ޔުކްރޭންގައި ރަޝިއާ ބަލިވާނަމަ ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމަށް ވިދާޅުވެ ރަޝިއާގެ ކުރީގެ ރައީސް، ދިމިތުރީ މެދުވޭދެފް ނޭޓޯއަށް އިންޒާރު ދެއްވައިފި އެވެ.
މެދުވޭދެފް މިހެން ވިދާޅުވިއިރު ރަޝިއަން އޯތޮޑޮކްސް ޗާޗްގެ ވެރިޔާ ވެސް ވަނީ ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިކުރަން ހުޅަނގުން ކުރާ މަސައްކަތްތަކުގެ ސަބަބުން ދުނިޔެ ފަނާވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ހުޅަނގަށް އިންޒާރު ދެއްވާފަ އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައަށް 11 މަސް ފުރެން ދާއިރު އަދިވެސް ފެންނަނީ ހުޅަނގުން ހިތްވަރުލާފައި ހަނގުރާމަ ވަރުގަދަކުރަން ކުރާ މަސައްކަތްތަކެވެ.
ހަނގުރާމަ ނިންމެން އޮތީ މަޝްވަރާކޮށްގެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް ރަޝިއާ ބަލިކޮށް ކުޑަކަކޫ ޖެއްސުމަށް ފެންބޮވައިގެންފައި އޮތް ހުޅަނގަށް އެ އަޑު އިވޭ ކަމަކަށް ނުވެ އެވެ.
އެމެރިކާ އިސްނަގައިގެން ޔުކްރޭނަށް ބަރުހަތިޔާރު ފޯރުކޮށްދޭން ކުރާ މަސައްކަތްތަކުގައި އިނގިރޭސިވިލާތާއި ޔޫރަޕް ވެސް ވަނީ ބައިވެރިވެފަ އެވެ.
ޔުކްރޭނަށް މެޝިންބަޑި އާއި ރޮކެޓް ލޯންޗަރު ފޯރުކޮށްދިނުމަށް އެ ގައުމުތަކުން މިހާރު ދަނީ މުޅިން އާ ކެމްޕޭނެއް ހިންގަމުންނެވެ.
ރަޝިއާގެ މި އިންޒާރަކީ -- މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި -- ނޭޓޯގެ ހިތްވަރު ދެރަކޮށްލުމަށް ދިން އިންޒާރެކެވެ.
ރަޝިއާގެ ވިސްނުމަކީ ނިއުކްލިއާ ހަނގުރާމައެއެއްގެ ބިރަށް ނޭޓޯ އިން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން މަޑުޖައްސާލައި މަޝްވަރާއަށް ދީއްލާލުމެވެ.
ދިމިތުރީ މެދުވޭދެފް ވިދާޅުވި ގޮތުގައި ނިއުކްލިއާ ބާރު ލިބިގެންފައި އޮތް ގައުމެއް އެއްވެސް ހަނގުރާމައަކުން ބައްޔެއް ނުވާނެ އެވެ.
ހަނގުރާމަތަކުގައި އާދަކާދައިގެ މަތިން ބޭނުންކުރެވޭ ހަތިޔާރުތަކުން ކާމިޔާބާ ހަމައަށް ނުފޯރައިފިނަމަ -- ދެން ބޭނުންކުރާނެ ހަތިޔާރުވެސް އެ ގައުމުތަކުގައި ހުންނާނެ އެވެ. އޭނާ މި ވިދާޅުވަނީ ނިއުކްލިއާ ހަތިޔާރުގެ ވާހަކަ އެވެ.
އޭނާ އަދި ވިދާޅުވީ ނޭޓޯ އާއި ބައިވެރިންގެ ސިޔާސަތު މުރާޖާކުރަން ޖެހިފައިވާ ކަމަށެވެ. އެ ނޫން ގޮތެއްގައި ނޭޓޯގެ ބައިވެރިންނަށް ނުހަނު ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމަށެވެ.
ޔުކްރޭނަށް ހަމަލާދިނުމުގެ ކުރިން ރަޝިއާއަށް އެކަން ކުރަން ނުކެރޭނެ ކަމަށް ބުނެ ހުޅަނގުން ވާހަކަ ދެއްކި ކަމަށް ވެސް ދިމިތުރީ މެދުވޭދެފް ވިދާޅުވި އެވެ. އެކަމަކު ޔުކްރޭނަށް ހަމަލާދެމުން ގެންދާތާ އަހަރު ވަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާ ބަލިކުރުމަކީ ހުޅަނގަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރަޝިއާގެ ރައީސް، ލަޑިމިއާ ޕޫޓިން ވެސް މީގެ ކުރިން ވާހަކަދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާގެ ދިފާއުގައި ނުކުރައްވާނެ އެއްވެސް ކަމެއް ނޯންނާނެ އެވެ.