މީހުން

ޝަހުބާޒް ޝަރީފް: ޕާކިސްތާނުގެ އެއްވަނަ

ޕާކިސްތާނުގެ ތޭވީސް ވަނަ ބޮޑުވަޒީރުގެ ގޮތުގައި ޝަހުބާޒް ޝަރީފް މަގާމާ ހަވާލުވެވަޑައިގަތީ އެޕްރީލް 11، 2022 ގައި އޭރުގެ ބޮޑުވަޒީރު މަޝްހޫރު އިމްރާން ހާން އަށް ޕާލިމަންޓުގައި އިތުބާރު އޮތްތޯ ނެގުނު ވޯޓުގައި އިމްރާން ހާނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުންނެވެ.

ޝަހުބާޒް އުފަންވެވަޑައިގެންފައިވަނީ ސެޕްޓެމްބަރު 23، 1951 ގައެވެ. މަޝްހޫރު ވިޔަފާރި އާއިލާއަކުން ވަޑައިގެންފައިވާ ޝަހުބާޒަކީ ލާހޫރުގެ ގަވަރުމަންޓް ކޮލެޖް ޔުނިވަސިޓީން ބެޗެލާ އޮފް އާޓްސް ހައްދަވާފައިވާ ބޭފުޅެކެވެ.

ޝަހުބާޒަކީ ކުރީގެ ތިން ދައުރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ. ޝަހުބާޒަކީ ޕާކިސްތާނުގެ މުސްލިމު ލީގުގެ މިހާރުގެ ރައީސެވެ. ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން ޝަހުބާޒަކީ ޕަންޖާބުގެ ޗީފް މިނިސްޓަރުކަން ތިން ފަހަރެއްގެ މަތިން ކުރައްވައި އެންމެ ދިގު މުއްދަތަކަށް އެމަގާމު އަދާކުރެއްވި ބޭފުޅާ އެވެ.

ޝާހުބާޒު އެންމެ ފުރަތަމަ ޕަންޖާބު ޕްރޮވިންޝަންލް އެސެމްބްލީ އަށް ހޮވިވަޑައިގަތީ 1988 ގައެވެ. އަދި ޕާކިސްތާނުގެ ޕާލިމަންޓަށް ހޮވިވަޑައިގަތީ 1990 ވަނަ އަހަރު އެވެ. އެމަނިކުފާނު އަނެއްކާވެސް ޕަންޖާބް އެސެމްބްލީ އަށް 1993 ގައި ހޮވިވަޑައިގަތެވެ. އަދި އޮޕޮޒިޝަން ލީޑަރުގެ ގޮތުން އޭރު މަސައްކަތްޕުޅު ކުރެއްވި އެވެ. ޕަންޖާބުގެ ޗީފް މިނިސްޓަރު ކަމަށް ޝަހުބާޒު އެންމެ ފުރަތަމަ ހޮވިވަޑައިގަތީ 1997 ގައެވެ.

ޕާކިސްތާނަށް 1999 ގައި ޖެނެރަލް ޕަރްވޭޒް މުޝައްރަފް ގެންނެވި އަސްކަރީ އިންގިލާބަށްފަހު ޝަހުބާޒް ގައުމު ދޫކުރައްވައި ސައުދީއަރަބިއާ އަށް އަމިއްލަފުޅަށް އަރުވާލެއްވިގެން ހުންނެވި އެވެ. އަދި ސައުދީން އެނބުރި ވަޑައިގެންފައިވަނީ 2007 ގައެވެ. އެމަނިކުފާނުގެ ޕާޓީން ޕާކިސްތާނުގެ އާންމު އިންތިހާބުގައި 2008 ގައި ބޮޑު ކާމިޔާބެއް ހޯއްދަވައި އަނެއްކާވެސް ޕަންޖާބުގެ ޗީފް މިނިސްޓަރު ކަމަށް ވަޑައިގަތެވެ. ޝަހުބާޒު 2013 ގައި އަނެއްކާވެސް އިންތިހާބު ކާމިޔާބު ކުރައްވައި ޕަންޖާބުގެ ޗީފް މިނިސްޓަރަކަށް ތިންވަނަ ފަހަރަށް ވަޑައިގަތެވެ. ނަމަވެސް 2018 ގައި ބޭއްވުނު އާންމު އިންތިހާބުގައި ނާކާމިޔާބުވެވަޑައިގަތީ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން އާއި ވާދަކުރައްވަ އެވެ.

ޕަންޖާބުގެ ޗީފް މިނިސްޓަރުގެ ގޮތުގައި ޝަހުބާޒު ފެނިވަޑައިގެންފައިވަނީ ވަރަށް ގާބިލް އަދި އެހާމެ ފަރުވާތެރި ހިންގުންތެރި ބޭފުޅެއްގެ ގޮތުގަ އެވެ. އެމަނިކުފާނުވަނީ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފައްޓަވައި ސަރުކާރު ވަރަށް ރަނގަޅަށް ހިންގަވާފަ އެވެ. ޕާކިސްތާން މުސްލިމް ލީގުގެ ރައީސަކަށް ޝަހުބާން ހޮވިވަޑައިގަތީ އޭނާގެ ބޭބޭފުޅު ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ނަން މަޝްހޫރު ޕެނަމާ ޕޭޕާސް އިން ގެނައި ކޮރަޕްޝަނުގެ ހިމެނުމުން ނަވާޒްގެ ނަން ނަގަން ޖެހުމުންނެވެ. ޝަހުބާޒު ވަނީ ޕާކިސްތާނުގެ އިދިކޮޅު ލީޑަރުގެ ގޮތުގައި 2018ގެ އިންތިހާބަށްފަހު ކަނޑައެޅިގެން ގޮސްފަ އެވެ.

މަނީ ލޯންޑްރިންގެ ތުހުމަތު ޝަހުބާޒާއި ދަރިކަލުން ހަމްޒާ ޝަރީފަށް ކުރެވި 2019 ގައި އެ ދެބޭފުޅުންނަށް ނިސްބަތްވާ 23 ޕްރޮޕަޓީއެއް ފްރީޒް ކުރެވުނެވެ. އަދި ސެޕްޓްމްބަރު 2018 ގައި ލާހޫރު ހައިކޯޓުގެ އަމުރަށް ޝަހުބާޒް ހައްޔަރުކުރެވި އެޕްރީލް 2021 ގައި ކަފާލާތުގެ ދަށުން ލާހޫރުގެ ހައިކޯޓުން މިނިވަން ކުރި އެވެ.

އޭގެ ފަހުން ޕާކިސްތާނުގައި ސިޔާސީ ހަމަނުޖެހުން ބޮޑުވެ އެޕްރީލް މަހު 2022 ގައި ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ޕާލިމަންޓްގައި ނެގުނެވެ. އަދި އިދިކޮޅު އެންމެ ތާއީދު ބޮޑު ލީޑަރުގެ ހައިސިއްޔަތުން ޝަހުބާޒް ޝަރީފް ޕާކިސްތާނުގެ އައު ބޮޑުވަޒީރުކަމަށް ވަޑައިގަތެވެ.