އީދު ނަމާދު

އީދު ނަމާދަށް މާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތައް ބަންދުކުރަނީ

Jun 26, 2023

އީދު ނަމާދަށް މާލޭގެ ތިން ސަރަހައްދެއްގެ މަގުތައް ބަންދުކުރުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އީދު ނަމާދަށް ބަންދުކުރަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ބައެއް މަގުތަކުގެ އިތުރުން އިސްލާމީ މަރުކަޒު އަދި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ ބައެއް މަގުތަކެވެ.

އުޅަނދު ޕާކުކުރުމަށް ހާއްސަކުރެވޭ ސަރަހައްދުގެ އިތުރުން ޕާކުކުރުން މަނާ ސަރަހައްދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދު ސަރަހައްދުތަކުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.

މީގެ އިތުރުން އީދު ނަމާދަށް މާފަންނު ސްޓޭޑިއަމްގައި ފިރިހެންނާއި އަންހެނުންނަށް ހާއްސަކުރެވޭ ގޭޓުތައް ވަނީ ފާހަގަކޮށްފަ އެވެ.

މާފަންނު ސްޓޭޑިއަމް އާއި އިސްލާމީ މަރުކަޒު އަދި ސަލްމާން މިސްކިތުގެ އިތުރުން މާލޭގެ 15 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލޭގެ ސިންތަޓިކް ޓްރެކާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލޭގެ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ އެވެ. މީގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ތިން މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ ދެ މިސްކިތެއްގެ އިތުރުން ހުޅުލޭގެ ދެ މިސްކިތަކާއި، ވިލިމާލޭގެ މިސްކިތެއްގައިވެސް އީދު ނަމާދު ކުރަން ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުން އެކުލަވާލާފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހެވެ.