ބްރިކްސް އަކީ ބައިވެރިވާން ރަނގަޅު އިގުތިސާދީ ޖަމާއަތެއް ކަމަށް ތުރުކީގެ ހާރިޖީ ވަޒީރު ހަކާން ފިދާން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ބްރިކްސްގެ ހަރަކާތްތަކަށް ބެއްލެވުމަށްފަހު ތުރުކީން ގޮތެއް ނިންމަވާނެ ކަމަށެވެ.
ޗައިނާގައި، ސެންޓާ ފޮ ޗައިނާ ގްލޯބަލައިޒޭޝަން (ސީސީޖީ)ގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ހަކާން ވިދާޅުވީ ބްރިކްސްގައި ބައިވެރިވުމާ މެދު މި އަހަރު ތެރޭގައި ތުރުކީ ސަރުކާރުން ގޮތެއް ނިންމުމަށް ހުށަހަޅުއްވާނެ ކަމަށެވެ. ސަރުކާރުގެ ވެރިންގެ މެދުގައި އަދި ކެބިނެޓުގައިވެސް ބްރިކްސްއާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ހުރި ކަމަށް ވަޒީރު ވިދާޅުވި އެވެ.
އިގުތިސާދީ ގޮތުން އެއްބާރުލުމަށްޓަކައި ގައުމުތަކުން އުފައްދާފައި ހުރި ބައެއް ޖަމާއަތްތައް -- މިސާލަކަށް ޖީސެވަން އަށް ފާއިތުވި ދުވަސްތަކުގައި ހަރަކާތްތެރިވެވިފައި ނެތް މިންވަރަށް ބްރިކްސް ހަރަކާތްތެރިވެފައިވާ ކަމަށް އިގުތިސާދީ މަރުކަޒީ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ބްރިކްސްއަށް މިސާލު ޖައްސަވައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި، ބާރުތައް ވަކިވެފައި އޮތް ދުނިޔެއަކަށް ބްރިކްސް އަކީ ބާރުގަދަ ހަތިޔާރަކަށް ވާނެ އެވެ.
ދުނިޔޭގައި ބާރުތައް މިހާރު އޮތީ ވަކި ބައެއްގެ އަތްމަތީގައި ނޫން ކަމަށް ޕޫޓިން ވިދާޅުވި އެވެ. މިހެންކަމުން އިގުތިސާދަކީވެސް ގައުމުތައް ގުޅިގެން ބައްޓަންކުރާ ހިންގުންތަކަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބްރިކްސް އާއި ޝަންހާއީ ކޯޕަރޭޝަންގެ ބިންގާ ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން ތުރުކީ އަކީ ބްރިކްސްގައި ހިމެނެންޖެހޭ ގައުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ބްރިކްސްއަށް ޝައުގުވެރިކަން ފާޅުކުރުމުން ތުރުކީއަށް މަރުހަބާ ދަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ޕެސްކޯފް ވިދާޅުވީ ތުރުކީއަކީ ރަޝިއާއަށް ވަރަށް މުހިއްމު ގައުމެއް ކަމަށެވެ. އިގުތިސާދީ ގޮތުން ތުރުކީ ހަރުފަތްތަކަކަށް އުފުލުމުގައި ރައީސް އުރުދުޣާން ކުރައްވާ މަސައްކަތްތަކަށް ތައުރީފްކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.