ދުނިޔެ

ރަޝިއާގެ ރައީސް ޕޫޓިންގެ ކުއްލި ފޯނުކޯލެއް އުރުދުޣާނަށް

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަރަށް ކުއްލި ގޮތަކަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ފޯނުކޯލެއް ކުރައްވައިފި އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއިން ބުނި ގޮތުން ކުއްލި ފޯނުކޯލެއް ނަމަވެސް، ކަންބޮޑުވާ ވަރުގެ ވާހަކަތަކެއް ދެ ރައީސުން ނުދައްކަވަ އެވެ.

ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ދެ ރައީސުން މަޝްވަރާކުރެއްވީ، އޮކްޓޯބަރު 23 ގައި ރަޝިއާގެ ކަޒާންގައި އޮތް ބްރިކްސް ސަމިޓްގައި ދެ ލީޑަރުން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުންނެވެ.

ތުރުކީގެ ރައީސް އުރުދުޣާން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ޕޫޓިންގެ ވަރަށް އަރިސް ދެ ބޭފުޅުން ކަމަށް ވާތީ މި ދެ ބޭފުޅުންނަށް ޕޫޓިން ދޭތެރެ ދޭތެރެއިން ގުޅުއްވާ ކަމަށްވެސް ބަޔާނުގައި އޮތީ ބުނެފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަދަދު އިތުރުކުރުމާ ބެހޭ ގޮތުން ދެ ލީޑަރުން ދެއްކެވި ވާހަކަތަކުގެ އިތުރުން، ސަރަހައްދީ މަސްލަހަތަށް އަހަންމިއްޔަތުކަން ދެއްވުމަށް -- ޕޫޓިންގެ އަރިހުން އުރުދުޣާން އެދިވަޑައިގެންނެވި ކަމަށް ޚަބަރުތައް ބުނެ އެވެ.

ބްރިކްސް ޖަމާއަތް ފުޅާކުރުމާއި ހަރުދަނާކުރުމާ ބެހޭ ގޮތުން ދެ ރައީސުން މަޝްވަރާކުރެއްއި ކަމަށް އުރުދުގާންގެ އޮފީހުން ބުންޏެވެ.

ޕޫޓިންއާ އުރުދުޣާން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި، ރަޝީއާގެ އެއްބާރުލުމާ އެކު ތުރުކީގައި ބިނާކުރަން ތައްޔާރުވަމުން އަންނަ ނިއުކްލިއާ އިންޖީނުގެއާ ބެހޭ ވާހަކައް ވެސް ހިމެނެ އެވެ.

ރަޝިއާގެ އެހީގައި ތުރުކީގައި މިހާރުވެސް ނިއުކްލިއާ އިންޖީނުގެއެއް ބިނާކުރުމުގެ މަސައްކަތްތައް ދަނީ ކުރި އަށެވެ.

ދުނިޔޭގެ ބައެއް އެހެން މައުލޫތަކަށް ދެ ރައީސުން ބައްލަވާލައްވައި، މެދުއިރުމަތީގައި އޮތް ނުތަނަވަސްކަމަށް އަވަސް ހައްލެއް ގެނައުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.