ދުނިޔެ

"އުރުދުޣާނަށް ސުލްހައިގެ މެދުވެރިއަކަށް ނުވެވޭނެ"

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކިތަންމެ ބޮޑަށް އެދިވަޑައިގަތް ނަމަވެސް ރަޝިއާ އާއި ޔުކްރޭން ސުލްހަވުމަށް ކުރެވޭ މަޝްވަރާތަކުގެ މެދުވެރިއަކަށް އޭނާއަށް ވެވަޑައި ނުގަނެވޭނެ ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.

ޕެސްކޯވް ވިދާޅުވި ގޮތުގައި އުރުދުޣާން އަކީ ރަޝިއާއަށް ވަރަށް ބޮޑު ވަފާތެރިއެކެވެ. ޔުކްރޭން ހަނގުރާމައާއި ގުޅިގެން ނުފޫޒުގަދަ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އެޅި އެއްވެސް ފިޔަވަޅެއްގައި ތުރުކީ ބައިވެރިނުވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ތުރުކީ ދެމިއޮތީ ރަޝިއާއާ އެކުގައި ކަމަށް ވިދާޅުވެ ތަރުޖަމާން ވިދާޅުވީ އުރުދުޣާން އަކީ ޔުކްރޭނަށް ވެސް ދެރަ ގޮތް ވާން އެދިވައިގަންނަވާ ލީޑަރެއް ނޫން ކަމަށެވެ.

ކަޒަކިސްތާންގެ ވެރިރަށް އާސްތާނާގައި އޮތް ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސިއޯ) ސަމިޓްގައި، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވައި އުރުދުޣާން ވަނީ ޔުކްރޭން ސުލްހަކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ތުރުކީއަށް އެ ދައުރު އަދާކުރެވިދާނެ އެވެ. ރަޝިއާ އާއި ޔުކްރޭން އަކީ ވެސް ތުރުކީއާ ވަރަށް ގާތް ދެ ގައުމު ކަމަށް ވިދާޅުވެ އުރުދުޣާން ވިދާޅުވީ މި ދެ ގައުމުގެ ލީޑަރުން މަޝްވަރާ މޭޒު ދޮށަށް ގެނެވިދާނެ ކަމަށެވެ. ނަމަވެސް ތަރުޖަމާން ޕެސްކޯފް ވިދާޅުވީ އުރުދުޣާން އެދިވަޑައިގަންނަވާ ގޮތަށް އެހާ ބުރަ މަސައްކަތެއް އުރުދުޣާންއާ، ރަޝިއާ އިން ހަވާލުނުކުރައްވާނެ ކަމަށެވެ.

ސުލްހައިގެ މަޝްވަރާއަށް މެދުވެރިއަކަށް ވުމަށް އުރުދުޣާންއަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅު ވަނީ ކީއްވެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ދިމިތުރީ ޕެސްކޯފް އިތުރު އަދި ތަފާތު އެހެން ޖަވާބެއް ނުދެއްވި އެވެ.

ތަރުޖަމާން ވިދާޅުވީ އެކަން އެގޮތަށް ވާން ނެތީ ކަމަށެވެ.

ތުރުކީ އަކީ ނޭޓޯ ޖަމާއަތުގެ ގައުމެކެވެ. ޔުކްރޭން ހަނގުރާމަ ފެށިގެންވެސް މި އުޅެނީ ނޭޓޯގެ ޖެއްސުންކުރުންތަކާ ހެދި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލަން އެތައް ފުރުސަތެއް ލިބިފައިވާއިރު ޔުކްރޭނުންވެސް އެގޮތެއް ބޭނުމެއް ނުވެ އެވެ.

ޔުކްރޭން ބުނާ ގޮތުން އެ ގައުމުގެ ބިމުން އެއްވެސް ވަރެއް ރަޝިއާގެ އަތްދަށުގައި އޮތްހައި ހިނދަކު ސުހްލަ ގާއިމެއް ނުވާނެ އެވެ.

ރަޝިއާގެ ވާހަކަ އަކީ ބިން ދޫކުރުމަށް ޝަރުތުކޮށް ސުލްހައިގެ މަޝްވަރާތަކުގައި ހިމަނާ އެއްވެސް މާއްދާއެއް އެ ގައުމުން ގަބޫލު ނުކުރުމެވެ.