު ހާސިލް ކުރެއްވި އިންސްޓިޓިއުޓްގައި ޖޫނިއަ ރިސާޗް ދަރިވަރެއްގެ ގޮތުގައި 1981 ގައެވެ. ފަހުން އެ އިންސްޓިޓިއުޓްގެ ސީނިއަ ލެކްޗަރާ އަދި އެސޯސިއޭޓް ޕްރޮފެސަރެއްގެ ދައުރު އަދާކުރައްވައި އެތަނުގެ އެކަޑަމިކް އެފެއާޒްގެ ވައިސް ރެކްޓަރުކަން ކުރެއްވި އެވެ.

ޝައުކަތު ވަނީ އުޒްބެކިސްތާނުގެ ސުޕްރީމް ކައުންސިލްގެ ޑެޕިއުޓީ އަކަށް 1991 ގައި ހޮވިވަޑައިގެންފަ އެވެ. އެއާއެކު އެ ކައުންސިލްގެ ކްރެޑެންޝަލް ކޮމިޓީގެ ޗެއާމަން ކަމުގެ މަގާމު އަދާކުރެއްވި އެވެ.

ތަޝްކެންތް ސިޓީގެ މިރްޒޯ އުލުގްބެކް ޑިސްޓްރިކްޓްގެ ހާކިމް ކަމަށް ނުވަތަ ގަވަރުނަރު ކަމަށް 1992 ގައި ޝައުކަތު އައްޔަން ކުރެވުނެވެ. އޭގެފަހުން ޖިއްޒަޚް ސަރަހައްދުގެ ހާކިމަކަށް 1991 އިން 2006 އަށް އަދި ސަމަރުކަންދު ސަރަހައްދުގެ ހާކިމަކަށް 2001 އިން 2003 އަށް ޝައުކަތު އައްޔަން ކުރެވުނެވެ. މިސަރަހައްދުތަކުގައި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންތިހާއަށް ބޮޑު ޚިދުމަތެއް ޝައުކަތު ވަނީ ކުރައްވާފަ އެވެ.

ސަރުކާރު ހިންގުމުގެ ދާއިރާގައި އަދި ޕާލިމަންޓް އޮލިއީ މަޖިލީހުގައި ޑެޕިއުޓީއެއްގެ ގޮތުގައި 1995 އިން 2003 އަށް އުޅުއްވި ދުވަސްވަރުގައި ޝައުކަތު ވަނީ ސިޔާސީ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީގެ ރޮނގުގައި ފާހަގަކުރެވޭ ގާނޫނުތައް ގެނައުމުގައި އަދި ޑިމޮކްރެޓިކް އިސްލާހުތައް އުޒްބެކިސްތާނަށް ގެނައުމަށް ވަރަށް އިސްދައުރެއް އަދާކުރައްވާފަ އެވެ.

ޝައުކަތު އުޒްބެކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރެވުނީ 2003 ގައެވެ. އޭގެފަހުން 2005 އާއި 2010 އަދި 2015 ގައި މަޖލީހުން ރުހުންދީފައިވެ އެވެ. އެމަނިކުފާނަކީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އޮފް އުޒްބެކިސްތާނުގެ އިސް މެންބަރެކެވެ. އުޒްބެކިސްތާނުގެ ކުރީގެ ފުރަތަމަ ރައީސް އިސްލާމް ކަރީމޯވްގެ އަރިހުގައި ވަރަށް ގާތްކޮށް މަސައްކަތް ކުރައްވައި ޝައުކަތު ވަނީ ކަރީމޯވްގެ އިތުބާރު ހޯއްދަވާފަ އެވެ.

ސަރުކާރުގެ އިސްފަރާތުގެ ގޮތުގައި އެމަނިކުފާނު ވަނީ އާދަޔާ ހިލާފް ގާބިލްކަމާއި ލީޑަޝިޕް ދައްކަވާފަ އެވެ. އަދި އިގްތިސޯދީ އިޖުތިމާއީ އިސްލާހުތައް ގެންނަވައި ގައުމުގެ ކަންކަން ކުރިއަރުވައި ޒަމާނީކޮށް މުޅިން އައު މަޝްރޫއުތައް ވެސް ފައްޓަވާފައިވެ އެވެ. މީގެއިތުރުން އާންމު ރައްޔިތުންނަށް މުދާ މިލްކްކޮށް ހިމާޔަތް ކުރެވޭނެ ގޮތް ހައްދަވައި އިގްތިސޯދުގައި ކުދި ވިޔަފާރިތަކުގެ ހިއްސާ އިތުރުކުރައްވައި އަމިއްލަ ވިޔަފާރިތައް ފުޅާކުރައްވައި އެދާއިރާއަށް ގާނޫނީ ރައްކާތެރިކަން ހޯއްދަވައި ދެއްވި އެވެ.

ޝައުކަތު ވަނީ ހާއްސަ ގޮތެއްގައި ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ލިބޭނެ ގޮތް ހައްދަވައި ގައުމުގެ އެކްސްޕޯޓް އިތުރުކޮށް ދަނޑުވެރިކަން ތަރައްގީކުރައްވައި ކާބޯތަކެތި ގައުމަށް ފުދޭމިންވަރަށް އުފައްދައި ހެޔޮއަގުގައި ލިބޭނެގޮތް ހައްދަވައިދެއްވާފަ އެވެ. އަދި ވަރަށް ބޮޑަށް ލާމަރުކަޒުކޮށް މަސައްކަތްތެރިންގެ މާހައުލު ރަނގަޅު ކުރައްވައި ސަރުކާރުން ދޭ ހިދުމަތްތަކުގެ އުމްރާނީ ތަރައްގީ ތަފާތުކުރުމެއް ނެތި ހުރިހާ ދިމާލެއްގައި ފުޅާކޮށްފަ އެވެ.

މީގެއިތުރުން ތައުލީމާއި ސިއްހަތާއި ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ ތަރައްގީކޮށް ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް ވަރުގަދަ ޒުވާން ޖީލެއް ބިނާކުރުމުގެ މަސައްކަތް ކުރެއްވި އެވެ. ރައީސް ޝައުކަތު ގެންދަވަނީ އުޒްބެކިސްތާނުގެ މަސްލަހަތުހުރި ކަންކަމުގައި އެހެން ގައުމުތަކާ ގުޅުން ބަދަހިކުރައްވައި އިގްތިސާދީ މަންފާތައް ލިބޭނެފަދަ ގުޅުންތައް ގާއިމުކުރައްވަމުންނެވެ.

ރައީސް ޝައުކަތު މުޅި ގައުމު ބިނާކުރެއްވުމުގައި އަދި ރައްޔިތުންގެ ވެލްފެއާ މަތިކުރެއްވުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކޮށް އެގައުމުގެ އެންމެ މަތީ ޝަރަފް ކަމުގައިވާ "މެހްނަތް ޝުކުރަތީ" ނުވަތަ ގްލޯރީ އޮފް ލޭބަގެ އިތުރުން "ފިދޮކޮރްނާ ހިދުމަތުލަރީ އުޗުން" ނުވަތަ ސެލްފްލަސް ސާވިސްގެ ޝަރަފް އެގައުމުގެ ސަރުކާރުން ވަނީ އަރުވާފަ އެވެ.