ރަޝިއާ، ޔުކްރޭން ހަނގުރާމައަށް އޮތް ހައްލަކީ މަޝްވަރާކުރުންކަން ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެހެން ނަމަވެސް މަޝްވަރާ މޭޒުދޮށަށް ދެ ގައުމު ގެނެސް ދެއްކި އެއްވެސް ވާހަކައަކުން ކޮޅެއް މެދެއް ފެންނަ ގޮތް އޮތީ ނުވެފަ އެވެ.
އެމެރިކާ ބުނާ ގޮތުން ރަޝިއާ، ޔުކްރޭން ސުލްހަވުމަށް އަދި މަޝްވަރާކުރާކަށް ނުވެ އެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކޯޑިނޭޓަރު ޖޯން ކާބީ ވިދާޅުވި ގޮތުގައި މިއީ މަޝްވަރާއަށް އެންމެ ރަނގަޅު ވަގުތެއް ނޫނެވެ.
ޖޯން ކާބީ ވިދާޅުވި ގޮތުގައި ފުރަތަމަ ބަލަންވީ ޔުކްރޭން މޮޅުވޭތޯ އެވެ. ރަޝިއާ ދޭ ހަމަލާތަކުގެ މައްޗަށް ބާރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު ޔުކްރޭނުން ރަޝިއާ ސިފައިން ފައްސާލުމަކީ އެމެރިކާގެ ވިސްނުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޖޯން ކާބީ ވިދާޅުވި ގޮތުގައި މަޝްވަރާއަށް ރަޝިއާގެ ޝައުގުވެރިކަމެއް ނެތެވެ. އެހެންކަމުން މަޝްވަރާކޮށްގެން ވަގުތު ނަގާލުމަށް ވުރެ ޔުކްރޭނަށް ބަރުހަތިޔާރު ފޯރުކޮށްދިނުން މުހިންމެވެ.
ރައީސް ޕޫޓިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި މަޝްވަރާއަށް ރަޝިއާ ތައްޔާރެވެ. އޭނާ އަދި ވިދާޅުވީ ހުޅަނގުން ކިތަންމެ ހުރަހެއް އެޅި ނަމަވެސް މަޝްވަރާއަށް ފުރުސަތު ދޭނެ ކަމަށެވެ.
ޔުކްރޭން ހަނގުރާމަ އަކީ ހަގީގަތުގައި ޔުކްރޭން ލައްވައި ހުޅަނގުން ކުރުވާ ހަނގުރާމައެއް ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވެސް އޮތީ ބުނެފަ އެވެ. ހުޅަނގުގެ ބޭނުމަކީ ރަޝިއާގައި ބާރުހުރި ވަރު ބެލުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރަޝިއާއަށާއި ޔުކްރޭނަށް ދުނިޔެ ގޮވާލަނީ މަޝްވަރާ ކުރުމަށެވެ. ސުލްހަވުމަށް މަޝްވަރާ ނުކޮށް އަދި އިސްވެރިންގެ މެދުގައި މަޝްވަރާ ކުރުމެއް ނެތި ހަނގުރާމަ ނުނިމޭނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔެ ކާބޯތަކެއްޗަށް ޖެހި ގިނަ ބަޔަކު މަރުވެދާނެ ކަމަށްވެސް އދ. ގެ ގުނަވަންތަކުންނާއި މިނިވަން އޭޖެންސިތަކުން އޮތީ އިންޒާރުދީފަ އެވެ.
ދުނިޔެ ހަކަތައަށް ޖެހުމުގެ ސަބަބަކަށް ރަޝިއާ، ޔުކްރޭން ހަނގުރާމަ ވެދާނެ ކަމަށްވެސް ދުރުވިސްނޭ މީހުން ބުނެ އެވެ.