ދުނިޔެ

ޕޫޓިން އަވަހާރަކޮށްލަން ދިން ހަމަލަ ކާމިޔާބެއް ނުވި

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއަށް ދެ ޑްރޯން ބޭނުންކޮށްގެން ޔުކްރޭނުން އަންގާރަ ދުވަހުގެ ރޭ ދިން ހަމަލާގެ އަމާޒަކީ ރައީސް ލަޑިމިއާ ޕޫޓިން އަވަހާރަކޮށްލުން ކަމަށް މޮސްކޯއިން ބުނެފި އެވެ.

ރިޔާސީ ގަނޑުވަރަށް ބޮޑު ގެއްލުމެއް ދިނުމުގެ ކުރިން މި ދެ ޑްރޯން ވަނީ -- އިލެކްޓްރޯނިކް އަސްކަރީ ނިޒާމަކުން ވައިގެ ތެރެއަށް ގޮއްވާލާފަ އެވެ. އެހެން ނަމަވެސް، ބުރައިގެން ދިޔަ އަލިފާން ކަނިތައް ރިޔާސީ ގަނޑުވަރުގެ ގޯތިތެރެއަށް ފައިބާތަން އިންޓަނެޓްގައި ހުރި ވީޑިއޯ ކްލިޕްތަކުން ފެނެ އެވެ.

މި ހަމަލާގައި އެއްވެސް ތަނެއް ގޮވައި، ހުޅުހިފައި އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މޮސްކޯއިން ބުނާ ގޮތުން މިއީ ހަމަ ސީދާ ޓެރަރިސްޓް ހަމަލާއެކެވެ.

މި ހަމަލާއާ ގުޅިގެން ރައީސް ޕޫޓިންގެ ތާވަލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރިޔާސީ ގަނޑުވަރުން ބުނެ އެވެ. ކުރިން ތާވަލުކޮށްފައި ހުރި ހުރިހާ މަސައްކަތެއްގައި ޕޫޓިން ޝާމިލްވެ ވަޑައިގަންނަވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މި ހަމަލާއަށް ބަދަލުހިފާނެ ގޮތެއް ރަޝިއާއިން އަދި ނުބުނެ އެވެ. އެހެން ނަމަވެސް، ބަދަލުހިފުމަށް ރަޝިއާއަށް ފުރުސަތު ތަނަވަސްވެފައި އޮތް ކަމަށް ރިޔާސީ ގަނޑުވަރުން ބުނެ އެވެ.

ރިޔާސީ ގަަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ކްރެމްލިންއަށް ހަމަލާ އަމާޒުވިއިރު ޕޫޓިން ގަނޑުވަރުގައި ނޫޅުއްވަ އެވެ.

ޕޫޓިން އެއިރު ވަޑައިގެން އުޅުއްވި ކަމަށް ތަރުޖަމާން ވިދާޅުވީ މޮސްކޯގެ އެހެން ސަރަހައްދެއްގައި ރައީސްއަށް ޚާއްސަކޮށްފައި ހުންނަ ގަނޑުވަރެއްގަ އެވެ.

ކްރެމްލިންއަށް އަމާޒުކުރި ޑްރޯން އިމާރާތުގެ ފުރާޅު މަތީގައި ގޮވިއިރު ރިޔާސީ ގަނޑުވަރުގެ ގުއްބު މަތީގައި ދެ މީހަކު ހަރަކާތްތެރިވާތަން ވީޑިއޯއިން ފެނެ އެވެ. އެހެންކަމުން ބެލެވެނީ ޑްރޯން ގޮއްވާލާފައި ވަނީ ރިޔާސީ ގަނޑުވަރުގެ ސެކިޔުރިޓީން ކަމަށެވެ.

މި ހަމަލާއަށް ޚިޔާލުފާޅުކުރި މީހުން ދެކޭ ގޮތުގައި -- ހަމަލާ ރޭވުމުގައި ޔުކްރޭންގެ އަތެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް، ހަމަލާދިނުމުގައި ސީދާ ހަރަކާތްތެރިވެފައި ވަނީ ނޭޓޯ އާއި އެމެރިކާގެ ސީއައިއޭގެ އޭޖެންޓުން ކަމަށް ވަނީ ބުނެފަ އެވެ.

ޕޫޓިން އަވަހާރަކޮށްލައި ރަޝިއާގެ ވެރިކަން ބަދަލުކުރުމަކީ ހުޅަނގުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ވަރަށް ގިނަ މީހުން ބުނެ އެވެ.