މީހުން

އުރުދުންގެ ރަސްގެފާނު އަބްދުﷲ: ސުލްހައިގެ އާރުކާޓީ

އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން އަލް ހުސައިން ދެވަނަ ރަސްކަމާއި ހަވާލުވެވަޑައިގަތީ އޭނާގެ ބައްޕާފުޅު ރަސްގެފާނު ހުސައިން އަވަހާރަވުމާ ގުޅިގެން 1999ގެ ފެބްރުއަރީ މަހު އެވެ.

ޝާހީ ހާންދާނުގެ އާދަކާދައިގެ މަތީން ރަސްގެފާނު ހުސައިން އަވަހާރަވުމުގެ ކުޑަވަގުތު ކޮޅެއް ކުރިން އޭނާ ވަނީ އޭނާގެ ބަދަލުގައި އުރުދުންގެ ރަސްކަމާއި ދެން ހަވާލުވެވަޑައިގަންނަވާނީ އޭނާގެ ދަރިކަލުން އަބްދުﷲ ދެވަނަ ކަމުގައި ވިދާޅުވެފަ އެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އަކީ ސީދާ ކީރިތި ރަސޫލާގެ ދަރިފަސްކޮޅު ކަމަށްވާ މައްކާގެ ހާޝިމް ވަންހައިގެ 41 ވަނަ ދަރިފަސްކޮޅުން ވަޑައިގެންފައިވާ ޝާހީ ބޭފުޅެކެވެ. 1921 އިން ފެށިގެން މިނިވަންވި އުރުދުންގައި ރަސްކަން ހަވާލުކުރެވުނީ ހާޝިމް ވަންހައިގެ މި ދަރިކޮޅާ އެވެ. އުރުދުންގެ ރަސްކަން ހާޝިމް ވަންހައިގެ މި ދަރިކޮޅަށް ލިބިފައިވަނީ 1921 އާ ޖެހެންދެން އެ ދަރިކޮޅަކީ އިސްލާމީ ދައުލަތުގެ އުސްމާނީ ޒަމާނުގައި މައްކާ އާއި މަދީނާގެ ބެލެނިވެރިކަން ކުރަމުން އައިސްފައިވާ ފަރާތަށް ވާތީ އެވެ.

ރަސްގެފާނު އަބްދުﷲ އަކީ މިލިޓަރީ ތަމްރީނު ހޯއްދަވާފައިވާ ޖެނެރަލެކެވެ. ރަސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އުރުދުންގެ އިގްތިސޯދު ހުޅުވާލައްވައި ގެންނެވި އިސްލާހުތަކުން އިގްތިސޯދީ ރަންޒަމާނެއް 2008 އަކާއި ޖެހެންދެން އުރުދުންގައި އޮތެވެ. ނަމަވެސް އަރަބި ދުނިޔެ އަށް އައި ޑިމޮކްރަސީގެ އަރަބި ސްޕްރިންގްގެ އަސަރު އުރުދުން އަށްވެސްކޮށް އިގްތިސާދު ދަށްވި އެވެ. އެވަގުތު ސިޔާސީ އިސްލާހުތަކެއް ގެންނަވައި ސަރުކާރު އެކުލަވާގޮތް ބަދަލުކުރައްވައި އުރުދުންގައި ބަރުލަމާނީ ނިޒާމެއް ގައިމުކުރެއްވި އެވެ.

ރަސްގެފާނު އަބްދުﷲ ފާހަގަކުރެވިފައިވަނީ އުރުދުންގައި ސުލްހަ އާއި ހަމަޖެހުން ދަމަހައްޓަވައި އަދި އެކި އަގީދާތަކުގެ މެދުގައި ގުޅުން ބަދަހިކުރައްވަން މަސައްކަތް ކުރައްވާ އިސްލާމްދީނުގެ މެދުމިނުގެ ސިޔާސަތު ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ރަސްގެފާނު އަބްދުﷲ އަކީ މިވަގުތު އަރަބި ދުނިޔޭގައި ވެރިކަން ހިންގަވަމުން އަންނަ އެންމެ ގިނަދުވަސްވީ އެންމެ އިސް ވެރިޔާ އެވެ. 2016 ވަނަ އަހަރު މުސްލިމް ދުނިޔޭގައި ހުރި އެންމެ ނުފޫގަދަ ފަރާތުގެ އިތުރުން 2022 އަދި 2023 ގައި ފަސްވަނައަށް އެންމެ ނުފޫޒުގަދަ ފަރާތްކަމުގައި ރޯޔަލް އިސްލާމިކް ސްޓްރެޓެޖިކް ސްޓަޑީޒް ސެންޓަރުން ކަނޑައަޅާފައިވެ އެވެ.

ރަސްގެފާނު އަބްދުﷲ އަކީ މިވަގުތުވެސް ފަލަސްތީނުގެ ޖެރޫސަލަމްގައި ހުރި މުސްލިމުންގެ މާތް ހަރިއްމަ ތަކުގެ ބެލެނިވެރި ފަރާތެވެ.