ދުނިޔެ

ހަކަތަ ޑޮލަރާއި ޔޫރޯއިން އަގުމަގު ނުކުރަން ޕޫޓިން އަމުރު ކުރައްވައިފި

ރަޝިއާގެ ހަކަތައަށް ބޭނުން ޖެހިފައި ތިބި "ބީރައްޓެހި" ގައުމުތަކަށް ތެލާއި ގުދުރަތީ ގޭސް އަދި ބޯޓުދެލި ވިއްކުމުގައި ރަޝިއާގެ ފައިސާ، ރޫބަލްއިން އަގުމަގު ކުރަން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަމުރު ކުރައްވައިފި އެވެ.

މޮސްކޯގައި ސަރުކާރުގެ ވެރިންނާ ބައްދަލު ކުރައްވައި ޕޫޓިން ވިދާޅުވީ އެމެރިކާ އާއި ވިލާތުން ރަޝިއާއަށް ފައިސާ ވަންނަން ހުރި ދޮރުތައް ބަންދުކޮށް އެ ގައުމުތަކުގައި ހުރި ރަޝިއާގެ ފައިސާ ހިފަހައްޓާފައި ވާއިރު ޑޮލަރާއި ޔޫރޯއިން އެ ގައުމުތަކާއެކު ވިޔަފާރި ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާއާ "ބީރައްޓެހި" ނަމަވެސް އެ ގައުމުތަކަށް ހަކަތަ ވިއްކާނެ އެވެ. އެކަމަކު އެ ގައުމުތަކަށް އޮތް ގޮތަކީ ރޫބަލްއިން އަގު ދެއްކުމެވެ.

ރަޝިއާއާ ބީރައްޓެހި ގައުމުތަކަކީ ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތި ކުރަން އެއްބާރު ލައިގެން ތިބަ ގައުމުތަކެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަނަށް ނިސްބަތްވާ ގައުމުތަކާއި ޖަޕާނާއި އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ވެސް ހިމެނެ އެވެ.

ރަޝިއާގެ މަރުކަޒީ ބޭންކަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް އެއްބާރުލައިގެން ރޫބަލްއިން މުއާމަލާތް ކުރުމަށް ތައްޔާރު ވުމަށް ޕޫޓިން އަމުރު ކުރެއްވި އެވެ.

އަދި ބީރައްޓެހި ގައުމުތަކަށް ގޭސް ވިއްކަން މިހާރު ހަދާފައި ހުރި ކޮންޓްރެކްޓްތައް ވަގުތުން ވަތުގަށް ބަދަލު ކުރެވެން ހުރި ނަމަ ރަޝިއާގެ ފައިސާއަށް ބަދަލު ކުރަންވީ އެވެ.

ޕޫޓިން ވިދާޅުވީ ރަޝިއާއިން ހަކަތަ ވިއްކުން ހުއްޓައި ނުލާނެ ކަމަށެވެ. އެއީ ކޮންމެ ގައުމަކަށް ވެސް އޮތް ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަަމަވެސް، ޕޫޓިން ވިދާޅުވީ ރަޝިއާ އާއި އެގައުމަކާ ދެމެދު އޮންނަ ގުޅުމަކަށް ބަލައި ފައިސާއިން ކުރެވޭ މުއާމަލާތްތައް ރޫބަލްއަށް ބަދަލުވާނެ ކަމަށެވެ.

ޔުކްރޭނަށް ރަޝިއާ ސިފައިން އަރައިގަނެ ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކާ ދެކޮޅުހަދާ ގައުމުތައް ވަރަށް ގިނަ އެވެ.

ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތިކުރުމަކީ އެމެރިކާ ސްޕޮންސާ ކޮށްގެން އިނިގިރޭސިވިލާތާއި ވިލާތު ގައުމުތަކުން ކުރާ ކަމެެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ދުރު ރާސްތާގައި ރަޝިއާއަށް ކުރާނީ ފައިދާ އެވެ.