ހުޅުމާލޭގެ އަޒީޒާ މިސްކިތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާ އިމާމު މީހާ މިސްކިތަށް ހާޒިރު ނުވުމުން އޭނާއަށް ފިޔަވަޅު އަޅައިފި އެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އީދު ނަމާދުކުރަން ހާއްސަކޮށްފައި ތިބޭ އިމާމުންނަށް މިސްކިތަށް ހާޒިރު ނުވެވޭ ހާލަތުގައި ބަދަލުގައި ނަމާދުކުރާނެ އިމާމަކުވެސް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައި ހުރެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަޒީޒާ މިސްކިތުގައި އީދު ނަމާދުކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ މީހާއާއި އޭނާގެ ބަދަލުގައި އިމާމުކަން ހަވާލުކޮށްފައިވާ މީހާއާއި ދެމީހުންވެސް މިއަދު މިސްކިތަށް ހާޒިރުނުވާ ކަމަށެވެ.
އެހެންވެ އުސޫލުގެ ތެރެއިން މައްސަލަ ބަލައި ފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިޔުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަޖައްސާފައިވަނީ އަޒީޒާ މިސްކިތުގައި ހުންނަ އަސްލު އިމާމު ކަމަށެވެ. އެހެންވެ މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރުނުވާތީވެ އެ މައްސަލަވެސް ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑް ކުރަންވެސް ކަމާބެހޭ ޔުނިޓަށް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އަޒީޒާ މިސްތުގައި އީދު ނަމާދުކުރަން މިނިސްޓްރީން ހަމަޖައްސާފައި ތިބި އިމާމުން ޖަމާއަތަށް ނުދިއުމުން އިމާމުގެ ޒިންމާއާ ހަވާލުވީ، ބިދޭސީ މީހެއް ކަމަށް އެނގިފައިވެ އެވެ. އަދި ނަމާދަށްފަހު އޭނާ ހުތުބާ ކިޔާފައިވަނީ އަރަބި ބަހުން ކަމަށްވެސް އެނގިފައިވެ އެެވެ.