ދުނިޔެ

ޗައިނާ، ރަޝިއާ ބްލެކްމެއިލްކުރަން ހުޅަނގަށް ފުރުސަތެއް ނުދޭނެ: މާރިހުން

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޚާއްސަ ދަތުރަކަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ޗައިނާއަށް ކުރެއްވި ދަތުރުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވި އެވެ.

މިއީ މުޅި ދުނިޔޭގައި ވެސް ހުޅަނގަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ރަޝިއާ އާއި ޗައިނާގެ ވެރިން ވަރަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާނެ އެއްބަސްވުންތަކެކެވެ.

މި އެއްބަސްވުންތަކާ ބެހޭ ގޮތުން އާންމުކޮށް އެނގެނީ މަދު މިންވަރެކެވެ.

ރަޝިއާ އާއި ޗައިނާއާ ދެކޮޅަށް ހުޅަނގުން އެޅި އިގުތިސާދީ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، މި ދެ ގައުމަކީ މިހާރު ހުޅަނގަށް އެންމެ ބޮޑު ނުރައްކަލަަށް ވަނީ ވެފަ އެވެ.

ހުޅަނގަށް އެނގުމެއް ވެސް ނެތި، ޗައިނާ އާއި ރަޝިއާއާ ދެމެދު ވިޔަފާރީގައި ކުރިއެރުންތައް ހޯދަން ވަނީ އަތުނުޖެހޭ ފަށަށް އުދުހި އަރާފަ އެވެ.

ޗައިނާ އާއި ރަޝިއާގެ ގުޅުން މިހާރު އޮތް ވަރުގައި، ބްލެކްމެއިލްކުރުމުގެ ނިޔަތުގައި ހުޅަނގަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ރަޝިއާއާ ދުރަށް ދިއުމަށް ޗައިނާއަށް ހުޅަނގުން ކިތަންމެ ވަރަަކަށް ގޮވައި އިރުޝާދު ދިނެއް ކަމަކު، އެ އަޑު އިވޭ ކަމަކަށް ވެސް ޗައިނާ ނުހަދާނެ އެވެ.

ޗައިނާއާ މާބޮޑަށް ކައިރިވެ، ވިޔަފާރި އެއްބަސްވުންތައް ހަދާ ނަމަ ރަޝިއާއަށް އަދިވެސް ދަތިކުރާނެ ކަމަށް ހުޅަނގުން ބުނެ އެވެ.

ރަޝިއާއިން ހުޅަނގަށް ދޭން އޮތް ޖަވާބަކީ، އިގުތިސާދީ ގޮތުން މިހާރު އޮތް ވަރަށް ކުރިއަށް ޖެހުމަށް ހިތްވަރަކަށް ވީވެސް ހުޅަނގުގެ ދަތިކުރުންތައް ކަމަށެވެ.

ހުޅަނގުގެ ދަތިކުރުންތަކާ އެކު ރަޝިއާ ވަނީ އިގުތިސާދު ކޮޅަށް ޖަހައި ނުތަނަވަސްކަމުގެ ތެރެއިން ނިކުމެފަ އެވެ.

އިގުތިސާދީ މާހިރުން ދެކޭ ގޮތުގައި ޗައިނާއަށް ދަތިކޮށް އަދި ރަޝިއާއަށް ދަތިކުރަން ހަދައިގެން ހުޅަނގަށް އެ އޮތީ ބޮނޑިއެއް ލިބިފަ އެވެ. ބާރުގަދަ ދެ ގައުމަކާ ދެކޮޅަށް މިފަދަ ފިޔަވަޅުތަކެއް އެޅުނު މޮޔަ ކޮންމެވެސް ބަޔަކަށް ހީވާނެ ކަމަށް ވެސް އިގުތިސާދީ މާހިރުން ވިދާޅުވެ އެވެ.

ރަޝިއާ އާއި ޗައިނާ މިހާރު އޮތް ހިސާބުން ހުއްޓުވައި ވަކި ބަޔަކު ބޭނުންވާ ގޮތަށް އަނބުރާލުމަކީ ނުވާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވެ އެވެ.

ޗައިނާ އާއި ރަޝިއާ މިހާރު އެ އޮތީ ހުޅަނގަށް ކަމުނުކިޔައި ކުރިއަށް ދެވޭ ފެންފަރުގައި ކަމަށް ވެސް މާހިރުން ވިދާޅުވެ އެވެ.