ރަޝިއާގެ ފަސްވަނައަށް އެންމެ ބޮޑު ސިޓީ -- ކަޒާންގައި، ބްރިކްސްގެ އަހަރީ ސަމިޓް ފެށިގެން ކުރިއަށް އެބަދެ އެވެ. މި ސަމިޓަށް އޮތް ތާރީހަކީ އޮކްޓޯބަރު 22 – 24 އަށެވެ.
މި އަހަރުގެ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޗައިނާގެ ރައީސް ޝީ ޖިންޕިން، ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ ހިމެނެ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް މުހައްމަދު ބިން ޒައިދު އައްނަހްޔާން، އިރާންގެ ރައީސް މަސްއޫދު ޕަޒެޝްކިއާން، މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ، އިތިއޯޕިއާގެ ބޮޑުވަޒީރު އަބިޔު އަހްމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ބްރިކްސްގެ އަހަރީ ސަމިޓުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި ވިއެޓްނާމްގެ ރައީސް ފަމް މިން ޗިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ބްރިކްސް ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން އަންކާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އުރުދުޣާން ވިދާޅުވީ ބްރިކްސްއާ މެދު އުއްމީދު އެބައޮތް ކަމަށެވެ.
ތުރުކީގެ ފޯކަސް އޮތީ ބްރިކްސްއަށް ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އަދި ބްރިކްސް ޖަމާއަތާ އެކު އިހްލާސްތެރި ގުޅުމަކަށް އެދިވަޑައިގެންނެވި އެވެ.
ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އިސްވެ 2009 ގައި އުފެއްދި ބްރިކްސް ޖަމާއަތަކީ ވޭތުވެ ދިޔަ މަދު ދުވަސްތަކަށް ބަލާއިރު ކާމިޔާބު ހޯދާފައިފާ ޖަމާއަތެއް ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
ބްރިކްސްގެ ބާނީންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ރައީސް ލޫލާއަށް މި އަހަރުގެ ސަމިޓްގައި ބައިވެރިވެވޭ ގޮތެއް ނުވި އެވެ.
ލޫލާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން މި ސަމިޓުގައި ރައީސްއަށް ބައިވެރިވެވަޑައި ނުގަނެވުނީ ބޮލަށް ލިބިވަޑައިގެންނެވި ޒަހަމެއްގެ ސަބަބުންނެވެ.
ބްރެޒިލްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ހާރިޖީ ވަޒީރު މައުރޯ ވިއެރާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް މި ސަމިޓަށް، ކަޒާންއަށް ވަޑައިގަންނަވާނެ އެވެ. އަދި ރައީސް ޕޫޓިންއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ.
ތުރުކީގެ ރައީސް އުރުދުޣާން މި ފަހަރުގެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ އޮބްޒާވަރެއްގެ ހައިސިއްތުނެވެ. ތުރުކީން ވެސް ވަނީ ބްރިކްސްއަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.