ދުނިޔޭގެ ބާރުތައް ވޮޝިންގްޓަން އަތުން ދޫވެ، ބައިބައިވެއްޖެ ކަމަށް އެމެރިކާގެ ކުރީގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޗެއާމަން މާކް މިލޭ ވިދާޅުވެއްޖެ އެވެ.
މާކް މިލޭ ވަނީ ޑޮނަލްޑް ޓްރަމްޕް އަދި ޖޯ ބައިޑަންގެ ސަރުކާރުގައި ޚިދުމަތްކުރައްވާފަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެމެރިކާގެ އަތުގައި ކުރިން އޮތް ބާރުތައް ބައިބައިވެ ގޮސް ދުނިޔޭގައި މިހާރު ތިން ބާރެއް އޮތީ އުފެދިފަ އެވެ.
ދުނިޔެ ގަބޫލުކުރާ ގަދަ ތިން ބާރަކީ ރަޝިއާ، އެމެރިކާ އަދި ޗައިނާ ކަމަށް ވެސް ޖެނެރަލް ވިދާޅުވި އެވެ. އެމެރިކާއަށް ލިބިފައި އޮތީ ބާރުތަކުގެ ތެރެއިން މަދު މިންވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާއަށް މިހާލަތު ޖެހުނީ އެމެރިކާ ހިންގަން ވަޑައިގަންނަވާ ވެރިންނަށް އެ ބާރުތައް ތަރުޖަމާކުރައްވަން އެނގިވަޑައިނުގަތުން ކަމަށް މާކް މިލޭ ވިދާޅުވި އެވެ.
މާކް މިލޭ ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގެ ވާދަވެރިއަކަށް ހަގީގަތުގައި ވާނީ ޗައިނާ އެވެ. ޗއިނާއާ މެދު އެމެރިކާ މިހާރު މުއާމަލާތްކުރާ ގޮތުން ހުރިހާ މޮޅެއް ދެންވެސް ލިބޭނީ ޗައިނާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިގުތިސާދީ ގޮތުން ގައުމަކަށް ދަތިކުރުމަކީ އެ ގައުމެއް ކުރިއަރައިގެން ދިއުމަށް ދެވޭ ދައުވަތެއް ކަމަށް މާކް މިލޭ ވިދާޅުވި އެވެ. އެމެރިކާ މިހާރު އޮތް ގޮތަށް އޮއްވައި ޗައިނާ އާއި ރަޝިއާ ތަޚުތު ކާމިޔާބުކޮށްފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަޔަކަށް ފާރަވެރިވުމަކީ އެއްވެސް ހާލެއްގައި ޖެއްސުންކުރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ޖެއްސުން ކުރަން ހަދައިގެން ގެއްލިގެން ދާނީ މުހިންމު ވަގުތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔެއަށް މިހާރު އެންމެ ރަނގަޅީ ޗައިނާގެ ސިޔާސަތު ކަމަށް މާކް މިލޭ ވިދާޅުވި އެވެ. ޗައިނާ ދައުވަތުދެނީ ހަނގުރާމަތައް ދޫކޮށްލައި -- އިގުތިސާދީ ގޮތުން ގަދަބާރަކަށް ވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިގުތިސާދީ ގަދަ ބާރަކަށް ވުމުގެ އިތުރުން ޗައިނާ އަކީ އަސްކަރީ ގޮތުން އެމެރިކާއަށް ގޮންޖަހާނެ ގައުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހުރިހާ މަންޒަރެއް ކުރެހެމުން ކުލަހެއްސެމުން ދަނީ އެމެރިކާގެ އަމަލުތަކުން ނުކުންނަ ދެލިން ކަމަށް މާކް މިލޭ ވިދާޅުވި އެވެ.