އަސްކަރީ ޖެޓު ފައިޓަރުތަކާއި ބޮންއަޅާ މަތިންދާބޯޓުތައް ރާޑަރަށް ގެއްލުވާލާ ބާވަތެއްގެ ދަވާދެއް، ޗައިނާ އަސްކަރިއްޔާގެ ސައިންސްވެރިން އުފައްދައިފި އެވެ.
މި ހަބަރު ގެނެސްދީފައި އޮތީ ސައުތު ޗައިނާ މޯނިން ޕޯސްޓްގައި ނެޝަނަލް ޔުނިވާސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީއާ ހަވާލާދީ އެވެ.
ސައިންސްވެރިން ބުނާ ގޮތުން މި ދަވާދު ކާއްތާލުމުން ރާޑަރުތަކުން ފޮނުވާ ސިގްނަލްގެ ބޮޑު ބައެއް ކެންސަލްކޮށްލަައި އޮޅުވާލަ އެވެ. އޭގެ ސަބަަބުން އެއީ ކޮން އެއްޗެއްކަން ދެނެގަތުމުގައި ރާޑަރުތަކަަށް އޮޅެ އެވެ.
މިއީ އުފައްދަން ފަސޭހަ، އަގު ހެޔޮ މާއްދާއެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. މިހެންކަމުން ފައިޓަރު ޖެޓުތަކުގައި އަދި މަތިންދާބޯޓު އުފުލާ މަނަވަރުތަކުގައި ކާއްތާލަން މާބޮޑު ތަކުލީފަކަށް ނުވާ ކަމަށް ޑިފެންސް ޔުނިވާސިޓީން ބުންޏެވެ.
އަސްކަރީ ސައިންސްވެރިން ދެކޭ ގޮތުގައި މިއީ ހަނގުރާމަތައް ކާމިޔާބުކުރުމަށް ޗައިނާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ދުޝްމަނުންނަށް އޮޅުވާލައި އަމާޒަށް ވާސިލުވުމަށް ލިބުނު ތަރައްގީއެއް ކަމަށް ސައިންސްވެރިން ދެކެ އެވެ.
ޗައިނާ އަކީ އަސްކަރިއްޔާގައި ގޮތް ނޭނގޭ ޓެކްނޮލޮޖީ ވަރަށް ގިނައިން ބޭނުންކުރާ ގައުމެކެވެ. މިއީ މުޅިންވެސް ޗައިނާގެ އަމިއްލަ އުފެއްދުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި ހަނގުރާމައެއްގައި ޗައިނާއާ ވާދަކުރަން ޖެހިއްޖެ ބަޔަކަށް -- ޗައިނާގެ އަތުގައި ހުރި އަސްކަރީ ބާރުތަކުން އަޖައިބު ދައްކާނެ އެވެ.
އަސްކަރީ ގޮތުން ޗައިނާ ހޯދާފައި ހުރި ކުޅަދާނަކަން ދުނިޔެއަށް އަދި އާންމު ނުކުރާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.