ޔުކްރޭން މައްސަލަ ހައްލު ކުރެވެން ހުރި ގޮތްތައް ދޫކޮށްލައި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާލުރުމަކީ އެއްވެސް ހަލެއް އޮތް ކަމެއް ނޫން ކަމަށް ޗައިނާ ބުނެފި އެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖައޯ ލިޖިއަން ވިދާޅުވި ގޮތުގައި ހަމަަނުޖެހުންތައް އަވަހަށް ހުއްޓާލެވެން ގޮތެއް އޮތް ނަމަ އެއީ އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ވާނެ ކަމަށެވެ.
ރަޝިއާ-ޔުކްރޭން މައްސަލަ ހައްލު ކުރެވެން އޮތް އެންމެ ކުރު މަގަކީ ދަތިކުރުންތައް ހުއްޓާލައި މަޝްވަރާއަށް ތަންދިނުން ކަމަށް ޗައިނާ ބުނެ އެވެ.
ޔުކްރޭނަށް އަރައިގަނެ ރަޝިއާ ސިފައިން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެމެރިކާ އާއި އިނގިރޭސިވިލާތް އަަދި ވިލާތުގެ ބައިވެރިން ވަނީ ރަޝިއާއަށް ގުޑައި ނުލެވޭ ވަރަށް ދަތިކުރުންތައް ވަރުގަދަކޮށްފަ އެވެ.
ރަޝިއާއާ ދެކޮޅަށް ދަތިކުރުންތައް އިތުރުކޮށް ފިޔަވަޅުތައް ހަރުކަށި ކުރުމަކީ އެމެރިކާއާ ބައިވެރިން ވިސްނުން މިހާރު ވެސް ހުރި ގޮތެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ބުނާ ގޮތުން ރަޝިއާއަށް ހުރި އާދަތިކުރުންތައް ލަސްނުކޮށް އިއުލާން ކުރާނެ އެވެ. އެމެރިކާ ބުނާ ގޮތުން ދަތިކުރުމުގެ ބޭނުމަކީ ރަޝިއާ މޮޔަހީވާވަރު ކުރުމެވެ.
ޖައޯ ލިޖިއަން ވިދާޅުވީ އެމެރިކާ އަކީ މަސްލަހަތު އިސްކުރާ ގައުމެއް ނަމަ ދަތިކުރުންތައް ހުއްޓާލައި ސުލްހަވުމަށް ހުރި ދޮރުތައް ހުޅުވައިދޭންވީ އެެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާޣެ ކިބައިން ފެންނަނީ ކުށަށް އިއުތިރާފު ނުވުމާއި ޖެއްސުން ކުރުމާއި ބޯހަރު ކަމެވެ.
ރަޝިއާ-ޔުކްރޭން މައްސަލާގައި ޗައިނާ އާއި އިންޑިއާ އޮތީ ވަކި ކޮޅަކަށް ނުޖެހި އެވެ. މި މައްސަލައިގެ ތެރެއަށް ވަނުމަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ޗައިނާ ބުނެ އެވެ.
ރަޝިއާ ކުށްވެރިކޮށް އެއްޗެއް ބުނުމުގައި ވެސް ޗައިނާ އާއި އިންޑިއާ އޮތީ ހިމޭނުންނެވެ. މިކަމާ ގުޅިގެން ވައިޓް ހައުސްއިން ބުނީ ޗައިނާއާ ރަޝިއާގެ އެހީތެރިކަމާ ނުލާ ވެސް ރަޝިއާށް ދަތިކުރާނެ ކަމަށެވެ. އަދި ދަތިކުރުން ތަކުން ރަޝިއާއަށް ގެއްލުން ދޭނެ ކަމަށެވެ.